10 މެއި 2020 - 18:57

ތަފާތު އެކި ތީމުތަކަށް ސްކޫލުތައް ޒީނަތްތެރިކޮށް އެކި ވައްތަރުގެ ގޭމްތައް ކުޅެ އެވެ. އެ ދުވަހާ ގުޅިގެން ސްކޫލްތަކަށް ބޮޑު އީދެއް އާދެ އެވެ. ކުދިން ދެކެ ލޯބިވާކަން ހާމަކޮށް އެ ކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދެ އެވެ؛ ޓީޗަރުން ތިބީ އެ ކުދިންނާ އެކު ކަން ހާމަކޮށްދެ އެވެ. މިއީ އެހެން އަހަރުތަކުގައި ކުޑަކުދިންގެ ދުވަހު ސްކޫލުތަކުން ފެންނަ އެއް މަންޒަރެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ސްކޫލުތައް ބަންދުކުރިތާ ދެ މަސް ވެގެން ދިޔައިރު މި އަހަރުގެ ކުޑަކުދިންގެ ދުވަހު ސްކޫލުތަކަށާއި ޓީޗަރުންނަށް އޮތީ ފަޅުކަމެ.

ޓީޗަރުންގެ އޮތް ލޯބި މިފަހަރު މި ހާމަކުރީ ސޯޝަލް މީޑިއާ އިންނެވެ. ރައްކާތެރި ކަމާއެކު ގޭގައި ތިބެން އެދުމުން، ތަފާތު އެކި މެސެޖުތަކާއެކު ޓީޗަރުން ދިޔައީ ކުދިން މަތިން ހަނދާންވާ ކަމަށް ބުނަމުންނެވެ.
ހިރިޔާ ސްކޫލުން، ފޭސްބުކްގައި ޖެހި ޕޯސްޓެއްގައި ބުނީ ދަރިވަރުންގެ ހާއްސަކަން ބަހަކުން ބަޔާނެއް ނުކުރެވޭނެ ކަމަށެވެ. އެ ކުދިންގެ މޫނުމަތިން ފެންނަ ހިނިތުންވުމަކީ ސްކޫލަށް ލިބޭ އުފަލެއް ކަމަށް ބުންޏެވެ.
"ކުޑަކުދިންގެ ހާއްސަ ދުވަހު، ތި ކުދިން ކުރާ ހުރިހާ ކަމެއްގައި ކާމިޔާބީއަށް އެދެން. ކުދިންގެ މަތިން ވަރަށް ބޮޑަށް ހަނދާންވޭ،" ހިރިޔާ ސްކޫލްގެ ޕޯސްޓެއްގައި ބުންޏެވެ.
ސްކޫލެއްގެ ޓީޗަރަކު ބުނީ މިއީ ކުދިންނާ ދުރުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރާ ފުރަތަމަ އަހަރު ކަމަށެވެ. ހުރިހާ ކުދިން މަތިން ވެސް ވަރަށް ހަނދާންވާ ކަމަށް ބުންޏެވެ.
"އުއްމީދަކީ ހާލަތު ބަދަލުވެ ވީ އެންމެ އަވަހަކަށް ކުދިންނާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބިގެން ދިއުން،" ޕްރައިމަރީއަށް ކިޔަވައިދެމުން އަންނަ ޓީޗަރު ބުންޏެވެ.
ލޮކްޑައުން ކުރުމާ ހިސާބުން ކެންގަރޫ ކިޑްސްގައި އައީ ވާޗުއަލްކޮށް ކިޔަވައިދެމުންނެވެ. ކުޑަކުދިންގެ ދުވަސް ފާހަގަކުރަން އެ ސްކޫލުގައި މިއަދު ވަނީ ވާޗުއަލް އާޓް ގެލެރީއެއް ވެސް ބާއްވައިފަ އެވެ.
"އާޓްސްޓެޕް" އެޕްލިކޭޝަން ނުވަތަ އެ ވެބްސައިޓް މެދުވެރިކޮށް ވެސް، ކެންގަރޫ ކިޑްސްގެ ދަރިވަރުން ތައްޔާރުކުރި އާޓް މަސައްކަތްތައް ފެންނާނެ އެވެ. ތަފާތު ހަރަކާތްތަކާއެކު ވާޗުއަލް އެސެމްބްލީއެއް ބާއްވާފައިވާއިރު އޭގައި ކޮންމެ ކްލާސް ޓީޗަރަކު ވެސް، އެ ކްލާހެއްގެ ދަރިވަރަކަށް ވަކި ހާއްސަ މެސެޖެއް ފޮނުވާފައިވެ އެވެ.
ކެންގަރޫ ކިޑްސް ހިންގާ އައިލެންޑާސް އެޑިއުކޭޝަންގެ އެގްޒެޓިވް ޑިރެކްޓަރު އަދްލީ ރަޝީދު ވިދާޅުވީ ފިލާވަޅުތަކާއި ދަރިވަރުން ކޮންމެ ދުވަހަކު ގޭގައި ކުރާނެ ކަންތައްތަކުގެ ވީޑިއޯ ޓީޗަރުން ފޮނުވަމުން އަންނަކަމަށެވެ. އަދި ކޮންމެ ހަފުތާއަކު ދެ ފަހަރު ކްލާސް ކުދިންނާ ޒޫމް މެދުވެރިކޮށް ވާހަކަދައްކާ ކަމަށް ވިދާޅުވި އެވެ.