08 މެއި 2020 - 00:51

ހުޅުމާލޭގައި މޯލްޑިވް ގޭސް ޑެލިވަރީ ކުރުމުގައި އުޅޭ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
މޯލްޑިވް ގޭހުން ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ. އަދި މިކަމާ ގުޅޭ ގޮތުން ކަންކަން އިތުރަށް ރާވާނެ ގޮތްތައް އެ ކުންފުންނިން އަންނަނީ ހަމަޖައްސަމުންނެވެ.
މޯލްޑިވްް ގޭހުގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމް ވިދާޅުވީ، މޯލްޑިވް ގޭހުގެ ޑެލިވަރީ ކުރުމުގައި އުޅުނު ބަންގްލަދޭޝް މުވައްޒަފަކު މި ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ މިރޭ 11:30 ހާއިރު ކަަމަށެވެ. އޭނާ ޕޮޒިޓިވްވެފައި ވަނީ ހުން އައުމުން، ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް، ކޮވިޑް-19 އަށް ޓެސްޓް ކުރުމުންނެވެ.
އިކްރާމް ވިދާޅުވީ، ހުޅުމާލޭގައި ޑެލިވަރީގެ ކަންކަންމުގައި ގާތްގަނޑަކަށް އުޅެނީ ވިއްސަކަށް މުވައްޒަފުން ކަަމަށާއި އޭގެ ތެރެއިން ކަރަންޓީނަށް އަދި އައިސޮލޭޝަނަށް ދާނީ ކިތައް މުވައްޒަކުން ކަން އަދި ނޭންގޭ ކަމަށެވެ. އެހެން ނަމަވެސް މާލޭގެ ޑެލިވަރީ ޓީމްގެ މުވައްޒަފުންނާ އެކު ވެސް ހުޅުމާލޭގައި މާދަމާ ވެސް ގޭސް ޑެލިވަރީކުރުން ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިރޭ ގޭސް ފުޅިތައް ބަހައްޓާ ސަރަހައްދާއި ވެހިކަލްތައް ޑިސްއިންފެކްޓް ކުރާނަން. އަދި މާދަމާގެ ހުޅުމާލޭގެ އޮޕަރޭޝަން ރާވައިލާނަން،" އޭނާ ވިދާޅުވި އެވެ.
މޯލްޑިވް ގޭހުގެ މުވައްޒަފަކު މިބައްޔަށް ޕޮޒިޓިވްވި އިރު، އެކި ރީޓެއިލް ފިހާރަތަކުން ޑެލިވަރީ ކުރުމުގައި އުޅުނު ގިނަ މުވައްޒަފުންތަކެއް ވެސް މި ބައްޔަށް ޕޮޒިޓިވްވެފައިވެ އެވެ. ދާދި ފަހުން އެސްޓީއޯގެ އީ-ސްޓޯރުގެ ޑެލިވަރީގައި އުޅުނު މުވައްޒަފަކު އެ ބައްޔަށް ޕޮޒިޓިވްވެ، އީ-ސްޓޯރުގެ ގިނަ މުވައްޒަފުންތަކެއް ކަރަންޓީނު ކުރުމާ ގުޅިގެން އާންމުންނަށް ތަކެތި ވިއްކުން ވެސް ވަނީ ހުއްޓާލައިފަ އެވެ.