01 ޖޫން 2016 - 06:28

އިންޑިއާގެ ޖޯދްޕޫރްގެ ހަމުގެ ޚާއްސަ ޑޮކްޓަރަކު ވިޓިލިގޯ ނުވަތަ ހުދު ބައްޔަށް ވަރަށް ޚާއްސަ ފަރުވާއެއް މިހާރު ހޯދާފައިވާ ކަމަށް ޓައިމްސް އޮފް އިންޑިއާ އިން ބުނެފި އެވެ. މި ފަރުވާ އަށް ކިޔަނީ ވެސް "ޖޯދްޕޫރް ޓެކްނިކް" އެވެ.
މި ފަރުވާ ވެފައިވަނީ ވިޓިލިގޯ ޖެހިފައިވާ އެތައް ހާސް ބަޔަކަށް ހަމަޖެހިލުމުގެ ނޭވާއެއް ލެވުނު ފަރުވާ އަކަށެވެ.
ވިޓިލިގޯ އަކީ ޕިގްމަންޓް ޑިސްއޯޑާ ބައްޔެކެވެ. އިންޑިޔާގައި މި ބައްޔަށް އާއްމުކޮށް ކިޔަނީ ހުދު ލައް ބައްޔެވެ.
ހުދުބަލި ޖެހިފައިވާ މީހުންނަށް ޖޯދްޕޫރް ޓެކްނިކަކީ މިހާތަނަށް ހޯދިފައިވާ އެންމެ ރަނގަޅު ފަރުވާ އަށް ވުމުގެ އިތުރުން އެންމެ އަގުހެޔޮ ވެސް ފަރުވާ އެވެ. މިހާތަނަށް މި ބައްޔަށް ކުރާ އެއްވެސް ފަރުވާއަކަށް ވުރެ ޖޯދްޕޫރް ޓެކްނިކް އަގު ހެޔޮ ކަމަށް ވެ އެވެ.
އެސް.އެން. މެޑިކަލް ކޮލެޖުގެ ޑިޕާޓްމަންޓް އޮފް ޑާމަޓޮލޮޖީ، ވެނެރިއޮލޮޖީ އެންޑް ލެޕްރޮލޮޖީގައި މަސައްކަތްކުރައްވާ ދިލިޕް ކައްޗަވާ ހޯދި މި ޓެކްނިކް ބޭނުންކޮށްގެން އިންޑިއާގެ އެކި ކަންކޮޅުތަކުން އައި މި ބަލި ޖެހިފައިވާ 500 އަށް ވުރެ ގިނަ މީހުން ފާއިތުވި އަށް އަހަރުގެ ތެރޭގައި ފަސޭހަ ކޮށްދީފައިވާ ކަމަށް ވެއެވެ.
ކައްޗާވާ ވިދާޅުވީ މި ޓެކްނިކް ހޯދިފައިވަނީ 2008 ވަނަ އަހަރު ކަމަށެވެ. އޭގެ ފަހުން މި ޓެކްނިކް އިތުރަށް ތަރައްގީކޮށް ލިބޭ ނަތީޖާ ރަނގަޅުކުރުމަށް މިހާތަނަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ފަރުވާ ދޭ ގޮތް ކިޔައިދެމުން ކައްޗާވާ ވިދާޅުވި ގޮތުގައި ވިޓީލިގޯ ޖެހިފައިވާ މީހާގެ ހަންގަނޑުގައި ބަލި ނުޖެހި ހުންނަ ހިސާބުތަކަކީ ޑޯނާ އޭރިއާގެ ގޮތުގައި އެ ހިސާބުތަކުން ހަމުގެ ޕާޓިކަލްސް އެއްކުރަނީ އެވެ. މި ޕާޓިކަލްސް އާއި އޮއިންޓްމަންޓެއް އެއްކޮށް ރަނގަޅަށް އެއްކުރުމަށް ފަހު މި ޕޭސްޓް ހުދު ބަލިޖެހިފައިވާ ހިސާބުގައި ވަރަށް ތުނި ފަށަލައެއް ގޮތަށް ފަތުރަނީ އެވެ.
މިގޮތަށް ފެތުރުމަށް ފަހު 4-6 ހަފުތާގެ ތެރޭގައި އަލުން ހަންގަނޑު އުފެދެން ފަށަ އެވެ. ނުވަތަ ރި-ޕިގްމެންޓޭޝަން ފެށެ އެވެ. އަދި މުޅިން އާ ހަންގަނޑު އުފެދި ފުރިހަމަވާން 16 ހަފުތާ އާއި 24 ހަފުތާ އާދެމެދުގެ މުއްދަތެއް ނަގާ ކަމަށް ކައްޗާވާ ވިދާޅުވި އެވެ.
ކައްޗާވާ ވިދާޅުވީ ހުދުބަލި ޖެހިފައިވާ ކުދިކުދި ތަންތަންކޮޅަށް މި މެތަޑް ބޭނުންކޮށްގެން ވަރަށް ރަނގަޅު ނަތީޖާ ނެރެވިފައި ވާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ މި ޕްރޮސިޖާއަކީ ހަދާލަން ފަސޭހަ، ލެބޯޓްރީ ސެޓަޕެއް ނުވަތަ ޚާއްސަ ތަމްރީނެއް އަދި ތަޖުރިބާކާރަކު ނެތި ވެސް ދެވިދާނެ ފަރުވާއެއް ކަމަށެވެ.