ކޮވިޑް-19: ތަކަންދޫ ކުޑަކުއްޖާގެ ތިން ވަނަ ޓެސްޓް ވެސް ނެގެޓިވް
ކޮވިޑް-19: ތަކަންދޫ ކުޑަކުއްޖާގެ ތިން ވަނަ ޓެސްޓް ވެސް ނެގެޓިވް

ހއ. ތަކަންދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި ތިން މީހުންގެ ތެރޭގައި ހިމެނޭ ފަސް އަހަރުގެ ކުއްޖާގެ ދެ ވަނަ ޓެސްޓް ނެގެޓިވް ވުމުން، ޔަގީން ކުރަން ހެދި ތިން ވަނަ ޓެސްޓު ވެސް ނެގެޓިވް ކަމަށް ދައްކައިފި އެވެ.

މިމަހުގެ ފުރަތަމަ ދުވަހު ލިބުނު ނަތީޖާ އިން ދެއްކި ގޮތުގައި ތަކަންދޫން އުމުރުން 29 އަހަރުގެ އަންހެނަކާއި 37 އަހަރުގެ އަންހެނެއްގެ އިތުރުން ފަސް އަހަރުގެ އަންހެން ކުއްޖެއް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ.

ނަމަވެސް މިމަހުގެ ދެ ވަނަ ދުވަހު ނެގި ސާމްޕަލްގެ ނަތީޖާ މިދިޔަ ބުދަ ދުވަހު ލިބުނުއިރު ކުޑަކުއްޖާގެ ޓެސްޓް ދެއްކީ ނެގެޓިވް ކޮށެވެ. ދެ ފަހަރު ދެ ގޮތަށް ނަތީޖާ އައުމުން އަލުން ޔަގީން ކުރުމަށް ބުދަ ދުވަހު އެ ކުއްޖާގެ ސާމްޕަލް ނަގައި ހެދި ޓެސްޓްގެ ނަތީޖާ މިއަދު ލިބުނުއިރު ވެސް ކުއްޖާ ވަނީ ކޮވިޑް-19 އަށް ނެގެޓިވް ވެފަ އެވެ.

ކުޑަކުއްޖާ އާއި އެކުއްޖާ ބެލެހެއްޓުމަށް ދިޔަ މަންމަ މިހާރު ވެސް ހުރީ އުތުރުން ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ހަމަޖައްސާފައިވާ ދޮނަކުޅި އައިލެންޑް ރިސޯޓްގަ އެވެ. އާއިލާ އިން ބުނީ ޓެސްޓް ނަތީޖާ ނެގެޓިވް ވިޔަސް ދެން ވާންވީ ގޮތެއް އަދި އާއިލާއަށް ނާންގާ ކަމަށެވެ.

"ދަރިފުޅުގައިގައި އެއްވެސް ބައްޔެއްގެ ކަމެއް ނެތް. އިރާދަކުރެއްވީތީ ފުރިހަމަ ސިއްހަތެއްގައި ހުރީ. އެޗްޕީއޭ އިން ވަކި އެއްޗެއް އަދި ނާންގާ އަޅުގަނޑުމެންނަކަށް،" އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ކަރަންޓީން ފެސިލިޓީތަކުން މީހުން ދޫކޮށްލާނީ ދެ ފަހަރަށް ޓެސްޓް ނެގެޓިވް ވުމުންނެވެ.

އެނގިފައިވާގޮތުގައި ޕޮޒިޓިވް ވެގެން ދެން ކަރަންޓީން ކޮށްފައިވާ ތަކަންދޫ ދެ އަންހެނުންގެ ހާލު ވެސް ރަނގަޅެވެ. ބަލީގެ އެއްވެސް އަލާމާތެއް ނުފެނެ އެވެ.

ތަކަންދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނަކީ މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެއިން ފުރައިގެން ކާވިޔާ ބޯޓުން އެރަށަށް ދިޔަ ބައެކެވެ. އެމީހުން އެ ބައްޔަށް ޓެސްޓްކުރީ އެ ބޯޓުން ދަތުރުކުރި ހއ. އުލިގަމު މީހަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

ތަކަންދޫން ޕޮޒިޓިވްވި ކުއްޖާއާ އެކު، ކާވިޔާ ބޯޓުން އޭނާގެ މަންމަ އާއި ބޭބެ ވެސް ދަތުރު ކުރި އެވެ. އެ މީހުން ވެސް ވަނީ ބައްޔަށް ނެގެޓިވް ވެފަ އެވެ. އަދި ތަކަންދޫން ދެން ޕޮޒިޓިވްވި ދެ އަންހެންގެ ދަރިން ވެސް އެ މީހުންނާ އެކު ދަތުރު ކުރި އެވެ. އެ ކުދިންގެ ނަތީޖާ ވެސް ނެގެޓިވް އެވެ.

ތަކަންދޫން ޕޮޒިޓިވްވި މީހުންގެ ތެރެއިން ފަސް އަހަރުގެ ކުއްޖާގެ ބަދަލުގައި ފުރަތަމަ ކަރަންޓީނަށް ގެންދިޔައީ އެހެން ކުއްޖެކެވެ. އެއީ އެ ރަށުން ޕޮޒިޓިވްވި 29 އަހަރުގެ އަންހެން މީހާގެ ހަތް އަހަރުގެ ފިރިހެން ދަރިފުޅެވެ. އެ ކުއްޖާ ބައްޔަށް ނެގެޓިވް ވެފައިވީ ނަމަވެސް މިހާރު ހުރީ އޮޅުވެލި އައިލެންޑް ރިސޯޓްގެ ކަރަންޓީންގަ އެވެ.

އަތޮޅުތަކުން މި ބަލި މިހާތަނަށް ފެނިފައި ވަނީ ތަކަންދޫގެ އިތުރުން ހއ. އުލިގަމާއި ށ. ނަރުދު އާއި ށ. މިލަންދޫ އާއި ނ. މަނަދޫ އަދި ކ. ތުލުސްދޫން އާއި އައްޑޫންނެވެ. ރާއްޖޭން މިހާތަނަށް 766 މީހަކު ވަނީ އެބައްޔަށް ޕޮޒިޓިވް ވެފަ އެވެ.