ތަމަޅަ ފިލްމު "އޯ މައި ކަޑަވުލޭ" ގެ ހިންދީ ރިމޭކެއް
ތަމަޅަ ފިލްމު "އޯ މައި ކަޑަވުލޭ" ގެ ހިންދީ ރިމޭކެއް

މި އަހަރުގެ ފެބްރުއަރީ މަހު ރިލީޒްކުރި ކާމިޔާބު ތަމަޅަ ފިލްމު "އޯ މައި ކަޑަވުލޭ" ގެ ހިންދީ ރިމޭކެއް ހަދަން ނިންމައިފި އެވެ.

އެކަން ކަށަވަރުކޮށް ދެމުން އެ ފިލްމުގެ އެކްޓަރު/ޕްރޮޑިއުސަރު އަޝޯކް ސެލްވަން ބުނީ ހިންދީ ފިލްމުގެ ތައްޔާރީތައް މިހާރު ވެސް ފަށާފައިވާ ކަމަށާއި އެ ފިލްމު ޑައިރެކްޓްކުރާނީ އޮރިޖިނަލް ފިލްމު ވެސް ޑައިރެކްޓްކުރި އަޝްވަތު މަރިމުތޫ ކަމަށެވެ.

ނަމަވެސް ފިލްމުގެ ކާސްޓުންނަކީ ކޮބައިކަމެއް އަދި އިއުލާނެއްނުކުރެ އެވެ. "އޯ މައި ކަޑަވުލޭ" ގައި ލީޑް ރޯލް ކުޅުނީ އަޝޯކާއި ރިތިކާ ސިންގެވެ. އިތުރު ކާސްޓުންގެ ތެރޭގައި ޝާ ރާ އާއި ވާނީ ބޯޖަންގެ އިތުރުން ވިޖޭ ސެތުޕަތީ ވެސް ހިމެނެ އެވެ.

ލޯބިވެރިންގެ ދުވަހާ ދިމާކޮށް މި އަހަރުގެ ފެބްރުއަރީ މަހުގެ 14 ގައި ރިލީޒްކުރި ފެންޓަސީ ރޮމޭންޓިކް ކޮމެޑީގައި ކިޔައިދެނީ ކުޑައިރުއްސުރެ އެކީގައި އުޅުނު ދެ ލޯބިވެރިންނަށް ދިމާވާ މަޖާ ކަންތައްތަކެއްގެ ވާހަކަ އެވެ.

"އޯ މައި ކަޑަވުލޭ" ގެ ހިންދީ ރިމެކެއް ހަދަން ނިންމި އިރު، އެ ފިލްމުގެ ތެލެގޫ ރިމެކެއް ވެސް ހަދަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގައި އެކި ބަހުރުވަތަކުން ހަދާ ފިލްމުތަކުގެ ހިންދީ ރިމެކްތައް ހެދުމަކީ ބޮލީވުޑްގައި އަބަދު ވެސް ކުރަމުން އަންނަ ކަމެކެވެ.