08 މެއި 2020 - 23:05

ކޮވިޑް-19 ގެ ސަބަބުން ސްކޫލުތައް ބަންދުކުރަންޖެހި ކިޔަވައިނުދެވޭތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އިއްޔެ ވިދާޅުވެއްޖެ އެވެ.
ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިއުކޭޝަން (ޖީޕީއީ) އަދި ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ސިއެރަ ލިއޯންގެ ބޭސިކް އަދި ސީނިއާ ސެކަންޑްރީ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ބޭއްވި މިނިސްޓަރުންގެ ފޯރަމްގައި، މިނިސްޓަރު ވިދާޅުވީ މިދިޔަ މާޗު 12 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ސްކޫލުތައް ބަންދުކޮށްފައިވާއިރު، ދަރިވަރުންނަށް ފިލާވަޅުތައް ހަވާލުނުކުރެވި، ސްކޫލުން ވަކިވާ ދަރިވަރުންގެ އަދަދު ގިނަވުމުގެ ފުރުސަތު އޮތުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަޅާނުލެވުމާއި ނާޒުކު ހާލަތުގައި ދިރިއުޅޭ ކުދިންގެ ހާލަތު އިތުރަށް ގޯސްވެގެން ދިއުމަކީ ކަންބޮޑުވުމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވިގޮތުގައި އެ މައްސަލަތައް އިތުރަށް ގޯސްވެގެން ދަނީ ރާއްޖެއަށް ދިމާވާ ތަފާތު އެހެން މައްސަލަތަކުގެ ސަބަބުން ކަމަށެވެ. އެހެންވެ ކުރީގެ ތަޖުރިބާއަށް ބެލުމަށް ފަހު ވީހާ ވެސް އަވަހަކަށް ކިޔެވުން ފެށުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ރަށްތައް ބެހިފައިވާ ގޮތުން ހުރިހާ ދަރިވަރުންނާ ހަމައަށް ވާސިލްވުމަކީ ވަރަށް ދަތި ކަމެކެވެ. ވާޗުއަލްކޮށް ކިޔަވައިދިނުމުގެ ނިޒާމަކާއެކު އެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށާއި ނަމަވެސް އެއީ ރާއްޖޭގެ ސްކޫލު ސިސްޓަމަށް ވަރަށް އާ ކަމެއްކަން ފާހަގަކުރެއްވި އެވެ.
"ދުރުގައި ތިބެގެން ކިޔަވައިދޭން ބޭނުންވާނެ ވަސީލަތް ނެތް ގޭގެ ވެސް އެބަހުރި. އިންޓަނެޓު އަގުބޮޑުވެފައި އޭގެ ކަނެކްޝަން ދަށް. ހާއްސަކޮށް ރަށްރަށުގައި. އޮންލައިންކޮށް ކިޔަވައިދިނުމުގެ ކޮންޓެންޓް ތައްޔާރުކުރުމަށް ޓީޗަރުން ތަމްރީނުކުރަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން ދިމާވެދާނެ އެހެން މައްސަލައެއްކަމަށް ފާހަގަކުރެއްވީ ޓީޗަރުންގެ އަދަދު މަދުވުމެވެ. އަދި ފަރުވާއެއް ހޯދިފައިނުވާ ބަލީގައި ރާއްޖޭގެ ހާލަތު ގޯސްވެއްޖެ ނަމަ، ރާއްޖޭގައި ތިބި ބިދޭސީ ޓީޗަރުން އެމީހުންގެ ގައުމަށް ދާން ބޭނުންވެދާނެ ކަމަށް ވިދާޅުވި އެވެ. ދިވެހި ޓީޗަރުންގެ 83 ޕަސެންޓަކީ އަންހެނުން ކަމަށާއި އޭގެ ތެރެއިން ގިނަ މީހުން މަސައްކަތްކުރަނީ މާލޭގައި ކަމަށް ވިދާޅުވި އެވެ. ނަމަވެސް ބަލިމަޑުކަމުގައި ދިމާވި މާލީ ދަތިތަކާ ހެދި އެ މީހުންގެ އަމިއްލަ ރަށަށް ދިއުމުގެ ފުރުސަތު ވެސް ވަރަށް ބޮޑުކަން ފާހަގަކުރެއްވި އެވެ.
އެހެންވެ މިނިސްޓަރު ވަނީ ޓީޗަރުން ތަމްރީނުކުރުމުގައި އެހީތެރިކަމަށް އެދިވަޑައިގެންފަ އެވެ.
މިނިސްޓަރު ވިދާޅުވީ ސްކޫލުތައް ހުޅުވައި ކިޔަވައިދީ "ނިއު ނޯމަލް" އަށް ދިއުމަށް ތަމްރީނުވެފައިވާ ކައުންސެލަރުންނާއި ސިއްހީ އެހީތެރިން ރާއްޖެއަށް ވަރަށް ބޮޑު ބޭނުންވާ ކަމަށެވެ. މިހާރު ވަޒީފާގައި ތިބި ކައުންސެލަރުންނާއި ސިއްހީ އެހީތެރިންނަށް ވެސް ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ ދަތިތަކަށް ތައްޔާރުކުރަން ތަމްރީނު ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
"ރާއްޖޭގެ ސްކޫލު ނިޒާމު އޮތީ މި ބަލިމަޑުކަމަށް ފުރިހަމައަށް ތައްޔާރުވެފައެއް ނޫން. މި ބަލިމަޑުކަން ދެމިގެންދާނެ މުއްދަތެއް ނޭނގެ. މިކަމުން އަރައިގަތުމަށް މަސްތަކެއް ނޫނީ އަހަރުތަކެއް ނަގައިފާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ސްކޫލުތައް ބަންދުކުރި ނަމަވެސް "ޓެލިކިލާސް" މެދުވެރިކޮށް ދަރިވަރުންނަށް މީގެ ކުރިން ކިޔަވައިދިނެވެ. އެކަމަކު މާލެ ލޮކްޑައުންކުރުމާ އެކު އެގޮތަށް ކިޔަވައިދިނުން ވެސް ވަނީ މެދުކަނޑާލައިފަ އެވެ. ކިޔެވުމަށް ލޮޅުުން އަރާ ފަދަ ގޮތަކަށް ދެން ކުރިމަތިވާ ބަލިމަޑުކަމެއްގައި ނުވަތަ ކާރިސާއަކަށް މިހާރަށް ވުރެ ބޮޑަށް ތައްޔާރުވެ ގާބިލުކަން އިތުރުކުރަމަށް އޭނާ އެދިވަޑައިގަތެވެ. މި ބަލިމަޑުކަމުގައި މިހާތަނަށް ދަސްކުރި ކަންތައްތައް އެއްކޮށް އެންމެން ހިއްސާ ކުރާ ވަސީލަތްތައް އުފައްދަންޖެހޭ ކަމަށް ވިދާޅުވި އެވެ.
އެހެން ގައުމުތަކުގެ މިނިސްޓަރުން ވެސް ވަނީ، ސްކޫލުތައް ބަންދުކޮށްފައި ހުރުމުން ދަރިވަރުންނަށް ކިޔަވައިދިނުމުގައި ގޮންޖެހުންތައް ހުރިކަން ފާހަގަކުރައްވައިފަ އެވެ. އޭގެ ތެރެއިން ބައެއް ގައުމުތަކުން އަންނަނީ، ޓީވީ އާއި ރޭޑިއޯ މެދުވެރިކޮށް ވެސް ފިލާވަޅުތައް ނަގައިދެމުންނެވެ.