09 މެއި 2020 - 14:11

ކޮރޯނާވައިރަސް ފެތުރި، ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވަމުން ދާއިރު ރާއްޖޭގައި މިހާތަނަށް މި ބަލި ޖެހުނު އެންމެ ހަގު ކުއްޖަކީ އިއްޔެ ޕޮޒިޓިވްވި ހަތް މަހުގެ ފިރިހެން ކުއްޖެކެވެ. އެ ތުއްތު ކުއްޖާ ޕޮޒިޓިވްއިރު، އެ ކުއްޖާގެ ގޭގެ އެންމެންނަށް ވެސް ބަލި ވަނީ ޖެހިފަ އެވެ.
މިއީ ފުލުހެއްގެ އާއިލާ އެކެވެ. ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވާ މީހުން ބައިތިއްބާ އެނބޫދޫ ވިލެޖް ކަރަންޓީނު ފެސިލިޓީގައި މަސައްކަތްކުރާ މި ފުލުސް މީހާ ގެއަށް ނުދާތާ ވެސް ތިން މަހަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެކަމަކު އިއްޔެ އޭނާއަށް ލިބުނު ހަބަރަކީ، ހަތް މަހާއި ދެ އަހަރުގެ ދަރިފުޅުގެ އިތުރުން އަންހެނުންނާއި މަންމަ އާއި ބައްޕަ އަދި، ދައްތަ އާއި ދައްތަގެ ހަތް އަހަރުގެ ދަރިފުޅު ވެސް ބައްޔަށް ޕޮޒިޓިވްވި ވާހަކަ އެވެ.
ފުލުސް މީހާ ނޫނީ އެ ގޭގައި، ބޭރަށް ނިކުމެވޭ ހާލަތުގައި ހުރި އިތުރު ފިރިހެނަކު ނޫޅެ އެވެ. ގޭގެ އެހެން ބަޔަކު ބޭރަކަށް ނުވެސް ނުދެ އެވެ. އެހެންވެ، ފުލުސް މީހާ ލަފާ ކުރާގޮތުން ގެއަށް ވައިރަސް ވަނީ، ޑެލިވަރީއެއްގެ ސަބަބުންނެވެ.
"އަޅުގަނޑު މި ހުންނަނީ މިތަނުގައި ޕޮޒިޓިވްވެފައި ތިބޭ މީހުން ބަލަހައްޓަން. ހުއްޓާ މި ޚަބަރު ލިބެނީ އާއިލާ އެންމެން ޕޮޒިޓިވްވި ކަމަށް. ދެން އަޅުގަނޑަށް ވާނެ ގޮތް އިހުސާސްކޮށްލައްވާ،" ވަރަށް އުނދަގުލުން ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.
ގެއިން އެންމެ ފުރަތަމަ ބަލިވީ މަންމަ އެވެ. އެއީ ކުރިން ވެސް ހަކުރު ބައްޔާއި ނޭވާ ހިއްލުން ފަދަ ބަލިތައް ހުންނަ މީހެކެވެ. އިތުރު މީހުން ޓެސްޓު ކުރުމަށް ސާމްޕަލް ނެގީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އެވެ.
ފުލުސް މީހާ ބުނި ގޮތުގައި އާއިލާގެ އެންމެން ވެސް ތިބީ އެކި ފެސިލިޓީތަކުގަ އެވެ. އެ އެންމެންނާ ވެސް އޭނާ ފޯނުން ގުޅައި ހާލު ބަލަ އެވެ. މަންމަގެ ހާލު އެހާ ރަނގަޅު ނޫން ކަމަށާއި ތުއްތު ދަރިފުޅުގެ ހުން ވެސް ގަދަ ކަމަށް އޭނާ ބުންޏެވެ.
"ވަރަށް އުނދަގޫ ވަގުތެއް މިއީ. އަޅުގަނޑަށް އެ މީހުން ފެންނާނީކީ ވެސް ނޫން. އެކަމަކު ހިތްވަރުކޮށްލައިގެން، ޑިއުޓީ އަދާކުރެވޭތޯ މި ބަލަނީ،" ނޫހުގައި ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި ފުލުސް މީހާ ބުންޏެވެ.
ގޭގައި ތިބި ބަލި މީހުންގެ ސާމްޕަލްތައް ނެގުމުގައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަމަލު ކުރި ގޮތާ މެދު ވެސް އާއިލާއަކުން ހިތްހަމައެއް ނުޖެހެ އެވެ. އެ މީހުން ބުނި ގޮތުގައި، ދުވަސްވީ މަންމަ ބައްޔަށް ޕޮޒިޓިވްވިކަން އެނގުނު ނަމަވެސް، ކުޑަކުދިންނާއި ދެން ތިބި މީހުންގެ ސާމްޕަލް ނަގަން އެޗްޕީއޭން ދިޔައީ، ވަރަށް ގިނައިން ގުޅިފަހުންނެވެ. އަދި ސާމްޕަލް ނަގާފައި ނަތީޖާ ނުލިބެނީސް ބަލީގެ އަލާމާތްތައް ފެންނަން ފެށި ކަމަށް އެ މީހުން ބުންޏެވެ.
"އަލާމާތްތައް ފެންނަން ފެށީމައި ވެސް ފެސިލިޓީއަކަށް ގެންދަން އެތައް ފަހަރަކު ގުޅައި އާދޭސް ކުރިން. އެކަމަކު އެކަހެރި ކުރެވޭ ވަރުވީ، އިއްޔެ މެންދުރު" އާއިލާގެ މީހަކު ބުންޏެވެ.
އަހަރު ނުވާ ތުއްތު ކުއްޖެއްގެ ސާމްޕަލް ނެގުމަށް މައިންބަފައިން ދެކޮޅު ހެދުމުން، އެކަން ކުރުމަށް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކޯޓުން ވަނީ އެ މީހުންގެ މައްޗަށް އަމުރުކޮށްފަ އެވެ. އެކަމަކު އެއީ މި ހަތް މަހުގެ ތުއްތު ކުއްޖާއެއް ނޫނެވެ.
ރާއްޖެއިން މިހާތަނަށް 744 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު އޭގެ ތެރޭގައި ވަރަށް ކުޑަކުދިން ވެސް ހިމެނެ އެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް އެންމެ ގިނައިން ޕޮޒިޓިވް ވެފައިވަނީ 21-30 އަހަރާ ދެމެދުގެ މީހުންނެވެ. ދެން އެންމެ ގިނައީ 31-40 އަހަރާ ދެމެދުގެ މީހުންނެވެ. އުމުރުން 1-10 އަހަރާ ދެމެދުގެ ޕޮޒިޓިވް ކުދިންގެ އަދަދަކީ 10 އެވެ.