ދިރާގުން ބިލް ދެއްކުމުގައި ލުއި ގޮތްތަކެއް!
ދިރާގުން ބިލް ދެއްކުމުގައި ލުއި ގޮތްތަކެއް!

ކޮވިޑް-19 އާ ގުޅިގެން ބިލް ދެއްކުމުގައި މާލީ ގޮތުން ދަތިތަކާ ކުރިމަތިވެފައިވާ މީހުންނަށް އެހީތެރިވުމުގެ ގޮތުން ދިރާގުގެ ކަސްޓަމަރުންނަށް ލުއި ގޮތްތަކެއް ހަމަޖައްސައިފި އެވެ.

ދިރާގުން ބުނީ، މިފަދަ ލުއި ގޮތްތަކެއް ހަމަޖައްސަން ނިންމީ، އާންމުންނަށް އެހީތެރިވުމުގައި ސަރުކާރުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދެ މަސް ދުވަހަށް ބިލް ދެއްކުން ވަނީ ދިގު ދައްމާލައިފަ އެވެ. މީގެ އިތުރުން ކުރިމަތިވެފައިވާ މާލީ ހާލަތްތަކާ ގުޅިގެން ވަކި ވަކި ކަސްޓަމަރުންގެ ރިކުއެސްޓްތަކަށް ވެސް އެ ކަސްޓަމަރަކަށް ލުއި ގޮތްތަކެއް ހަމަޖައްސަން ވެސް ދިރާގުން ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން ފަހުން ދައްކާ ބިލް ޕޭމެންޓްތަކަށާއި ރީކަނެކްޝަން ފީތައް ވެސް މި ހާލަތުގައި މައާފްކޮށްދޭނެ ކަމަށް ދިރާގުން ބުނެ އެވެ. ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލިފައިވާ ކަސްޓަމަރުންގެ ހިދުމަތްތައް ވެސް މިހާލަތުގައި މެދުކަނޑައި ނުލާނެ ކަމަށް ދިރާގުން ބުނެ އެވެ. އެގޮތުން ޖޫން މަހުގެ ނިޔަލަށް ހިދުމަތްތައް މެދުކެނޑުމެއް ނެތި ދޭނެ އެވެ.

ދިރާގުން އަންނަނީ މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ވެސް ކަސްޓަމަރުންނަށް ލުއި ގޮތްތަކެއް ފަހި ކޮށްދިނުމަށް ޑޭޓާ އެލަވަންސް އާއި ހިދުމަތްތަކުން ބޮޑެތި ޑިސްކައުންޓްތަކެއް ދެމުންނެވެ.