09 މެއި 2020 - 14:54

ޒިއުރިކް (މެއި 9) - ކޮވިޑް-19 ފެތުރޭތީ މެދުކަނޑާލި ފުޓްބޯޅަ ސީޒަން އަލުން ފަށާއިރު މެޗުތަކުގެ ތެރޭގައި، ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގޮތަށް ވަގުތީ ގޮތުން ގަވާއިދު ބަދަލުކުރަން ފީފާ ހުށަހެޅި ޕްރޮޕޯސަލް ބަލައި ގަނެ އެ ހުއްދަދޭން އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިފެބް) އިން ނިންމައިފި އެވެ.
ފުޓްބޯޅަ ގަވާއިދާ ބެހޭގޮތުން ގޮތް ނިންމާ އައިފެބުން މި ގޮތަށް ނިންމީ ދެ މަހަށް ވުރެން ގިނަ ދުވަސް ވަންދެން މެޗުތައް ނުކުޅެ ތިބުމަށް ފަހު އަލުން މެޗުތައް ފަށާއިރު ކޮންމެ ގައުމެއްގެ ފުޓްބޯޅަ ކަލަންޑަރަށް ލޯޑު ބޮޑުވާއިރު ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމުން ކުޅުންތެރިންނަށް ދިމާވެދާނެ އަނިޔާގެ މައްސަލަތަކުން ސަލާމަތްކުރުމުގެ ގޮތުންނެވެ.
ފަސް ބަދަލު ގެެންނަން ފުރުސަތު ދޭން ނިންމިއިރު އެކަން ކުރެވޭނެ ގަވާއިދުތަކެއް ވެސް ވަނީ ކަނޑައަޅައިފަ އެވެ. އެ ގޮތުން ފަސް ބަދަލު ގެންނަން ބޭނުންކުރަން ޖެހޭނީ ތިން ފުރުސަތެކެވެ. މި ގޮތަށް ނިންމި ސަބަބަކީ މެޗު ލަސްކުރުމުގެ ފުރުސަތު އެއްވެސް ޓީމަކަށް ނުދިނުމަށެވެ. ދެ ޓީމުން އެއްކޮށް އެއް ފަހަރާ ކުޅުންތެރިން ބަދަލުކުރި ކަމުގައި ވިޔަސް ގުނާނީ އެއް ފުރުސަތެއްގެ ގޮތުގަ އެވެ. މެޗުގެ ތެރެއިން ނުކޮށް ހުންނަ ބަދަލު އިތުރު ވަގުތުގެ ދެ ހާފް ކުޅޭ މެޗުތަކުގައި ކުރެވޭނެ އެވެ.
އައިފެބް އިން މީގެ ކުރިން ވަނީ ތިން ކުޅުންތެރިން ބަދަލުކޮށްފައިވަނިކޮށް މެޗުގެ ތެރެއިން ކުޅުންތެރިއެއްގެ ބޮލަށް އަނިޔާވެއްޖެނަމަ އެ ކުޅުންތެރިއަކު ބަދަލު ކުރުމުގެ އިހުތިޔާރު ދޭ ގޮތަށް ގަވާއިދެއް އެކުލަވާލަން މަޝްވަރާކޮށްފަ އެވެ. ދާދި ފަހުން ޔުއެފާ އިން ވަނީ މެޗެއްގެ އިތުރު ވަގުތަށް ގޮސްފިނަމަ ހަތަރު ވަނަ ބަދަލެއް ކުރެވޭ ގޮތަށް ހަދައިފަ އެވެ.
ފީފާ އާއި އައިފެބުން މި ގަވާއިދަށް ރުހުންދީފައިވީ ނަމަވެސް މި ކަމުގައި އެންމެ ފަހު ގޮތްތަކެއް ނިންމާނީ ލީގުތަކުގެ ބޯޑުންނެވެ. ބައެއް ގައުމުތަކުން ވަނީ މި ގަވާއިދަށް މަރުހަބާ ކިޔައިފަ އެވެ. އެ ގޮތުން ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ލުއިސް ރުބިއާލެސް ވިދާޅުވީ މި ގަވާއިދަކީ ކުޅުންތެރިންގެ ސިއްހަތަށް ވިސްނައިގެން ފިފާގެ އިސްނެގުމާ އެކު ގެނެވުނު ވަރަށް ރަނގަޅު ޕްރޮޕޯސަލެއް ކަމަށެވެ.
ބައެއް ގައުމުތަކުން އަންނަނީ މި ވަގުތު ބޭނުންކުރަމުން އަންނަ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ ބޭނުން މި ވަގުތު ނުހިފަން މަޝްވަރާކުރަމުންނެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ފީފާގެ ވިސްނުމަކީ މެޗެއްގައި ފަސް ބަދަލު ގެނެވޭ މި ގަވާއިދަށް އަމަލުކުރުން މި ސީޒަނުގެ އިތުރުން އަންނަ ސީޒަނުގައި ވެސް ދެމެހެއްޓުމަށެވެ. ސަބަބަކީ އަންނަ ސީޒަން ވެސް ފުރިހަމަ ކުރަން ޖެހޭނީ ކުރު މުއްދަތެއްގެ ތެރޭގައި ކަމަށްވާތީ އެވެ. އަދި ޔުއެފާ އިން ބޭނުންނަމަ އަންނަ އަހަރަށް ފަަސްކޮށްފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވެސް މި ގަވާއިދަށް އަމަލުކުރެވިދާނެ އެވެ. ފީފާގެ މުބާރާތްތަކުގައި މި ގަވައިދު ބޭނުންކުރުމާ ބެހޭގޮތުން އެ ފެޑެރޭޝަނުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ އެވެ.
ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ފުޓްބޯޅަ ސީޒަން މެދުކަނޑާލާފައި އޮތް ނަމަވެސް ފަހަކަށް އައިސް އެކި ގައުމުތަކުން އަންނަނީ އަލުން ފުޓްބޯޅަ މުބާރާތްތައް ފަށަމުންނެވެ. ޔޫރަޕްގެ ބައެއް ގައުމުތަކުން ފުޓްބޯޅަ ސީޒަން ކެންސަލްކޮށްފައިވާއިރު، އަނެއް ބައި ގައުމުތަކުން އަންނަނީ އެކި ޕްލޭންތައް ހަދައި އަލުން މެޗުތައް ފެށޭނެ ތާރީހެއް ނިންމުމުގައި މަސައްކަތްތަކެއް ކުރަމުންނެވެ. ބޮޑެތި ގައުމުތަކުގެ ތެރެއިން އެންމެ އަވަހަށް މެޗުތައް ފަށާނީ ޖަރުމަނުގަ އެވެ. އަންނަ ހަފްތާގައި ލީގުތަށް ފަށަން ޖަރުމަނު ސަރުކާރުން ވަނީ ރުހުންދީފަ އެވެ.