ވެންޓިލޭޓަރުތައް ގެންނަން އާދިއްތަ ދުވަހު ފްލައިޓެއް ބާއްވަނީ
ވެންޓިލޭޓަރުތައް ގެންނަން އާދިއްތަ ދުވަހު ފްލައިޓެއް ބާއްވަނީ

ރާއްޖޭގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރޭތީ ކުރިމަތިވާ ހާލަތަށް ތައްޔާރުވާން މެޑްޓެކް މޯލްޑިވްސްއާ ހަވާލުކޮށްގެން ސަރުކާރުން ގެންނަ ވެންޓިލޭޓަރުތަކުގެ ތެރެއިން 18 ވެންޓިލޭޓަރެއް ގެންނަން އަންނަ އާދިއްތަ ދުވަހު ޚާއްސަ މަތިންދާބޯޓެއް ބާއްވާނެ ކަމަށް ސްރީ ލަންކަން އެއާލައިންސްގެ ރާއްޖޭގެ އެޖެންޓް، އިނަ މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.

އެ ވެންޓިލޭޓަރުތައް ގެންނަން މަތިންދާބޯޓެއް ބާއްވަން ކުރިން ތާވަލް ކުރީ މިއަދަށެވެ. ނަމަވެސް މިއަދު މާ ބޮޑަށް ބިޒީވުމުން އެ ދަތުރު ނުބޭއްވުނީ ކަމަށް އިނަ މޯލްޑިވްސް އިން ބުންޏެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގް "މިހާރު" އަށް ވިދާޅުވީ ރާއްޖެ އަށް މިއަދު އައި މަތިންދާބޯޓުން ވެންޓިލޭޓަރުތައް ނުގެނެވުނީ އެ ބޯޓުގެ ޖާގައިގެ މައްސަަލައެއް ދިމާވެގެން ކަމަށެވެ. އެހެންވެ، އާދީއްތަ ދުވަހު ވަކި މަތިންދާބޯޓެއް ބާއްވަން ނިންމީ ވެންޓިލޭޓަރުތައް ގެނައުން އަވަސް ކުރަން ވެެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖާގައިގެ މައްސަލައެއް މިއަދު ދިމާވީ. ބައެއް އެއްޗެހި ލުޔަސް ބޮޑު ޖާގަ ހިފައި، އެ ކަހަލަ ކަންތައްތަކާ ހެދީ. އެކަމަކު 10 މޭ ގައި އެއީ ވެންޓިލޭޓަރުތައް ގެންނަން ހާއްސަކޮށް ބާއްވާނެ ފްލައިޓެއް،" ފިރާގް ވިދާޅުވި އެވެ.

ވެންޓިލޭޓަރުތައް މިއަދު ގެނެވޭ ގޮތް ނުވުމުން ފިރާގް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާދިއްތަ ދުވަހު ބާއްވާ ފްލައިޓް 'ޔޫއެލް 101' ގައި އިސްކަންދޭނީ ވެންޓިލޭޓަރުތައް ގެންނަން ކަމަށާއި ކޮވިޑް-19 އާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ތިބީ ގައުމާ އެކު ކަމަށެވެ.

ހެލްތު މިނިސްޓްރީން ކުރިން ބުނެފައި ވަނީ މެޑްޓެކްއާ ހަވާލުކުރި ވެންޓިލޭޓަރުތަކުގެ ތެރެއިން 18 ވެންޓިލޭޓަރު މި މަހުގެ އެކެއްގައި، 10 ވެންޓިލޭޓަރު މި މަހުގެ 15 ގައި ރާއްޖެއަށް ގެންނާނެ ކަމަށް އެ
ކުންފުނިން މައުލޫމާތު ދީފައިވާ ކަމަށެވެ.

ރާއްޖެ އަށް ވެންޓިލޭޓަރު ގެންނަން ހަވާލުކޮށްފައި ވަނީ މެޑްޓެކްގެ އިތުރުން ނާޑް ކުންފުންޏާއި ޔޫއޭއީގެ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިންއާ އެވެ.

ނާޑް ކުންފުންޏާ ހަވާލުކުރި 20 ވެންޓިލޭޓަރު އުފައްދާ ކުންފުނިން އެ އުފެއްދުން ލަސްވުމުން، އެހެން ގޮތެއް ހޯދަން މަަސައްކަތް ކުރަމުން އަންނަ ކަަމަށް އަންގާފައިވާ ކަަމަށް ވެސް ހެލްތު މިނިސްޓްރީން ކުރިން ބުންޏެވެ. ޔޫއޭއީ ކުންފުނިން ވެސް ވެން މޭ އެކެއްގައި 10 ވެންޓިލޭޓަރު ގެންނާނެ ކަމަށް ކުރިން ބުންޏެވެ. އެކަމަކު، އެ ތާރީޚު ފަހަނައަޅައި ދިޔައިރު ވެސް އެ ކަމެއް ނުވެ އެވެ.