09 މެއި 2020 - 19:44

ޓޯކިޔޯ (މެއި 9) - ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް، އެބޯލާ އަށް ދޭ ބޭސް ކަމަށްވާ ރެމްޑެސެވިއާ ބޭނުން ކުރުމުގެ ހުއްދަ ޖަޕާނުން ދީފި އެވެ.
"ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް އަދި މިހާތަނަށް އެއްވެސް ބޭހެއް ހޯދިފައި ނުވާ އިރު ރެމްޑެސެވިއާ ބޭނުން ކުރުމުގެ ހުއްދަ ލިބުމަކީ ބޮޑު ކުރިއެރުމެއް،" ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖަޕާނުގެ ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރެމްޑެސެވިއާ ދޭނީ ކޮވިޑް-19 ގައި ހާލަތު ވަރަށް ބޮޑަށް ގޯސްވާ މީހުންނަށް ކަމަށެވެ.
ކޮވިޑް-19 އަށް އަދި މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައި ނުވާ އިރު ރެމްޑެސެވިއާގެ ޑިމާންޑް އަންނަނީ ބޮޑުވަމުންނެވެ.
ކޮވިޑް-19 ގެ ބަލި މީހުންނަށް އިމަޖެންސީ ހާލަތްތަކުގައި ފަރުވާ ދިނުމަށް އެމެރިކާގެ ކެލިފޯނިއާގެ ގިލިއާޑް ސައެންސްގެ ރެމްޑެސެވިއާ ބޭނުން ކުރުމުގެ ހުއްދަ ފުޑް އެންޑް ޑްރަގު އެޑްމިނިސްޓްރޭޝަނުން މިދިޔަ ހަފުތާގައި ވަނީ ދީފަ އެވެ.
ރެމްޑެސެވިއާ ދިނުމުން ކޮވިޑް-19 ގެ ބަލި މީހުން ރަނގަޅުވާ މުއްދަތު 15 ދުވަހުން 11 ދުވަހަށް އަވަސްވެފައިވާ ކަމަށް ކްލިނިކަލް ޓްރަޔަލްތަކުން އެނގޭ ކަމަށް އެމެރިކާގެ ނޭޝަނަލް އިންސްޓްޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒް އިން ވަނީ ބުނެފަ އެވެ. ނަމަވެސް އެބޯލާ ބަލި މީހުންނަށް ފަރުވާ ދިނުމަށް ކެލިފޯނިއާގެ ބޭސް އުފައްދާ ކުންފުންޏަކުން އުފެއްދި ރެމްޑެސެވިއާ އަކީ ކޮރޯނާވައިރަހަށް ފަރުވާ ދިނުމަށް "ޖާދޫގެ ވަޒަނެއް" ނޫން ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.