ސަރޮގޭޓްކޮށްގެން ދަރިއަކު ހޯދީ ބައިގެންދާތީ އިތުރު ގޮތެއް ނެތިގެން: ޝިލްޕާ ޝެޓީ
ސަރޮގޭޓްކޮށްގެން ދަރިއަކު ހޯދީ ބައިގެންދާތީ އިތުރު ގޮތެއް ނެތިގެން: ޝިލްޕާ ޝެޓީ

ކުއްޖަކު ވިހެއުމަށް ފަހު ދެވަނަ ދަރިއަކު ހޯދަން ވަރަށް މަސައްކަތްކުރި ކަމަށާއި ކޮންމެ ފަހަރަކު ދިމާވާ މައްސަލަތަކެއްގައި ބައިގެންދާތީ ދެވަނަ ދަރިއަކު ސަރޮގޭޓްކޮށްގެން ހޯދީ އެ ނޫން ގޮތެއް ނެތިގެން ކަމަށް ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީ ބުނެފި އެވެ.

ޝިލްޕާ އާއި ފިރިމީހާ ރާޖް ކުންދުރާ އަށް ސަރޮގޭޓްކޮށްގެން ދެވަނަ ދަރިއަކު ލިބުނީ މިދިޔަ ފެބްރުއަރީ މަހުގެ 15 ގަ އެވެ. އެ އަންހެން ކުއްޖާގެ ނަމަކީ ސަމީޝާ ޝެޓީ ކުންދުރާ އެވެ. ޝިލްޕާގެ ފުރަތަމަ ދަރިފުޅު ވިއާން ރާޖް ކުންދުރާ އަށް މި އަހަރު 8 އަހަރު ފުރޭނެ އެވެ.

ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި 44 އަހަރުގެ ބަތަލާ ބުނީ ވިއާނަށް ފަހު، ވަރަށް ގިނަ ފަހަރު މަތިން ދަރިއަކަށް ބަލިވެ އިން ކަމަށާއި އޮޓޯ އިމިއުން ޑިޒީޒް (އޭޕީއެލްއޭ) އާ ހެދި ކޮންމެ ފަހަރަކު ވެސް ބައިގެން ދަނީ ކަމަށެވެ.

"އެހެންވެ ސަރޮގޭޓްކޮށްގެން ދަރިއަކު ހޯދަން ނިންމީ އިތުރު ގޮތެއް ނެތީމަ. އަހަރެން އަބަދު ވެސް ބޭނުންވި އެންމެ މަދުވެގެން ދެ ކުދިން ތިބެން،" ޝިލްޕާ ބުންޏެވެ. "އަދި ވިއާން އަކީ ހަމައެކަނި ދަރިއަށްވާކަށް ވެސް ބޭނުން ނުވީ. އަހަންނަކީ ވެސް އަހަރެންގެ މައިންބަފައިންގެ ތިބި ދެ ކުދިންގެ ތެރެއިން އެކަކު."

ޝިލްޕާ ބުނިގޮތުގައި ސަރޮގޭޓްކޮށްގެން ދަރިއަކު ހޯދުމުގެ ކުރިން ދަރިއަކު އެޑަޕްޓްކުރަން ވެސް ހަތަރު ވަރަކަށް އަހަރު ވަންދެން މަސައްކަތްތަކެއް ކުރި އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ކުރަން ޖެހޭ ކަންކަން އެކިއެކި ސަބަބުތަކާ ހެދި ދިގުލައިގެން ދާން ފެށުމުން ސަރޮގޭސީ އަށް ދާން ނިންމީ އެވެ.

"ސަމީޝާ ލިބުނީ ތިން ފަހަރެއްގެ މަތިން ސަރޮގޭޓްކޮށްގެން. އަސްލު އަމިއްލަ ބަނޑުން ކުއްޖަކު އުފަންކުރުމުގެ ބަދަލުގައި އިތުރު ގޮތްތަކެއް އިހުތިޔާކުރަން ޖެހުމަކީ ފަސޭހަ ނިންމުމެއް ނޫން،" ޝިލްޕާ ބުންޏެވެ. "އަދި ގިނަ ފަހަރަށް މިކަހަލަ ކަންކަމަކީ ވަރަށް ދިގު ޕްރޮސެސްތަކެއް ހިނގާ ކަމެއް."

ޝިލްޕާ އާއި ރާޖްގެ ކައިވެންޏަށް މިހާރު ދެ ކުދިން ތިބި ނަމަވެސް ރާޖްގެ އަލަތު ކައިވެންޏަށް އަންހެން ދަރިއަކު ލިބިފައިވެ އެވެެ. އެއީ މިހާރު 13 އަހަރުގެ ދެލީނާ ރާޖް ކުންދުރާ އެވެ.