09 މެއި 2020 - 14:47

މެޑްރިޑް (މެއި 9) - ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލި ސްޕެނިޝް ލީގު (ލަލީގާ) އަލުން ފަށަން ކުޅުންތެރިން ޕްރެކްޓިހަށް ނުކުމެފައިވާއިރު، އަންނަ މަހު 20 ވަނަ ދުވަހު މެޗުތައް ފެށުމަށް ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނުން ނިންމާފައިވާ ކަމަށް ބައެއް ކްލަބްތަކުން ބުނެފި އެވެ.
މިދިޔަ މާޗް މަހު ލަލީގާގެ ކުޅުން ހުއްޓާލީ ސްޕެއިނުގައި ވަރަށް ބޮޑަށް ކޮވިޑް-19 ފެތުރުމާ ގުޅިގެންނެވެ. އެ ގައުމަށް މި ބަލީގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާތީ އަލުން ލީގު ނުފެށި މި ފަހަރުގެ މުބާރާތްތައް ކެންސަލްކުރަން ޖެހިދާނެ ކަމަށް ވެސް ހީވި އެވެ. އެކަމަކު ފަހަކަށް އައިސް ސްޕެއިނުގައި ބަލި ކޮންމެވެސް ވަރަކަށް ކޮންޓްރޯލްކުރެވުމާ އެކު އަލުން ލީގު ފެށުމުގެ އުއްމީދު ވަނީ ބޮޑުވެފަ އެވެ.
ލީގު އަލުން ފެށުމަށް ކުރެވޭ މަސައްކަތުގެ ފެށުމެއްގެ ގޮތުން ސްޕެނިޝް ލީގުގެ ގިނަ ކްލަބްތަކުން ވަނީ ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ފަހު އިންޑިވިޖުއަލް ޓްރެއިނިންތައް ފަށައިފަ އެވެ. ވަކި ވަކި ކުޅުންތެރިންގެ ޓްރެއިނިން ފެށި ކްލަބްތަކުގެ ތެރޭގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑް ހިމެނެ އެވެ. ޓީމުގެ ޓްރެއިނިންތައް ފެށޭނެ ކަމަށް ބަލަނީ އަދި ހަފްތާއެއްހާ ދުވަސް ފަހުންނެވެ.
މެޗުތައް އަލުން ފެށޭނެ ސީދާ ތާރީހެއް ރަސްމީކޮށް އަދި ސްޕެއިނުގެ ސަރުކާރުންނާއި ސްޕެނިޝް ލީގު ހިންގާ އެލްއެފްޕީން އިއުލާނެއް ނުކުރެ އެވެ. އެކަމަކު ބައެއް ކްލަބްތަކުގެ ކޯޗުން ވަނީ އަންނަ މަހު 20 ވަނަ ދުވަހު ލީގު ފަށަން ނިންމާފައިވާކަން އެނގިފައިވާ ކަމަށް ބުނެފަ އެވެ.
"ލީގު ފަށާނެކަން ރަސްމީކޮށް އަހަންނަށް ޔަގީންވެފައި އޮތީ. މިހާރު ކަނޑައަޅާފައިވާ ތާރީހަކީ އަންނަ މަހު 20 ވަނަ ދުވަހު ފަށަން. ލީގު ނިންމަން އަމާޒުހިފަނީ ޖުލައި މަހުގެ 26 އަށް. އަހަރެމެންނަށް މި ތާރީހުތައް ލިބުނީ ކުޅުންތެރިންގެ ޓްރެއިނިން ކުރިއަށްގެންދަން ފަސޭހަކުރުމުގެ ގޮތުން. އެއީ ޓައިމްލައިނެއް ނެތި އަހަރެމެންނަށް ޓްރެއިނިން އެއް ނުހެދޭނެތީ،" ލީގު ފެށުމާ ބެހޭގޮތުން ދިން އިންޓަވިއުއެއްގައި ލެގަނޭސްގެ ކޯޗު ހަވިއޭ އަގީރޭ ބުންޏެވެ.
އަލުން ލީގު ފަށަން ޖެހޭ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި އެލްއެފްޕީގެ ރައީސް ހަވިއޭ ޓެބާސް ފާހަގަކުރެއްވީ ކްލަބްތަކަށް ލިބޭނެ މާލީ ގެއްލުންތަކުން ސަލާމަތްކުރުމުގެ ގޮތުންނެވެ. އެ ގޮތުން ލަލީގާ ފުރިހަމަނުކުރެވިއްޖެނަމަ ކްލަބްތަކަށް ލިބޭނެ ކަމަށް މި ވަގުތު އަންދާޒާކުރާ ގެއްލުމުގެ އަދަދު އެއް ބިލިއަން ޑޮލަރަށް އަރަ އެވެ.
މެޗުތައް ކުރިއަށްގެންދަން ނިންމާފައިވަނީ ސަޕޯޓަރުން ނުވައްދަ އެވެ. މެޗުތަކަށް ވަންނަން ސީޒަން ޓިކެޓް ނަގާފައިވާ ސަޕޯޓަރުންނަށް އެކި އިންތިޒާމުތައް ކްލަބްތަކުން އަންނަނީ ހަމަޖައްސަމުންނެވެ. އެ ގޮތުން ބްރެޒިލްގެ ތަރި ރޮނާލްޑޯ ނަޒާރިއޯގެ ކްލަބް ރެއާލް ވަލޮޑޮލިޑުން ވަނީ ސީޒަން ޓިކެޓް ނަގާފައިވާ ސަޕޯޓަރުންނަށް ރިފަންޑް ދޭން ޕެކޭޖްތަކެއް ތައާރަފްކޮށްފަ އެވެ. އަދި އެތުލެޓިކޯ މެޑްރިޑާއި ގެޓާފޭ އިން ވަނީ މި އަހަރަށް ސީޒަން ޓިކެޓް ނެގި ސަޕޯޓަރުންނަށް ކުރިއަށް އޮތް ތަނުގައި ޑިސްކައުންޓްތަކެއް ދޭން ނިންމައިފަ އެވެ.
ޔޫރަޕްގެ ގައުމުތަކުގައި މެޗުތައް ކުޅެވޭނެ މާހައުލެއް ނެތް ކަމަށް ބުނެ ވަނީ މުބާރާތްތައް ކެންސަލްކޮށްފަ އެވެ. އެކަމަކު ގިނަ ގައުމުތަކުން އަންނަނީ އަލުން ފުޓްބޯޅަ މެޗުތައް ފަށަން ކުރެވެން އޮތްހާ މަސައްކަތެއް ކުރަމުންނެވެ. އެ ގޮތުން އެންމެ އަވަހަށް ފަށަން ތާވަލުކޮށްފައި އޮތީ ޖަރުމަނު ލީގެވެ. އެ ލީގުގެ މެޗުތައް އަންނަ ހަފްތާގައި ފަށަން ވަނީ ތާވަލުކޮށްފަ އެވެ.