އަމްރު ނަންގަވަނީ މުސާރައިގެ ދެބައިކުޅަ އެއްބައި
އަމްރު ނަންގަވަނީ މުސާރައިގެ ދެބައިކުޅަ އެއްބައި

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ނަންގަވަނީ މުސާރައިގެ ދެބައިކުޅަ އެއްބައި ކަމަށް "މިހާރު" އަށް އެނގިއްޖެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މި ބަދަލު އަމްރު އަމިއްލަ އަށް ގެނެސްފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންގެ މުސާރަ 32 ޕަސެންޓަށް ކުޑަ ކުރުމުގެ މާކުރިންނެވެ.

އެސްޓީއޯއަކީ ވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އިސްވެރިންނަށް ބޮޑެތި މުސާރަތަކެއް ލިބެމުން އައި ކުންފުންޏެކެވެ. އެގޮތުން އެމްޑީއަކަށް ހުންނަ މީހަކަށް ގާތްގަނޑަކަށް ލައްކައެއްހާ ރުފިޔާ ލިބޭނެ އެވެ.

މި ހާލަތުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައިގެ އޮނިގަނޑަށް ބަދަލުތަކެއް ގެނައުމަށް ފިނޭންސް މިނިސްޓްރީން ވެސް އަންގާފައިވެ އެވެ. އެސްޓީއޯއަކީ ކޮވިޑް-19 އާ ގުޅޭ މުހިއްމު ގިނަ ބާވަތްތަކެއް ރާއްޖެ ގެންނަ ކުންފުންޏެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަމްރުގެ މުސާރަ ކުޑަކޮށްފައިވާ އިރު ދައުލަތުގެ އިސް މަގާމުތަކާއި ކުންފުނިތަކުގެ ވެރިންގެ މުސާރަ ކުޑަ ކުރުމުގެ ހާއްސަ ޗެލެންޖެއް ހެޕީ މާކެޓްގެ ސީއީއޯ އަލީ އިހްސާން ސޯޝަލް މީޑިއާގައި ވަނީ ފައްޓަވައިފަ އެވެ. މި ޗެލެންޖްގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވަނީ އޭނާ ޗެލެންޖް ގަބޫލުކޮށް 50 ޕަސެންޓަށް މުސާރަ ކުޑަ ކުރަން ނިންމައިފަ އެވެ.

ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުން ވަނީ، މަހެއްގެ މައްޗަށް ސަރުކާރު މުވައްޒަފުންގެ މުސާރައިން އިތުރު 15 މިލިއަން ރުފިޔާ އުނި ކުރުމަށް ނިންމައިފަ އެވެ. އެގޮތުން ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން އަސާސީ މުސާރައިގެ ގޮތުގައި 20،000ރ އާއި 25،000ރ. އާ ދެމެދުގެ އަދަދެއް ލިބޭ މީހުންގެ މުސާރަ އިން 20 ޕަސެންޓް ކެނޑުމަށް ނިންމާފައިވެ އެވެ. އަދި 25،000ރ. -60،000ރ. އާ ދެމެދުގެ އަސާސީ މުސާރަ ލިބޭ މީހުންގެ މުސާރަ އިން 30 ޕަސެންޓް ކަނޑާ އިރު އެ އަށް ވުރެ މަތިން މުސާރަ ލިބޭ މީހުންގެ މުސާރައިން ކަނޑާނީ 35 ޕަސެންޓެވެ.