ޑީބަލާގެ ދެ ލަނޑުން ޔުވެންޓަސް އަށް ފަސް ޕޮއިންޓުގެ ލީޑެއް
ޑީބަލާގެ ދެ ލަނޑުން ޔުވެންޓަސް އަށް ފަސް ޕޮއިންޓުގެ ލީޑެއް

ޓިއުރިން، އިޓަލީ (އޮކްޓޯބަރު 16) - އިޓާލިއަން ލީގުގައި ރޭ ޕައޮލޯ ޑީބަލާ ޖެހި ދެ ލަނޑުން 2-1 އިން އުދިނޭޒީ ބަލިކޮށް ލީގުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ޔުވެންަޓަސްނަގައިފި އެވެ.

ޔުވެންޓަސް އެއް ވަނައިގައި އޮތީ އަށް މެޗުން 21 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރޯމާ އަށް އަށް މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ. ތިން ވަނައިގައި ނަޕޯލީ އޮތީ އަށް މެޗުން 14 ޕޮއިންޓާ އެކު އެވެ.

މިދިޔަ ސީޒަންގެ ފުރަތަމަ މެޗުން ޔުވެންޓަސް ވަނީ އުދިނޭޒީ އަތުން ބަލިވެފަ އެވެ. އެހެންކަމުން ރޭގެ މެޗު އެ ޓީމަށް ފަސޭހަކޮށްލެވެން ނެތެވެ.

ރޭގެ މެޗުގެ 30 ވަނަ މިނިޓްގައި އުދިނޭޒީ އަށް ލީޑުނަގައިދިނީ ޗެކް ރިޕަބްލިކްގެ 21 އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިއާ ޖަކުބް ޔަންކްޓޯ އެވެ. ޑީބަލާ އެއްވަރުކޮށްދިނީ ފުރަތަމަ ހާފުގެ ފަހުކޮޅެވެ.

ދެ ވަނަ ހާފް ފެށިގެން ޔުވެންޓަސް އިން ކުޅުން ރަނގަޅު ކުރިއިރު، ޑީބަލާ އެ ޓީމު މޮޅުކޮށްދިން ލަނޑު ޖެހީ މެޗުގެ 51 ވަނަ މިނިޓްގަ އެވެ.

ޔުވެންޓަސްގެ ކޯޗު މެސިމޯ އަލެގްރީ ބުނީ ސީޒަންގެ ކުރީކޮޅުގައި ރަނގަޅު ލީޑެއް ލިބުނަސް އެއީ މާބޮޑު އެޑްވާންޓޭޖެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.

ރޭ ރޯމާ ކުޅުނު މެޗުން އެ ޓީމު ވަނީ ނަޕޯލީ އަތުން 3-1 އިން މޮޅުވެފަ އެވެ. ރޯމާގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ އެޑިން ޖެކޯ އެވެ. އަނެއް ލަނޑު ޖެހީ މުހައްމަދު ސަލާހް އެވެ. ނަޕޯލީގެ ހަމައެކަނި ލަނޑު ޖެހީ ކަލިދޫ ކުލިބަލީ އެވެ.