10 މެއި 2020 - 18:08

އަހުމަދުއާބާދު (މެއި 10) - އިންޑިއާގައި ކޮރޯނާވައިރަސް އެންމެ ބާރަށް ފެތުރޭ އެއް ސިޓީ ކަމަށްވާ އަހުމަދުއާބާދު، ޑްރޯން އާއި އަލިފާން ނިއްވާ ވެހިކަލްތައް ބޭނުންކޮށްގެން ޑިސްއިންފެކްޓްކޮށްފި އެވެ.

ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ އުފަން ސްޓޭޓް ކަމަށްވާ ގުޖުރާތުގައި ހިމެނޭ 5.5 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އަހުމަދުއާބަދުން ވަނީ 343 މީހުން މަރުވެފަ އެވެ. އިންޑިއާގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި 62,808 މީހުންގެ ތެރޭން 10 ޕަސެންޓަކީ އަހުމަދުއާބުގެ މީހުންނެވެ. ގުޖްރާތުގެ އެހެން ސިޓީތަކުގައި ވެސް ރޯގާ ދަނީ ބާރަށް ފެތުރެމުންނެވެ.
ޑްރޯނުން ޑިސްއިންފެކްޓް ކުރަމުން ދިޔަ އިރު ހުސްކޮށް އޮތް މަގުތަކުގައި އަލިފާން ނިއްވާ ވެހިކަލްތަކުން ވަނީ ބޭސް ސްޕްރޭކޮށްފަ އެވެ.
"ސިޓީގެ ހުރިހާ ސަރަހައްދެއް ވެސް ޑިސްއިންފެކްޓް ކުރާނަން،" އަހުމަދުއާބާދުގެ އެކްޓިން އެޑްމިނިސްޓްރޭޓަރު ރަޖީވް ގުޕްތާ ވިދާޅުވި އެވެ.
މާޗް 25 އިން ފެށިގެން އިންޑިއާ ލޮކްޑައުންކޮށްފައިވީ ނަމަވެސް އަހުމަދުއާބާދުގެ ލޮކްޑައުން ހުކުރު ދުވަހުން ފެށިގެން ވަނީ ހަރުކަށިކޮށްފަ އެވެ. ހުރިހާ ފިހާރަތަކެއް ގާތްގަނޑަކަށް ހަފުތާއަކަށް ބަންދުކޮށް އެކަކު ވެސް ބޭރަށް ނުނުތުމަށް ވަނީ އަންގައިފަ އެވެ.
ވެރިރަށް ނިއު ދިއްލީ އާއި މުމްބާއީގައި ވެސް ދަނީ ހަލުވިކަމާ އެކު ކޮރޯނާވައިރަސް ފެތުރެމުންނެވެ.