10 މެއި 2020 - 17:56

ބެއިޖިން (މެއި 10) - ކޮރޯނާވައިރަހަކީ ޗައިނާގެ ސިއްހީ ނިޒާމުގެ ބަލިކަށިކަން ވަޒަންކޮށްލަން ލިބުނު އިމްތިހާނެއް ކަމަށް އެ ގައުމުގެ ސީނިއާ ހެލްތު އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
ޗައިނާގެ ސިއްހީ ނިޒާމުގެ ބަލިކަށި ކަމަށް އެ ގައުމުގެ ނޭޝަނަލް ހެލްތު ކޮމިޝަނުގެ ޑިރެކްޓަރު ލި ބިން އެއްބަސްވެވަޑައިގެންނެވި އިރު ކޮރޯނާވައިރަހާ ގުޅިގެން ދުރާލައި ފިޔަވަޅު ނާޅައި އަދި ބައެއް ކަންކަން ދުނިޔެ އަށް ސިއްރު ކުރިކަމުގެ ތުހުމަތު ޗައިނާ އަށް ކޮށް ގިނަ ބައެއްގެ ފާޑު ކިޔުންތައް ވަނީ އަމާޒުވެފަ އެވެ. ކޮރޯނާވައިރަހަކީ ޗައިނާ އަށް ވެސް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ލި ބިން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތަކާއި އާއްމު ސިއްހީ ނިޒާމު އަދި ޑޭޓާ ހޯދުން ފަދަ ކަންކަން ޗައިނާ އިން ވަރުގަދަ ކުރާނެ ކަމަށެވެ.
ވޫހާން ސިޓީ ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނުމާ އެކު ދުރަލައި ފިޔަވަޅު ނާޅާކަމުގެ ތުހުމަތު ޗައިނާ އަށް ކޮށްފައިވެ އެވެ. އަދި އެކަން ބައިނަލްއަގުވާމީ ސަމާލު ކަމަށް ގެނައުން ލަސްކުރި ކަމަށް ވެސް ޗައިނާގެ މައްޗަށް ތުހުމަތުކޮށްފައިވެ އެވެ. ކޮރޯނާވައިރަހާ ގުޅޭ ގޮތުން ޗައިނާ އިން ރަނގަޅު ނޫން މައުލޫމާތު ހާމަކުރާ ކަމަށް ވެސް ޔޫރަޕިއަން ޔޫނިއަން އިން މިދިޔަ މަހު ތުހުމަތުކޮށްފައިވެ އެވެ.
ޗައިނާގައި ކޮރޯނާވައިރަހުގެ ސަމާލުކަން ގެނައުމަށް މަސައްކަތް ކުރި ޑޮކްޓަރެއް ކަމަށްވާ ލި ވެންލިއާން އަށް ވަނީ އެކަން އެގޮތަށް ނުކުރުމަށް އިންޒާރުދީ ފުލުހަށް ހާޒިރުކޮށްފަ އެވެ. ފަހުން ވަނީ އެ ޑޮކްޓަރަށް ކޮވިޑް-19 ޖެހި މަރުވެފަ އެވެ.
މުޅި ދުނިޔޭން ހަތަރު މިލިއަނަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި އިރު ޗައިނާ އިން އެ ބަލި ޖެހިފައި ވަނީ 82,887 މީހުންނަށްވެ. އެ ގައުމުން މަރުވެފައި ވަނީ 4،633 މީހުންނެވެ.