ހުސް ކޮތަޅަކުން މާކެޓް ހޯދި ވިޔަފާރި
ހުސް ކޮތަޅަކުން މާކެޓް ހޯދި ވިޔަފާރި

އިނގިރޭސި ވިލާތުގެ ވިޔަފާރިވެރިޔާ ޖޯ މެލޯން އޭނާގެ ވިޔަފާރި އެމެރިކާ އަށް ފުޅާކުރީ ހުސް ކޮތަޅުތަކެއް ބޭނުންކޮށްގެންނެވެ. ސެންޓުގެ ވިޔަފާރިކުރާ މެލޯން ކިޔައިދީފައިވާ ގޮތުގައި އޭނާގެ ބްރޭންޑުގެ ނަން ޖަހާފައިވާ ހުސް ކޮތަޅުތަކެއް ހިފައިގެން 50 މީހަކު ނިއު ޔޯކްގެ ވިޔަފާރީގެ މައި ސަރަހައްދުތަކުގައި ހިނގަން ފެށުމަކީ އާދަޔާ ހިލާފު މޮޅު ކަމަކަށްވީ އެވެ.

ހުސް ކޮތަޅަކުން މާކެޓް ހޯދި ވިޔަފާރި
ހުސް ކޮތަޅަކުން މާކެޓް ހޯދި ވިޔަފާރި

މެލޯންގެ ބްރޭންޑުގެ ދަށުން އުފައްދަމުން އަންނަ ސެންޓާއި ކޮލޯން އާއި އުއްބައްތި އާއި ބާތު އޮއިލް ފަދަ ތަކެތި މިހާރު ވަނީ މުޅި ދުނިޔޭގައި ވެސް މަޝްހޫރުވެފަ އެވެ. އެކަމަކު މި މަޝްހޫރުކަން ފެށިގެން އައީ "އޮޅުވާލުމަކުން"ނެވެ. މާކެޓިން އަށް އެއްވެސް ޚަރަދެއް ނުކުރެ އެވެ.

ލިޓްރޭޗާ ފެސްޓިވަލެއްގައި ވާހަކަ ދައްކަމުން މެލޯން ބުނީ ނިއު ޔޯކަށް ގޮސް އޭނާގެ އުފެއްދުންތައް މާކެޓްކުރަން ބޭނުންވި އިރު އެކަމަށް އެއްވެސް ފައިސާއެއް ނެތް ކަމަށެވެ. އެކަމަކު ބްރޭންޑުގެ ނަން ޖަހާފައިވާ 1000 ކޮތަޅު އޮތެވެ.

"ހޮޓަލުގެ ކޮޓަރީގައި އެކަމާ އަހަރެން ވިސްނަން އިނީ. ހިތަށް އެރީ އަހަރެން ނާކާމިޔާބު ވާނީއޭ. ކިހިނެއްބާއޭ ހަދާނީ؟،" މެލޯންއާ ހަވާލާދީ ޓައިމްގައި ބުނެފައިވެ އެވެ.

އަތުގައި ހުރި ކޮތަޅުތައް ދީފައި ނިއު ޔޯކްގެ އެކި ހިސާބުތަކުގައި މީހުން ހިންގުވަން ހިޔާލު ދިނީ މެލޯންގެ ފިރިމީހާ އެވެ.

"އެ ބޮޑެތި ކޮތަޅުތައް ހިފައިގެން މީހުން ހިނގީ އެއަށް އެއްވެސް އެއްޗެއް އަޅައިގެންގެންް ނޫން. އެއީ ހުސް ކޮތަޅުތަކެއް. އަހަރެން ހަނދާން އެބަހުރި ތިއީ ކީއްކުރަން ކުރާ ކަމެއްތޯ ފިރިމީހާއާ ސުވާލުކުރިން. މިކަން މިހާތަނަށް ވެސް އެއްވެސް މީހަކަށް ނޭނގޭނެ،"

އޭނާ ބުނި ގޮތުގައި ކޮތަޅުތައް ހިފައިގެން އަގުބޮޑު ފިހާރަތައް ކައިރީގައި ހިނގަން ފެށުމުން، ވިޔަފާރިކުރަންދާ މީހުންގެ ސަމާލުކަން ލިބެން ފެށި އެވެ. އަދި އެ ބްރޭންޑުގެ ތަކެތި ވިއްކާ ފިހާރަ ހުންނަނީ ކޮން ތަނެއްގައިތޯ ސުވާލުކުރަން ފެށި ކަމަށްވެ އެވެ. އެކަމަކު އޭރު އޭގެ ފިހާރައެއް ނުހުރެ އެވެ.

"ނިއު ޔޯކްގައި މީގެ ފިހާރައެއް ހުޅުވި އިރު ވެސް މީހުންނަށް ހީވެފައި އޮތީ ފިހާރައެއް ކުރިން ވެސް ކޮންމެވެސް ހިސާބެއްގައި ހުންނަ ކަމަށް. ކުރިން ފިހާރައެއް ނުހުންނާނެ. އެއީ ނިއު ޔޯކް ތެރޭ އެނބުރުނު ހުސް ކޮތަޅުތަކެއް،"

މެލޯން އެމެރިކާގައި ވިޔަފާރި ފުޅާކުރިތާ ދުވަސްކޮޅެއް ފަހުން ކުންފުނި ވިއްކާލި އެވެ. އެތައް މިލިއަން ޑޮލަރެއްގެ އެ މުއާމަލާތަށް ފަހު 2006 ވަނަ އަހަރާ ހަމަޔަށް މެލޯން ހުރީ އެ ކުންފުނީގެ ކްރިއޭޓިވް ޑައިރެކްޓަރުގެ މަގާމުގަ އެވެ. އުރަމަތީ ކެންސަރުން ސަލާމަތްވެ ސެންޓުގެ ވިޔަފާރީގެ ތެރެއަށް 2001 ވަނަ އަހަރު އަލުން ވަދެ "ޖޯ ލަވްސް" ގެ ނަމުގައި ކާމިޔާބު ހޯދަން ފެށި އެވެ.