ދަތި ހާލުގައި ތިބި މީހުންނަށް ހާއްސަ "ހަދިޔާ" އެއް
ދަތި ހާލުގައި ތިބި މީހުންނަށް ހާއްސަ "ހަދިޔާ" އެއް

ތަނަވަސްކަން ހުރި މީހުންނަށް ވެސް އެތައް ގޮތަކުން ދަތި ދުވަސް ވަރެކެވެ. އާއްމު ހާލަތުގައި ވެސް ކިރިޔާ ކާ އެއްޗެއް ލިބި ފުއްދާލައިގެން އުޅުނު މީހުން ތިބީ ވަރަށް ނިކަމެތި ހާލުގަ އެވެ. ރާއްޖެ އާއި ބޭރުގައި ތިބި އެފަދަ އާއިލާތަކަށް ދިވެހިންގެ ބަޔަކު ވަނީ ހާއްސަ ހަދިޔާއެއް ހިއްސާކޮށްފަ އެވެ.

ކާ އެއްޗެހި ފޯރުކޮށްދޭން އދ. އިން ކުރިއަށްގެންދާ ޕްރޮގްރާމް، "ޝެއާ ދަ މީލް" އަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އެދި ނަޒްމީ ޖަލީލް އިސްނަގައިގެން، ތައްޔާރުކުރި ލަވަ މީގެ 13 ވަރަކަށް ދުވަސްކުރިން ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

އާއިލާގެ އެކި އުމުރުގެ މީހުން ބައިވެރިކޮށްގެން ހެދި ލަވައަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.

"އާއްމު ދިރިއުޅުމުގައި ލިބޭ މީހުންނަށް ވެސް ދަތިތައް އެބަ ދިމާވޭ ބޭނުންވާ ތަކެތި ހޯދުމުގައި. އެހެން މީހުން މާ ދަތިކޮށް އުޅެމުން އަންނަނީ. އެހެންވެ، ދަތި ހާލުގައި ތިބި މީހުންނާ އެކު ތިބިކަން ދައްކައި އެހީތެރިކަން ދިނުމަށް ބާރުއެޅުމަށް މި ލަވައިގެ ބޭނުމަކީ،" ނަޒްމީ ބުންޏެވެ.

ލަންކާގެ ލަވައެއްގެ މެލޮޑީއަށް ތައްޔާރުކުރި ލަވައިގައި ބުނެފައި ވަނީ ދަތި ހާލުގައި ތިބި ކުދިން ފެނި ހިތަށް ތަދުވާ ކަމަށެވެ. ޖާނާއި މާލުން ހަނގުރާމަ ކުރަމުން އަންނަނީ އުޖާލާ ކުރިމަގެއް ހޯދުމަށް ކަމަށް ބުނެ އެ ކުދިންނަށް އެހީތެރިކަން ދިނުމަށް އެދެ އެވެ.

ކޮވިޑް-19 ގެ ސަބަބުން ދުނިޔެ އަށް ކުރިމަތިވެފައިވާ އިގުތިސޯދި ކާރިސާގައި އެތައް ބައެއްގެ ވަޒީފާ ގެއްލި، ތިބީ ނިކަމެތި ހާލުގަ އެވެ. މި ބަލިމަޑުކަމުގައި ދުނިޔޭގެ އާބާދީގެ ތެރޭން 250 މިލިއަނަށް ވުރެ ގިނަ މީހުން ބަނޑަށް ޖެހި އަދި 10 ގައުމަކަށް އެކަމުގެ އަސަރު ބޮޑަށް ކުރާނެ ކަމަށް އދ. އިން ބުނެ އެވެ.

"ޝެއާ ދަ މީލް" އިން އިއްޔެ ބުނެފައިވާ ގޮތުގައި، އެކި ފަރާތްތަކުން 500،000 ކެއުމަށް ހަރަދުވާ ފައިސާ ވަނީ ހަދިޔާކޮށްފަ އެވެ.