08 މެއި 2020 - 13:40

މިއުނިކް (މެއި 8) - ވޯލްޑް ކަޕުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ފޯވާޑް ޖަރުމަނުގެ މިރޮސްލާވް ކްލޯސާ، އޭނާގެ ކުރީގެ ކްލަބް ބަޔާން މިއުނިކްގެ އެސިސްޓަންޓް ކޯޗަކަށް ހަމަޖައްސައިފި އެވެ.
ޖަރުމަނުގެ ގިނަ ކްލަބްތަކަށް މީގެ ކުރިން ކުޅެފައިވާ އުމުރުން 41 އަހަރުގެ ކްލޯސާ ފުޓްބޯޅަ ކުޅުން ހުއްޓާލީ މީގެ ހަތަރު އަހަރު ކުރިންނެވެ. އޭނާ ވަނީ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ޖަރުމަނު ގައުމީ ޓީމާ އެކު ވެސް މަސައްކަތްކޮށްފަ އެވެ.
"ވަރަށް އުފަލުން މިހުރީ. މި މަސައްކަތް ފަށަން ކެތްމަދުވެފައި. ރަނގަޅު ކާމިޔާބީތަކަކާއި ތަޖުރިބާތަކެއް ލިބޭނެ،" ފީފާ ވޯލްޑް ކަޕްގައި 16 ގޯލު ޖަހައި ރެކޯޑެއް ގާއިމްކޮށްފައިވާ ކްލޯސާ ބުންޏެވެ.
ބަޔާނަށް ކްލޯސާ ގެނައުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ އެ ޓީމުގެ ކޯޗު ހަންސީ ފްލިކް އެވެ. ކްލޯސާ ހިމެނިގެން ޖަރުމަނު ގައުމީ ޓީމުން 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގެ އެސިސްޓަންޓް ކޯޗަކީ ފްލިކް އެވެ.
މުޅި ދުނިޔެ އަށް ފެތުރިފައިވާ ކޮވިޑް-19 ގެ ސަބަބުން މާޗް މަހު ޖަރުމަނުގެ ލީގު މެދުކަނޑާލި ނަމަވެސް މިހާރު ބަލި ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާތީ ޖަރުމަނު ސަރުކާރުން ވަނީ އަންނަ ހަފްތާގައި އަލުން ފުޓްބޯޅަ ލީގުތައް ފަށަން ރުހުންދީފަ އެވެ. އަލުން މެޗުތައް ފަށާއިރު ކްލޯސާ ބަޔާންގެ ބެންޗުން ފެންނާނެ އެވެ. ބްރޭކަށް ފަހު ބަޔާންގެ ފުރަތަމަ މެޗުގައި މި މަހު 17 ވަނަ ދުވަހު ކުޅޭނީ ޔޫނިއަން ބާލިންއާ އެވެ.
ފުޓްބޯޅަ ކެރިއަރުގައި ކްލޯސާ ކުޅެފައިވަނީ ފަސް ކްލަބަކަށެވެ. އޭގެ ތެރޭގައި ޖަރުމަނުގެ ހަތަރު ކްލަބް ކަމަށްވާ ހެމްބާގާއި ވާޑާ ބްރެމެން، ކައިސަސްލައުޓެން އަދި ބަޔާން މިއުނިކް ހިމެނެ އެވެ. އޭނާ އެންމެ ފަހުން ފެނުނީ އިޓަލީގެ ލާޒިއޯ އިންނެވެ. ކްލޯސާ ބަޔާނަށް ކުޅުނީ 2007 އިން 2011 އަށެވެ. އެ ޓީމާ އެކު އޭނާ ވަނީ ޖަރުމަނު ލީގާއި ކަޕް ދެ ފަހަރެއްގެ މަތިން ހޯދައިފަ އެވެ.
ބަޔާނުން ބުނީ ކްލޯސާ ފަދަ ތަޖުރިބާކާރަކު އަލުން ކްލަބަށް ހިދުމަތް ކޮށްދޭން އައުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި ކްލޯސާ އަކީ ކޯޗިން ކެރިއަރުގައި ވެސް ކާމިޔާބަށް އެދޭ ކަމަށެވެ.