31 މެއި 2016 - 16:55

މެލޭޝިއާ އަށް ދާ ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ މާދަމާ އިން ފެށިގެން ދިނުމަށް އެ ގައުމުގެ ސަރުކާރުން މިއަދު ނިންމައިފި އެވެ.
ފޮރިން މިނިސްޓަރު ދުންޔާ މައުމޫން "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި 90 ދުވަހުގެ އޮން އެރައިވަލް ވިސާ، ދިވެހިންނަށް ދޭން ނިންމިކަން މެލޭޝިއާގެ ސަރުކާރުން ވަނީ އަންގައިފަ އެވެ.
މެލޭޝިއާ އަށް ދާ ދިވެހިންނަށް މިހާތަނަށް ދެނީ 30 ދުވަހުގެ އޮން އެރައިވަލް ވިސާ އެވެ.
ދުންޔާ ވިދާޅުވި ގޮތުގައި ދިވެހިންނަށް ވިސާގެ ލުއިފަސޭހަކަން މެލޭޝިއާގެ ސަރުކާރުން ހަމަޖައްސައިދިނީ، މިދިޔަ މާޗް މަހު ރައީސް އަބްދުﷲ ޔާމީން އެ ގައުމަށް ކުރެއްވި ދަތުރުފުޅުގައި، މެލޭޝިއާގެ ބޮޑުވަޒީރާ އެކު ބޭއްވެވި މަޝްވަރާތަކަށް ފަހު އެވެ.
ރައީސް ޔާމީން މިހާރު ވެސް ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގަ އެވެ. އެމަނިކުފާނުގެ ދެކަނބަލުން މެލޭޝިއާ އަށް ވަޑައިގެން އުޅުއްވަނީ "ޕާމާޓާ އިންޓަނޭޝަނަލް ކޮންފަރެންސް: ޗިލްޑްރަން ބިޔޯންޑް ޓްމޯރާ"ގެ ނަމުގައި ކުރިއަށްގެންދާ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށެވެ.
ރައީސް ޔާމީންގެ މި ދަތުރުފުޅުގައި މިއަދު ވަނީ މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާ ވެސް ބައްދަލުކުރައްވައިފަ އެވެ.