މެޑްޓެކުން 1،000 އެންޓިބޮޑީ ޓެސްޓް ހަދިޔާކޮށްފި
މެޑްޓެކުން 1،000 އެންޓިބޮޑީ ޓެސްޓް ހަދިޔާކޮށްފި

ކުރިން ކޮވިޑް-19 ޖެހިފައި ހުރިތޯ ބެލުމަށް އެންޓިބޮޑީ ޓެސްޓްކުރާ 1،000 ޓެސްޓް، މެޑްޓެކް މޯލްޑިވްސް އިން އައިޖީއެމްއެޗަށް ހަދިޔާކޮށްފި އެވެ.

މެޑްޓެކުން ބުނީ އައިޖީއެމްއެޗަށް ހަދިޔާކުރީ އެމެރިކާގެ ފޯޗޫން 500 ނުވަތަ އެމެެރިކާގެ އެންމެ ބޮޑު 500 ކުންފުނީގެ ތެރޭގައި ހިމެނޭ އެބޮޓުން އުފައްދާފައިވާ އެންމެ ފަހުގެ ޓެސްޓް ކިޓް ކަމަށެވެ. އައިޖީއެމްއެޗުގެ ލެބޯރެޓްރީގައި ބަހައްޓާފައި ހުރި، އެބޮޓް އާކިޓެކްޓް ލެބޯރެޓްރީ އައި-ސިސްޓަމް ބޭނުންކޮށްގެން ކޮވިޑް-19 ދެނެގަތުމަށް ހަދާ އެންޓިބޮޑީ ޓެސްޓު މިހާރު ކުރެވޭނެ ކަމަށް މެޑްޓެކުން ބުންޏެވެ.

އައިޖީއެމްއެޗުގެ ލެބޯރެޓްރީގައި ހުރި ސިސްޓަމް ބޭނުންކޮށްގެން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ގަޑިއަކު 100-200 އާ ދެމެދުގެ އެންޓި-ބޮޑީ ޓެސްޓް ކުރެވޭނެ ކަމަށް މެޑްޓެކުން ބުންޏެވެ.

އެބޮޓްގެ ރާއްޖޭގެ އެކްސްކުލޫސިވް ޑިސްޓްރިބިއުޓަރު ކަމަށްވާ މެޑްޓެކުން ވަނީ އެންޓި-ބޮޑީ ޓެސްޓުގެ އިތުރުން، ބަލި މީހުންގެ ކްރިޓިކަލް ޓެސްޓްތައް އަވަހަށް ހެދުމަށް ބޭނުންކުރާ އެބޮޓް އައި-ސްޓެޓް ޕޮއިޓް އޮފް ކެއާ އެނަލައިޒާއެއް ވެސް އައިޖީއެމްއެޗަށް ހަދިޔާކޮށްފަ އެވެ.

ޔުނިވާސިޓީ އޮފް ވޮޝިންޓަންގެ ސްކޫލް އޮފް މެޑިސިން އިން ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި އެބޮޓް އިން ތައްޔާރުކޮށްފައިވާ އެންޓިބޮޑީ ޓެސްޓުގެ ސްޕެސިފިސިޓީ ރޭޓަކީ 99.9 ޕަސެންޓެވެ. އަދި އެ ޓެސްޓުތަކުގެ ސެންސިވިޓީ ރޭޓް 100 ޕަސެންޓެވެ. މީގެ މާނަ އަކީ އެ ޓެސްޓް ކޮށްގެން، ގޯސް ނަތީޖާއެއް ލިބުމުގެ ފުރުސަތު ވަރަށް ކުޑަވުމެވެ.

ކޮވިޑް-19 ފެތުރި ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވަމުން އަންނަ އިރު، ވިއްސަކަށް ދުވަހުގެ ތެރޭ މި ބައްޔަށް 700 އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.

މެޑްޓެކް އަކީ ރާއްޖެ އަށް ބޭނުންވާ ގިނަ މެޑިކަލް ސާމާނު އެތެރެކުރާ ކުންފުންޏަކަށްވާ އިރު މާދަމާ ސްރީ ލަންކަން އެއާލައިންގެ ޗާޓަރު ފްލައިޓެއްގައި 18 ވެންޓިލޭޓަރު ރާއްޖެއަށް ގެންނާނެ އެވެ. މީގެ ކުރިން ވެސް މެޑްޓެކުން ވަނީ ކޮވިޑް-19 އާ ގުޅޭ ގިނަ އަދަދެއްގެ މެޑިކަލް ސާމާނު ރާއްޖެ އަށް ގެނެސް، ސިއްހީ އިދާރާތަކަށް ފޯރުކޮށްދީފަ އެވެ.