މިއީ އަހަރެމެން މިސާލު ނަގަންވީ މެޗެއް: ޒިދާން
މިއީ އަހަރެމެން މިސާލު ނަގަންވީ މެޗެއް: ޒިދާން

މެޑްރިޑް (އޮކްޓޯބަރު 16) - ރެއާލް ބެޓިސް އަތުން ރޭ ރަށުން ބޭރުގައި 6-1 އިން ރެއާލް މެޑްރިޑް މޮޅުވި މެޗަކީ އެ ޓީމުން މިސާލު ނަގަންވީ މެޗެއް ކަމަށް އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.

ޖެހިޖެހިގެން ހަތަރު މެޗުން އެއްވަރުވެ، ރެއާލް ރޭގެ މެޗަށް ނުކުތްއިރު އޮތީ ޕްރެޝަރު ބޮޑުވެފަ އެވެ. އަނިޔާގެ ސަބަބުން މުހިއްމު ބައެއް ކުޅުންތެރިން ނުލައި ކުޅުނު މި މެޗުގައި ރެއާލުން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

"އަހަރެމެންގެ މޮޅު ކުޅުން ދައްކައިފިނަމަ މި މެޗުގައި މި ނުކުތް ނަތީޖާ ގިނަ މެޗުތަކެއްގައި ނެރެވޭނެ. މިއީ މިސާލު ނަގަންވީ މެޗު. އެއީ ޕްރެޝަރު ވެސް ބޮޑު ވަގުތެއްގައި އުނދަގޫ މެޗެއް ކުޅެ މިހާ ބޮޑު ނަތީޖާ އަކުން މޮޅުވުމަކީ ފަސޭހަކަމެއް ނޫން،" ރޭގެ މެޗަށް ފަހު ވާހަކަ ދައްކަމުން ޒިދާން ބުންޏެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ރެއާލުން ވަނީ ހަތަރު ލަނޑު ޖަަހައިފަ އެވެ. އެ ޓީމުގެ ލަނޑުތައް ކާމިޔާބުކުރީ ރަފައެލް ވަރާން، ކަރިމް ބެންޒެމާ، މާސެލޯ އަދި އިސްކޯ އެވެ. ދެ ވަނަ ހާފްގައި އަނެއް ދެ ލަނޑު ޖެހީ އިސްކޯ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ޒިދާން ބުނީ ސްޕެނިޝް ލީގުގައި ފަސޭހަ މެޗެއް ނޯންނާނެ ކަމަށެވެ.

"ސްޕެނިޝް ލީގުގައި ފަސޭހަ މެޗެއް ނެތް. ބެޓިސް ދަނޑުގައި ކުޅެން އެއްވެސް ޓީމަކަށް ފަސޭހަނުވާނެ. އެކަމަކު ރެއާލުން ކުރި ބުރަ މަސައްކަތުން މި ނަތީޖާ ނެރެވުނީ،" ޒިދާން ބުންޏެވެ.

ލީގުގެ އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ދެ ވަނައިގައި އޮތް ރެއާލަށް ލިބިފައިވަނީ އަށް މެޗުން 18 ޕޮއިންޓެވެ.