09 މެއި 2020 - 23:50

ކޮރޯނާވައިރަސް ހުންނަ ގިނަ މީހުންގެ ފަރާތުން އަލާމާތްތައް ނުފެނުމާ އެކު ރާއްޖޭގައި ކޮވިޑް-19 ފެތުރުމުގެ ފުރުސަތު އޮތުމުން، ހުރިހާ ހޮސްޕިޓަލަކަށް ވެސް އޭގެ ނުރައްކާ އެބަ އޮތް ކަމަށް، އައިޖީއެމްއެޗުގެ މެޑިކަލް ޑިރެކްޓަރު ޑރ. އަލީ ނަޒީމް މިއަދު ވިދާޅުވެއްޖެ އެވެ.
މެންދުރުފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒީމް ވިދާޅުވީ އެންމެ ބޮޑު ނުރައްކަލަކީ އަލާމާތްތައް ނުފެނި އެކަމަކު ވައިރަސް ހުރި މީހުން ގިނަވާތީ ހޮސްޕިޓަލެއްގެ އެމަޖެންސީ ރޫމަށް ބަލިމީހަކު ގެންދިޔަސް އެއީ ކޮވިޑް-19 ގެ މީހެއްކަން ވަކިކުރަން ނޭނގޭނެ ކަމަށެވެ.
އެހެންވެ "މި ދަނޑިވަޅުގައި ކޮވިޑް-19 ގެ ނުރައްކާ ރާއްޖޭގެ ހުރިހާ ހޮސްޕިޓަލަކަށް އެބަ އޮތް،" ޑރ. ނަޒީމް ވިދާޅުވި އެވެ.
"މިހާރު ގިނަވަނީ އެސިމްޓަމެޓިކް ކޭސްތައް [އަލާމާތެއް ނުފެންނަ]. އީއާރަށް ގެންދާ މީހުން މިގޮތަށް ވަކިނުކުރެވޭ،" ހޮސްޕިޓަލްތަކަށް އޮތް ގޮންޖެހުމުގެ މިސާލެއް ދައްކަވަމުން ޑރ. ނަޒީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗުން ވެސް އެފަދަ ކޭސްތައް ފެނިފައިވެ އެވެ. އެކަމަކު އައިޖީއެމްއެޗުގައި އޮތް ކޮވިޑް-19 ގެ ބަލިމީހެއްގެ ފަރާތުން އެތަނުގެ އެއްވެސް މުވައްޒަފެއްގެ ހަށިގަނޑަށް ވައިރަސް ދަތުރުކޮށްފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.
މާލޭގައި ކޮވިޑް-19 ފެތުރެން ފެށުމާ އެކު އައިޖީއެމްއެޗްގެ އީއާރްގައި މަސައްކަތްކުރާ ހުރިހާ ޑޮކްޓަރުންނާއި ނަރުހުން ވެސް ތިބެނީ ފުލް ޕީޕީއީގައި ކަމަށް އެ ހޮސްޕިޓަލުން މީގެ ކުރިން ބުނެފައިވެ އެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކުރަނީ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ފަހު ކަމަށް ވެސް އައިޖީއެމްއެޗުން ބުނެ އެވެ.
ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް މަރުވި ތިން މީހުންގެ ތެރެއިން ދިވެހި އަންހެނަކު ޕޮޒިޓިވް ވީ މަރުވި ފަހުންނެވެ. އަދި މަރުވި ބަންގްލަދޭޝްގެ މީހާ ހޮސްޕިޓަލަށް ގެންދިޔައީ ފިޓް ޖެހިގެންނެވެ. އެކަމަކު ޓެސްޓްކުރި އިރު އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ.
އައްޑޫން އެމަޖެންސީގައި މިއަދު ގެނައި ބަލިމީހަކު ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެކަމަކު އޭގެ ކުރިން އޭނާގެ ކިބައިން ބަލީގެ އަލާމާތްތައް ފެނިފައެއް ނުވެ އެވެ.
މި ހާދިސާއާ ގުޅިގެން އައްޑޫ ވެސް މިހާރު ވަނީ 14 ދުވަހަށް ލޮކްޑައުން ކޮށްފަ އެވެ.