09 މެއި 2020 - 22:49

އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ހޭންޑް ސެނިޓައިޒާ ފޯރުކޮށް ދިނުމުގެ މަސައްކަތް ހެޕީ މާކެޓުން ފަށައިފި އެވެ.
އެ ކުންފުނިން ހޮސްޕިޓަލަށް ސެނިޓައިޒާ ހަދިޔާކުރާނެކަން އިއުލާންކުރީ އައްޑޫން ފަރުވާ އަށް ރޭ ދަންވަރު މާލެ ގެންދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނިކޮށް، ހޮސްޕިޓަލުން މާސްކާއި ސެނިޓައިޒާ ހުސްވެފައިވާ ކަމުގެ ވާހަކަތަކެއް ފެތުރުމުންނެވެ.
ހެޕީ މާކެޓްގެ މެނޭޖިން ޑިރެކްޓަރު އަލީ އިހުސާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިރެއިން މިރެއަށް ވެސް އޭއީއެޗަށް ސެނިޓައިޒާ ފޯރުކޮށްދޭން ނިންމާފައިވާ ކަމަށެވެ. ހޮސްޕިޓަލްގެ އިތުރުން އައްޑޫގެ ހުރިހާ ސިއްހީ މަރުކަޒުތަކަށް ވެސް ސެނިޓައިޒާ ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ﷲގެ އިރާދަފުޅުން ސެނިޓައިޒާ ނެތިގެން ހިދުމަތްތަކަށް ބުރޫއެރިޔަ ނުދެވޭތޯ އަޅުނޑުމެން ބަލާނަން." އޭނާ ވިދާޅުވި އެވެ.
ހެޕީ މާކެޓުން އައްޑޫ ހޮސްޕިޓަލަށް އެހީވާން ނިންމި އިރު، އެ ކުންފުންޏަކީ އައްޑޫގެ ވިޔަފާވެރިއެއްގެ ކުންފުންޏެކެވެ. އަދި ހެޕީ މާކެޓް ހިއްސާވާ ގޮތަށް އައްޑޫ ފޭދޫގައި އަންނަނީ އެއިމްސް ޑައިގްނޯސްޓިކްގެ ނަމުގައި 2015 އިން ފެށިގެން ކްލިނިކެއް ވެސް ހިންގަމުންނެވެ.
އޭއީއެޗްގެ މެނޭޖަރު ޝަރަފުއް ސާދާތު މިރޭ ވިދާޅުވީ މާސްކާއި ސެނިޓައިޒާ އާއި ޕީޕީއީގެ ސްޓޮކް ހޮސްޕިޓުން އެއްކޮށް ހުސްނުވާ ކަމަށެވެ. ނަމަވެސް އެ އެއްޗެހީގެ ސްޓޮކް އެންމެ އެކަށީގެންވާ ވަރަށް މި ވަގުތު ނެތް ކަމަށް ވިދާޅުވި އެވެ. އަދި ކޮވިޑް-19 ގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް ބެލެވޭތީ އެ ތަކެތީގެ މުހިއްމުކަން ވަރަށް ބޮޑު ވާނެ ކަމަށް ވިދާޅުވި އެވެ.
އައްޑޫން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަދު ވަނީ 14 ދުވަހަށް އައްޑޫ ލޮކްޑައުންކޮށްފަ އެވެ.