09 މެއި 2020 - 22:38

ބެލަރޫސްގައި ކިޔަވަން ތިބި ދިވެހި ދަރިވަރުން ރާއްޖެ ގެނެވޭނެ ގޮތްތަކެއް ހަމަޖައްސަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން މިރޭ ބުނެފި އެވެ.
އެ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ ރާއްޖެއަށް އަންނަން ބޭނުންވާ ދިވެހިންނަށް އެ ފުރުސަތު ފަހިކޮށްދޭން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އެކި ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް ވައިގެ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާތީ ދަތިތަކާ ދިމާވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިކަމުގެ ދަތި ފޯރާފައި ވަނީ ހަމައެކަނި ދިވެހިންނަށް ނޫން ކަމަށާއި ބެލަރޫސްގައި ތިބި އެހެން ގައުމުތަކުގެ ދަރިވަރުންނަށް ވެސް އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިއާއެކު ވެސް ފޮރިން މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަނީ ވީހާވެސް އަވަހަކަށް ދިވެހި ދަރިވަރުން ގެނެވޭނެ ގޮތެއް ހަމަޖެއްސުމަށް ކަމަށް މިއުވާން ވިދާޅުވި އެވެ.
ބެލަރޫސްގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 22،000 އަށް ވުރެން މަތިވެފައިވާ އިރު މިހާތަނަށް އެ ބަލީގައި 126 މީހުން ވަނީ މަރުވެފަ އެވެ.
މިއުވާން ވިދާޅުވި ގޮތުގައި ސަރުކާރުން އަންނަނީ ބެލަރޫސްގައި ތިބި ކުދިންގެ ހާލު ބަލަމުންނެވެ.
އެ ގައުމުން 139 ދިވެއްސަކު ރަޖިސްޓަރީ ކޮށްފައިވާއިރު، އޭގެ ތެރޭގައި ގިނައީ ޑޮކްޓަރުކަން ކިޔަވަމުން އަންނަ ދަރިވަރުންނެވެ.
"އޮންލައިންކޮށް ކިޔެވުން ބަދަލުކުރަން ވެސް ޔުނިވާސިޓީތަކާ ވާހަކަދައްކައިގެން އެހީތެރިކަން ފޯރުކޮށްދީފައިވާނެ. ފްލައިޓް ރޫޓެއް ހަމަޖެހެންދެން ގޭގައި ތިބެ، ބެލަރޫސްގެ ކަމާބެހޭ އިދާރާތަކުގެ އެންގުންތަކަށް ބޯލެނބުން މިވަގުތު މުހިއްމު،" މިއުވާން ވިދާޅުވި އެވެ.
ބެލަރޫސްގައި ޑޮކްޓަރުކަން ކިޔަވަމުން އަންނަ އަހްޒަމް އަހުމަދު ބުނީ، އެ ގައުމުގައި ތިބި ހުރިހާ ދިވެހިންނާއި ފޮރިން މިނިސްޓްރީގެ ދެ ބޭފުޅަކާއި ޖަރުމަނުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ދެ ބޭފުޅަކު ހިމަނައިގެން ހަދާފައިވާ ވައިބަ ގްރޫޕުގައި ވެސް، ފޮރިން މިނިސްޓްރީގެ ބޭފުޅަކު އެންމެ ފަހުން ވާހަކަ ދެއްކެވީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ކަމަށެވެ.
އެ މެސެޖުގައި ވެސް ދަރިވަރުންގެ ހާލު އަހާފައި ނުވާ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނިގޮތުގައި އެ ދަރިވަރުން ތިބީ ކޮންމެ ވަގުތަކު ވެސް ފުރަން ތައްޔާރަށެވެ.
"ބެލަރޫސްގައި ތިބި ކުދިން، ވީހާ ވެސް އަވަހަކަށް ރާއްޖެ ގެންގޮސް ދިނުމަކީ އިހުލާސްތެރި އެދުމެއް. އެހެން ނޫނީ ވަގުތު ފާއިތުވެގެން ހިނގައިދާނެ،" އަހްޒަމް ބުންޏެވެ.
ކޮވިޑް-19 ގެ ސަބަބުން ބެލަރޫސްއަށް ދަތުރުކުރާ ބައެއް ފްލައިޓުތަކުގެ ދަތުރުތައް ވަނީ މެދުކަނޑާލައިފަ އެވެ. ނަމަވެސް އެ ގައުމުގެ ބޯޑަރު ބަންދެއް ނުކުރެ އެވެ. އެހެންވެ އެއާޕޯޓަށް ދިއުމުގައި އެއްވެސް ދައްޗެއް ނެތް ކަމަށް އޭނާ ބުންޏެވެ.