އެސްޓީއޯ އީ-ސްޓޯރުން ހޯލްސޭލް ކުރަނީ
އެސްޓީއޯ އީ-ސްޓޯރުން ހޯލްސޭލް ކުރަނީ

އެސްޓީއޯގެ އީ-ސްޓޯރުން ހޯލްސޭލް ކޮށް ތަކެތި ވިއްކަން ފަށައިފި އެވެ.

އެސްޓީއޯ އިން ބުނީ، އެ ކުންފުނީގެ އީ-ސްޓޯރުގެ މުވައްޒަފެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ އެކު އެ މަސައްކަތްތަކުގައި ހަރަކާތްތެރިވި ގިނަ މުވައްޒަފުން ސެލްފް އައިސޮލޭޝަން މިވަގުތު ތިބި ކަމަށެވެ. މިއާ އެކު އީ-ސްޓޯރުން ރީޓެއިލްކޮށް ތަކެތި ވިއްކުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ. މި ހާލަތުގައި ވެސް އެސްޓީއޯ އިން ވިއްކާ ސާމާނު މެދުކެނޑުމެއްނެތި ވީހާ ވެސް ގިނަ ބަޔަކަށް ލިބޭނެ އިންތިޒާމު ހެދުމުގެ ގޮތުން އެހެން ރިޓެއިލް ފިހާރަތަކަށް ހޯލްސޭލްކޮށް ތަކެތި ވިއްކުމަށް މިހާރު ވަނީ ހުޅުވައިލައިފަ އެވެ.

އެގޮތުން ކޮންމެ ރެއެއްގެ 9:00 އިން ފެށިގެން އޯޑަރުތައް ނެދުމަށް ނިންމާފައިވެ އެވެ. މިވަގުތަށް އީ-ސްޓޯރުން ލިބޭނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓްގެ ވަކި ބާވަތްތަކެކެވެ. މިގޮތަށް މަދުވެގެން ފަސް ބާވަތެއް އޯޑަރު ދެވޭ އިރު ގިނަ ވެގެން އޯޑަރު ދެވޭނީ 30 ބާވަތެކެވެ.

އެސްޓީއޯއިން ބުނީ، ހޯލްސޭލްކޮށް ވިއްކާ ތަކެއްޗަށް ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބީއެމްއެލް ޕޭމެންޓް ގޭޓްވޭ މެދުވެރިކޮށެވެ. މުދާ ޑެލިވަރީ ކުރުމަށް ހަމަޖެހިފައިވަނީ 24 ގަޑިއިރާއި 48 ގަޑިއިރާ ދެމެދުގެ ވަގުތެއްގަ އެވެ.

މިގޮތަށް ތަކެތި ޑެލިވަރީ ކުރުމަށްޓަކައި ފީއެއްގެ ގޮތުގައި 70ރ. ނެގުމަށް ވަނީ ނިންމައިފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން އެސްޓީއޯ އިން ވަނީ އީ-ސްޓޯރުގެ ހިދުމަތް ދޭން ފަށައިފި އެވެ. އީ-ސްޓޯރުން އެސްޓީއޯ ސުޕަމާކެޓުން ލިބޭ ގިނަ ބާވަތްތަކެއް ގަތުމުގެ ފުރުސަތު ހުޅުވާލައިފައިވެ އެވެ.