މަންމަ ސްރީދޭވީ ކުޅުނު ފިލްމެއްގެ ސީކްއެލް ޖާންވީ ކަޕޫރަށް
މަންމަ ސްރީދޭވީ ކުޅުނު ފިލްމެއްގެ ސީކްއެލް ޖާންވީ ކަޕޫރަށް

މީގެ ދެ އަހަރު ކުރިން މަރުވި ބަތަލާ ސްރީދޭވީ ކުޅުނު ކާމިޔާބު ތެލެގޫ ފިލްމު "ޖަގަޑޭކާ ވީރްޑޫ އަތިލޯކާ ސުންދަރީ" ގެ ސީކްއެލް އަށް ޖާންވީ ކަޕޫރް ގެންނަން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެ ފިލްމަކީ 1990 ގައި މަޝްހޫރު ތެލެގޫ އެކްޓަރު ޗިރަންޖީވީ އާއި ސްރީދޭވީ ކުޅުނު ވަރަށް މަގުބޫލުވި ސުޕަނެޗްރަލް ފެންޓަސީ ފިލްމެކެވެ.

"ޖަގަޑޭކާ ވީރްޑޫ އަތިލޯކާ ސުންދަރީ" ރިލީޒްކުރިތާ ހޮނިހިރު ދުވަހަށް 30 އަހަރު ފުރުމާ ދިމާކޮށް ފިލްމުގެ ޕްރޮޑިއުސަރު އަޝްވިނީ ދަތު ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭގެ ސީކްއެލްއެއް ހެދުމާ ދޭތެރޭ ސީރިއަސްކޮށް ވިސްނަމުންދާ ކަމަށެވެ.

އަދި ދެވަނަ ބައިގެ ވާހަކަ ކުރިއަށް ގެންދާނީ ސްރީދޭވީ ކުޅުނު އިންދުރާޖާ އާއި ޗިރަންޗީވީ ކުޅުނު ރާޖޫގެ ކެރެކްޓާތަކަށް ލިބޭ ދަރިންނަށް ބިނާކޮށް ކަމަށް ބުންޏެވެ.

ނަމަވެސް ސީކްއެލްއާ ބެހޭ މާ ބޮޑު ތަފުސީލެއް އޭނާ ނުދެ އެވެ. އެކަމަކު އޭގެ ލީޑް ރޯލުން ސްރީދޭވީގެ ދަރިފުޅު ޖާންވީ ކަޕޫރާއި ޗިރަންޖީވީގެ ދަރިފުޅު ރާމް ޗަރަން ފެނިގެން ދިއުމުން ފިލްމުގެ ހާއްސަކަން އިތުރުވެގެން ދާނެ ކަމަށް ބުންޏެވެ. އަޝްވިން ބުނީ ސީކްއެލްއާ ބެހޭ ގޮތުން ފަހުން އިތުރު މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން އަޝްވިން އާއި އޭނާގެ ޓީމް މިހާރު އަންނަނީ "ޖަގަޑޭކާ ވީރްޑޫ އަތިލޯކާ ސުންދަރީ" ގެ ސީކްއެލްގެ ސްކްރިޕްޓް އެކުލަވާލަމުންނެވެ. އަދި އޭގެ ފައިނަލް ޑްރާފްޓް ނިމުމާ އެކު ޖާންވީ އާއި ޗަރަން އަށް ފިލްމު ރަސްމީކޮށް ހުށަހަޅާނެ އެވެ.

"ޖަގަޑޭކާ ވީރްޑޫ އަތިލޯކާ ސުންދަރީ" އަކީ ކޭ ރަގްވެންދުރަ ރާއޯ ޑައިރެކްޓްކުރި ފިލްމެކެވެ. އޭގެ ރޯލެލެއް ބޮލީވުޑްގެ ކުރީގެ އެކްޓަރު އަމްރިޝް ޕޫރީ ވެސް ކުޅުނެވެ.

ޗަރަން، 35، މިހާރު އަންނަނީ "ބާހްބަލީ" ގެނެސްދިން ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ އާ ފިލްމު "އާރްއާރްއާރް" ގެ މަސައްކަތްކުރަމުންނެވެ.

ޖާންވީ، 23، ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" އާއި "ރޫހީ އަފްޒާނާ" އާއި "ދޯސްތާނާ 2" އާއި "ތަޚުތު" ހިމެނެ އެވެ.