މެނޭޖްމަންޓުން މަހަކު 20 މިލިއަން ހަރަދުކުރާނެ: ޓްރީޓޮޕް
މެނޭޖްމަންޓުން މަހަކު 20 މިލިއަން ހަރަދުކުރާނެ: ޓްރީޓޮޕް

ކޮވިޑް-19 ޖެހޭ މީހުންނަށް ހާއްސަ ސެންޓަރެއްގެ ގޮތުގައި ޓްރީޓޮޕް ހޮސްޕިޓަލް ސަރުކާރަށް ދީފައިވަނީ އެ ހޮސްޕިޓަލުގެ މޭނެޖްމަންޓުން މަހަކު 20 މިލިއަން ރުރިފިޔާ ހަރަދުކުރާ ގޮތަށް ކަމަށް ހޮސްޕިޓަލުން ބުނެފި އެވެ.

ކޮވިޑް-19 އާ ބެހޭ ގޮތުން މައުލޫމާތު ދޭން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ، ޑޭވިޑް ފެއިންބާގް ވިދާޅުވީ ސަރުކާރަށް ހޮސްޕިޓަލް ހަވާލުކޮށްފައި ވަނީ ތިން މަސް ދުވަހަށް ކަމަށް ވާއިރު މި މުއްދަތުގައި ކުރާ ހަރަދުތަކުގެ ބޮޑު ބައި ނަގާނީ ހޮސްޕިޓަލުގެ މެނޭޖްމަންޓުން ކަމަށެވެ. އެގޮތުން ކޮންމެ މަހަކު 20 މިލިއަން ރުފިޔާ މެނޭޖްމަންޓުން ހަރަދުކުރާނެ ކަމަށް ވިދާޅުވި އެވެ.

މިއީ މުވައްޒަފުންގެ މުސާރަ އާއި ހޮސްޕިޓަލުގެ އެހެނިހެން ބޭނުންތަކަށް ހަރަދުކުރާ އަދަދު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި ހާލަތާ ގުޅިގެން ހޮސްޕިޓަލުގެ ގިނަ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކިކޮށްފައިވާއިރު އަދިވެސް 500 މުވައްޒަފުން އެބަތިބި ކަމަށް ވިދާޅުވި އެވެ. އަދި މުވައްޒަފުން ވަކިކުރީ ވެސް އެކަމަށް އޮންނަ އުސޫލުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.

ޑޭވިޑް ވިދާޅުވީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ 10 އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. އަދި ސިކް ލީވްގެ 30 ދުވަހުގެ އިތުރުން 30 ދުވަސް ދިނުމަށާއި މިކަމުގައި ދިމާވާ ހާލަތަކުން ޑިސެބިލިޓީ ލީވްގެ ގޮތުގައި މުސާރައާ އެކު އެއްއަހަރުގެ މުއްދަތު ވެސް ދޭން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

ޑޭވިޑް ވިދާޅުވީ ހޮސްޕިޓަލުގެ މެނޭޖްމަންޓުން ކުރާ ހަރަދުގެ އިތުރަށް ސަރުކާރުން ވެސް ބައެއް ހަރަދުތައް ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ ބައެއް މެޑިކަލް އިކުއިޕްމަންޓްތަކާއި ފާމަސޫޓިކަލް ވެސް ސަރުކާރުން ދޭނެ ކަމަށެވެ. މީގެ އިތުރަށް ހާލަތެއް މެދުވެރިވެއްޖެ ނަމަ އިތުރު މުވައްޒަފުން ވެސް ފޯރުކޮށްދިނުމަށް ސަރުކާރާ އެކު ވެފައިވާ އެއްބަސްވުމުގައިވާ ކަމަށް ވިދާޅުވި އެވެ. އެގޮތުން އެންމެ ޕީކަށް ދާ ދުވަހު އައިޖީއެމްއެޗްގެ 75 ޑޮކްޓަރުން ޓްރީޓޮޕްގައި ހަރަކާތްތެރިވާނެ ކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރ ޑރ. އަލީ ނަޒީމް ވެސް ވަނީ ވިދާޅުވެފަ އެވެ.

ކޮވިޑް-19 އަށް ހާއްސަކޮށް، ޓްރީޓޮޕް ހޮސްޕިޓަލް ހާއްސަ ސެންޓަރަކަށް ހަދާފައިވާއިރު އެ ހޮސްޕިޓަލުގެ 70 ޕަސެންޓް އޮޕަރޭޝަން ހުއްޓިފައިވާ ކަމަށް ޑޭވިޑް ވިދާޅުވި އެވެ. އެ ހޮސްޕިޓަލް ކޮވިޑް-19 އަށް ހާއްސަކުރަން ސަރުކާރާ އެކު އެއްބަސްވެފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. އަދި އެންމެ ފުރަތަމަ ޕޭޝަންޓް އެޑްމިޓް ކޮށްފައިވަނީ މި މަަހުގެ ހަ ވަނަ ދުވަހު އެވެ. މިހާރު އެ ހޮސްޕިޓަލުގައި ކޮވިޑް-19ގެ ފަސް މީހުންނަށް އަންނަނީ ފަރުވާ ދެމުންނެވެ.