08 މެއި 2020 - 13:49

ސަރުކާރުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ލަފާ ބަލައިގަންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 ގެ ސަބަބުން ގެއްލުންވި ވިޔަފާރިތަކަށް އެހީވާން ސަރުކާރުން އިއުލާންކުރި 2.5 ބިލިއަން ރުފިޔާގެ އިގްތިސާދީ ޕެކޭޖް ކަނޑައެޅީ، ރާއްޖޭގެ އެންމެ މުހިންމު އިންޑަސްޓްރީ ތަމްސީލްކުރާ މަޓީއާ މަޝްވަރާ ކުރުމެއް ނެތި ކަމަށާއި އެ ޕެކޭޖްގެ ފައިދާ އެ ދާއިރާގެ ގިނަ ވިޔަފާރިތަކަށް ނުލިބޭ ކަމަށް މަޓީން ވަނީ ބުނެފަ އެވެ. އެކަމާ ގުޅިގެން ސަރުކާރުން ބުނެފައިވަނީ މަޓީން ނެރުނު ބަޔާނަކީ ސަރުކާރުގައި ކޮޅުފައިން ޖެހުން ކަމަށް ދެކޭ ކަމަށެވެ.
ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޓީ އާއި އެހެން ހުރިހާ ފަރާތްތަކެއްގެ ލަފަ އާއި އިރުޝާދުތައް ސަރުކާރުން ބަލައިގަންނާނެ ކަމަށާއި ވިޔަފާވެރިންނަކީ ގައުމުގެ ތަރައްގީގެ ބޮޑެތި ހިއްސާދާރުން ކަމަށެވެ. އަދި އުފެއްދުންތެރިކަން ނިިކުންނާނީ ވިޔަފާރިވެރިންނާއި މަސައްކަތްތެރިންނާއި ގުދުރަތީ ވަސީލަތްތައްް އެކުވެގެން މަސައްކަތް ކުރުމުން ކަމަށް ވެސް އެ ޓްވީޓްގައިވެ އެވެ.
މަޓީއާ މަޝްވަރާ ނުކުރާ ކަމަށް ބުނެ އިދިކޮޅުގެ ފާޑުކިޔުން ވެސް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
ކޮވިޑް-19 ގެ ސަަބަބުން އިގްތިސާދަށް ކުރިމަތިވި ގެއްލުންތަކުގައި ޓޫރިޒަމް ދާއިރާގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކޮށް އަދި ބައެއް މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ދިގު މުއްދަތަށް ޗުއްޓީއަށް ދާން ވަނީ ޖެހިފަ އެވެ.
އެކަމާ ގުޅިގެން މަޓީން ބުނެފައިވަނީ ސަރުކާރުން ކަނޑައެޅި އިގްތިސާދީ ޕެކޭޖްގެ ޝަރުތުތައް ހުރިގޮތުން އެ ދާއިރާގެ ގިނަ ވިޔަފާރިތައް އެ ޕެކޭޖަށް ޝަރުތު ހަމަނުވާ ކަމަށާއި ވިޔަފާރިތަކާއި ވަޒީފާތައް ސަލާމަތް ކުރުމަށް މަޓީން ސަރުކާރަށް ލަފާ ދިނަސް، އެކަމަށް އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.