ސަޕޯޓަރުން ނެތް ނަމަ ޖާދުވީ ހިނދުކޮޅުތައް ގެއްލޭނެ
ސަޕޯޓަރުން ނެތް ނަމަ ޖާދުވީ ހިނދުކޮޅުތައް ގެއްލޭނެ

ނިއު ދިއްލީ (މޭ 10) – ކޮވިޑް-19 ގެ ބަލިމަޑުކަމަށް ފަހު ކްރިކެޓް އަލުން ފަށާއިރު، ހުސް ދަނޑުތަކެއްގައި މެޗު ކުޅެން ޖެހިއްޖެ ނަމަ ކްރިކެޓުން އޭގެ ޖާދުވީ ހިނދުކޮޅުތައް ގެއްލޭނެ ކަމަށް އިންޑިއާގެ ކެޕްޓަން ވިރާތު ކޯލީ ބުނެފި އެވެ.

ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔޭގައި ކުޅިވަރު އޮތީ ހުއްޓިފަ އެވެ. އެކަމަކު ފުޓްބޯޅަ ބޮޑެތި ލީގުތައް މި މަހާއި އަންނަ މަހުގެ ތެރޭގައި ފެށޭތޯ އަންނަނީ މަސައްކަތްކުރަމުންނެވެ. ބެލެވޭ ގޮތުގައި ލަސްވެގެން ދެ މަހެއްހާ ދުވަސް ތެރޭ ކުޅިވަރުގެ ގިނަ ހަރަކާތްތައް ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ފެށޭނެ އެވެ. އެގޮތުން އަޅާނެ އެންމެ ވަރުގަދަ އެއް ފިޔަވަޅަކަށް ވާނީ ކުޅިބަލާ މީހުން ނުވައްދާ މެޗުތައް ކުޅުމެވެ.

"އެހެން ވެދާނެ. ތެދަށް ބުނަންޏާ އަހަންނަށް ނޭގޭ އެންމެން އެކަން ނެގޭނެ ގޮތެއް ސަބަބަކީ އަހަރެމެން އެންމެން މިތިބީ ފޯރިއާ އެކު ތަރުހީބުދޭ އެތައް ބަޔެއްގެ ކުރިމަތީ ކުޅެން އާދަވެފައި ކަމަށްވާތީ،" ސްޓާ ސްޕޯޓްސް ޓީވީ ޗެނަލާ ވާހަކަދައްކަމުން ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ބެޓްސްމަން ބުންޏެވެ.

"މެޗުތައް ކުޅެވޭނީ ވަރަށް ވަރުގަދަކޮށް. އެކަމަކު ކުޅުންތެރިންނާ ގުޅާލެވޭ ސަޕޯޓަރުންގެ އިހުސާސްތައް، ދަނޑުގައި އެއޮންނަ ޕްރެޝަރު އެންމެންނަށް އިހުސާސްކުރެވުން. އެ ޖަޒުބާތުތައް އެއީ (ސަޕޯޓަރުން ނެތި) އާލާކުރަން އުނދަގޫކަމެއް."

ކޮވިޑް-19 ގެ ސަބަބުން މިވަގުތު ހުއްޓިފައި އޮތް ކްރިކެޓުގެ އެންމެ ބޮޑު އެއް މުބާރާތަކީ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) އެވެ. އެ މުބާރާތް ފެށޭނެ ސީދާ ދުވަހެއް އަދި ނޭގެ އެވެ. ވިރާތު ބުނީ އެ ކުޅެން އޮންނަ ގޮތަކަށް ކުޅޭނެ ކަމަށާއި އެކަމަކު އޭނާ ތަކުރާރުކުރި ގޮތުގައި މެޗުތަކުގެ އެ ޖާދުވީ ހިނދުކޮޅުތައް އައުން އެއީ ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ.