09 މެއި 2020 - 12:44

ކ. ތުލުސްދޫގައި ތިބި 15 ބިދޭސީންގެ ތެރޭގައި ކޮވިޑް-19 ފެތުރި، އިތުރު ދެ މީހަކު އިއްޔެ ޕޮޒިޓިވްވުމުން ދެން ތިބި އެންމެން މިއަދު ކަރަންޓީނު ފެސިލިޓީއަކަށް ގެންދަން ނިންމައިފި އެވެ.

އޭގެ ތެރެއިން ހަތަރު މީހަކު ކުރިން ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.
އެ ރަށުގައި ބިދޭސީން ދިރިއުޅެމުން އައި ހާލަތު ސޯޝަލް މީޑިއާގައި މިހާރު ވަނީ އާއްމުވެފަ އެވެ. އެ ފޮޓޯތަކުން ފެންނަނީ، ބަރިބަރިއަށް ބިދޭސީން ތަށިމުށިމަތީގައި އޮށޯވެ ތިއްބަ އެވެ. ފޮޓޯތަކުގައި އަށް މީހަކު ފެނުނަސް އެ ތަނުގައި ޖުމްލަ 15 ބިދޭސީން ނިދައި ހެދި ކަން ކައުންސިލުން ކަށަވަރުކޮށްދެ އެވެ.
އެއީ ތުލުސްދޫގައި ސްޓެލްކޯގެ މަސައްކަތެއް ކުރަން އަމިއްލަ ކުންފުންޏަކާ ހަވާލުކުރުމުން އެ ކުންފުނީގެ ބެލުމުގެ ދަށުގައި ތިބި މީހުންނެވެ. އޭގެތެރެއިން ދެ މީހަކު ޕޮޒިޓިވްކަން އެނގުނީ މިދިޔަ މަހުގެ ފަހުކޮޅު މާލެ އައި ފަހުންނެވެ. މިދިޔަ މަހުގެ 21 އިން ފެށިގެން ތުލުސްދު އަށް އަރައި ފޭބުން އޮތީ މަނާކޮށްފަ އެވެ.
ކައުންސިލްގެ ރައީސް އަހްމަދު އަނީސް މިއަދު ވިދާޅުވީ އެ ރަށުން އެންމެ ފަހުން ޕޮޒިޓިވް ވި ދެ ބިދޭސީން ރޭ ގެންގޮސްފައިވާ ކަމަށެވެ. ބާކީ ތިބި އެންމެން ވެސް މިއަދުގެ ވަގުތެއްގައި ގެންދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ތިބި ބިދޭސީންގެ މެދުގައި ވެސް ކަންބޮޑުވުން އެބަ އޮތް، އެ މީހުންނަށް ބަލި ޖެހިފައި ތިބެދާނެ ކަމުގެ. އެއް ތަނެއްގައި ތިއްބައި ޕޮޒިޓިވްވެގެން އަނެއްކާ ދެ މީހަކު އެ ގެންދިޔައީ،" އަނީސް ވިދާޅުވި އެވެ.
ދެހާހަށް ވުރެން ގިނަ މީހުން ދިރިއުޅޭ ތުލުސްދޫގައި ބައްޔަށް ހުށަހެޅިފައި ތިބި ބިދޭސީންގެ ފަރާތުން ރަށުގެ ރައްޔިތުންނަށް ނުރައްކާ އޮތް ކަމަށް ބުނެ ބަޔަކު އެއްވެ ހިތްހަމަނުޖެހުން ވެސް ފާޅުކުރި އެވެ.
ކައުންސިލަރު ވިދާޅުވީ ބަޔަކު ހިތްހަމަނުޖެހުނީ އެންމެން އެއް ތަނެއްގައި ތިބުމާއި އެ މީހުންނާ މެދު އަޅާނުލެވި ލަސްވެގެން ދިއުމުގެ އިތުރުން އެ މީހުންނަށް ޑެލިވަރީކޮށްދޭ މީހުންނަށް ވައިރަސް ފެތުރުމުގެ ނުރައްކާ ވެސް އޮތުމުން ކަމަށެވެ.
ކައުންސިލުން ބުނިގޮތުގައި، އެކަހެރިކޮށްފައި ތިބި ބިދޭސީން މިއަދު ގެންދިޔަސް އެ ރަށުން ވައިރަސް ފިލީ ކަމަކަށް ނުބެލެވޭނެ އެވެ. އެއީ، އެ ބިދޭސީންނާ އެކު އެ ރަށަށް ގޮސް އުޅުނު ދިވެއްސަކު ވެސް ރަށުގެ ގިނަ ބަޔަކާ ގާތުން ބައްދަލުވެފައިވާތީ އެވެ.
އެޗްޕީއޭ އިން މިހާތަނަށް ވަނީ އެ ރަށުގެ 40 އަށް ވުރެ ގިނަ މީހުންގެ ސާމްޕަލް ނަގައި ޓެސްޓްކޮށްފަ އެވެ. އެކަމަކު މިހާތަނަށް އާއްމުންގެ ތެރެއިން އެއްވެސް މީހަކަށް ބައްޔަށް ޕޮޒިޓިވްވެފައެއް ނުވެ އެވެ.
އަނީސް ވިދާޅުވީ ހަފުތާ ބަންދަށް މީހުން އަބަދު ގޮސް އުޅޭ ތުލުސްދޫ މިހާރު އޮތީ ވައިރަހުގެ ބިރާ އެކު ހިމޭންވެފައި ކަމަށެވެ. ޒަރޫރީ ކަމެއްގައި ނޫނީ އެ ރަށުގައި އެއްވެސް މީހަކު ގެއިން ބޭރަކަށް ނުނިކުމެ އެވެ. ވިޔަފާރިކުރުން ފަދަ ކަންކަމަށް ބޭރަށް ނުކުމެ އުޅެނީ އެ ރަށުގެ ޓާސްކްފޯހުން ހުއްދަ ދީފައިވާ މީހުން ކަމަށް ކައުންސިލުން ބުންޏެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި އަދަދު 744 އަށް އަރާފައިވާ އިރު އޭގެ ތެރޭގައި ގިނައީ ބިދޭސީންނެވެ.