މި ހަފްތާގައި ވެސް ބީއެމްއެލް އިން ހިދުމަތްދޭނީ ހޯމަ އާއި ބުދައިގައި
މި ހަފްތާގައި ވެސް ބީއެމްއެލް އިން ހިދުމަތްދޭނީ ހޯމަ އާއި ބުދައިގައި

މާލެ ލޮކްޑައުންގައި އޮތުމުގެ ސަބަބުން މި ހަފްތާގައި ވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިދުމަތްދޭނީ ހޯމަ އާއި ބުދައިގައި އެވެ.

އެ ދެ ދުވަހު ބޭންކްގެ ހިދުމަތްތައް ދޭނީ ހެނދުނު 9:30 ން 12:00 އަށެވެ. މިދިޔަ ހަފްތާގައި ވެސް ބޭންކުން ހިދުމަތް ދިނީ އެ ދެ ދުވަހު އެވެ.

ބޭންކްގެ ހިދުމަތް ދޭ މި ވަގުތުތަކުގައި ބީއެމްއެލްގެ އޮފީސްތައް ބަންދުކޮށްފައި ހުރި ނަމަވެސް އޮންލައިންކޮށް ހިދުމަތް ލިބޭނެ އެވެ. މީގެ ތެރޭގައި ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވުމާއި މުވައްޒަފުންގެ މުސާރަ ޖަމާކޮށްދިނުމާއި އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ޗެކްތަކަށް ފައިސާ ޖަމާ ކުރުމާއި ބޭންކް ޓްރާންސްފާ ފަދަ ހިދުމަތްތައް ހިމެނެ އެވެ.

ބީއެމްއެލުން ބުނީ މި ހިދުމަތްތަކުގެ ތެރެއިން ކުންފުނިތަކާއި އޮފީސްތަކުގެ މުސާރަތައް ޖަމާކޮށްދޭން އެދި ހެނދުނު 10:00 ގެ ކުރިން ހުށަހަޅާ ފޯމުތައް އެ ދުވަހު ޕްރޮސެސް ކުރާނެ ކަމަށެވެ. އަދި ބޭރަށް ފައިސާ ފޮނުވަން ހެނދުނު 11:00 ކުރިން ފޯމު ހުށަހެޅުމުން އެއް ދުވަހުން ޕްރޮސެސް ކުރެވޭނެ ކަމަށް ބޭންކުން ބުންޏެވެ.

ބީއެމްއެލުން ދޭ ހިދުމަތްތަކުގެ ތެރެއިން ނަގުދު ފައިސާގެ މުއާމަލާތް ކުރަން ބޭނުންވާ ކަސްޓަމަރުން އޭޓީއެމް މެދުވެރިކޮށް، އެ މުއާމަލާތް ކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އޭޓީއެމް މެދުވެރިކޮށް، ފައިސާ ޖަމާ ކުރެވޭ އަދަދު ވެސް ބީއެމްއެލުން ވަނީ އިތުރުކޮށްފަ އެވެ. މިހާރު އަމިއްލަ ފަރާތްތަކަށް 100،000ރ. އާ ހަމައަށް ފައިސާ ޖަމާ ކުރެވޭއިރު ވިޔަފާރިތަކަށް 500،000ރ. އާ ހަމައަށް ފައިސާ ޖަމާ ކުރެވޭނެ އެވެ.

ކޮވިޑް-19 މާލޭގައި ފެތުރެމުންދާ އިރު، ބޭންކްތަކުން ވަކި ދުވަސްތަކެއްގައި ހިދުމަތްތައް ދޭތާ މަހެއްހާ ދުވަސްވަނީ ވެފަ އެވެ. މި ބައްޔަށް ރާއްޖެއިން 766 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.