ހަތް މަހުގެ ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
ހަތް މަހުގެ ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ހަތް މަހުގެ ތުއްތު ފިރިހެން ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. މިއީ ރާއްޖެއިން މިހާތަނަށް މި ބަލި ޖެހުނު އެންމެ ކުޑަކުއްޖާ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމުކުރި މައުލޫމާތަށް ބަލާއިރު އެ ކުއްޖާ ޕޮޒިޓިވްވިވީ މިއަދެވެ. މީގެ ކުރިން ދެ އަހަރުގެ ކުއްޖަކާއި ހަތަރު އަހަރުގެ ދެ ކުއްޖަކާއި ފަސް އަަހަރުގެ ކުއްޖަކަށް ވެސް ކޮވިޑް-19 ޖެހިފައިވެ އެވެ. އަދި އެންމެ ފަހުން ހާމަކުރި ކޭސްތަކުގައި ވެސް ދެ އަހަރުގެ ކުއްޖަކު ހިމެނެ އެވެ.

ހަތް މަހުގެ ކުއްޖާގެ ހާލު ސްޓޭބަލެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް އެންމެ ގިނައިން ޕޮޒިޓިވް ވެފައިވަނީ 21-30 އަހަރާ ދެމެދުގެ މީހުންނެވެ. ދެން އެންމެ ގިނައީ 31-40 އަހަރާ ދެމެދުގެ މީހުންނެވެ. އުމުރުން 1-10 އަހަރާ ދެމެދުގެ ޕޮޒިޓިވް ކުދިންގެ އަދަދަކީ 10 އެވެ.

ރާއްޖެއިން މިހާތަނަށް 744 މީހަކަށް ކޮވިޑް ޖެހިފައިވާއިރު އޭގެ ތެރެއިން ތިން މީހަކު ވަނީ މަރުވެފަ އެވެ.