ކަރަންޓީން ފެސިލިޓީޒް: އެތައް ބައެއްގެ ބުރަ މަސައްކަތް
ކަރަންޓީން ފެސިލިޓީޒް: އެތައް ބައެއްގެ ބުރަ މަސައްކަތް

ކޮޅެއް މެދެއް އަދި ފެންނަން ނެތް ކޮވިޑް-19ގެ ނުރައްކާ ރާއްޖެ އަށް ވެސް ބޮޑުވެ، އެޅި ފިޔަވަޅުތަކަށް ދުނިޔޭގެ ސަމާލުކަން ލިބުނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން ޗުއްޓީ ހޭދަކުރުމަށް އެތައް ހާސް ޑޮލަރެއް ހޭދަކުރާ ރާއްޖޭގެ ރީތި ރިސޯޓްތައް ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ބޭނުން ކުރާތީވެ އެވެ. އެކަމަށް ސަރުކާރުން ބޮޑު ހޭދައެއް ކުރަމުން އަންނަ އިރު އެއީ ބުރަ މަސައްކަތެއް ވެސް މެ އެވެ.

ކަރަންޓީން ފެސިލިޓީޒް: އެތައް ބައެއްގެ ބުރަ މަސައްކަތް
ކަރަންޓީން ފެސިލިޓީޒް: އެތައް ބައެއްގެ ބުރަ މަސައްކަތް

ކޮވިޑް-19 އަށް ހާއްސަކޮށްގެން ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ރާއްޖޭގައި އެންމެ ފުރަތަމަ ބޭނުން ކުރަން ފެށީ ހުޅުމާލޭ ދެވަނަ ފޭސްގެ ބައެއް ކަމަށްވާ ފަރުކޮޅުފުއްޓެވެ. އެއަށް ފަހު މާޗް މަހުގެ ކުރީކޮޅު ވަނީ ކުރީގެ ރިސޯޓެއް ކަމަށްވާ ވިލިވަރު ވެސް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ހަމަޖައްސައި، އެތަނުގައި 30 ކޮޓަރި ހަދައިފަ އެވެ.

ކަރަންޓީން ފެސިލިޓީޒް: އެތައް ބައެއްގެ ބުރަ މަސައްކަތް
ކަރަންޓީން ފެސިލިޓީޒް: އެތައް ބައެއްގެ ބުރަ މަސައްކަތް

ހީކުރި ވަރަށް ވުރެ ބާރަށް ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމުންނާއި ރާއްޖޭން ބޭރުން އަންނަ ދިވެހިންނާއި ބައްޔަށް ޕޮޒިޓިވްވި މީހުންނާ ބައްދަލުވި މީހުން 14 ދުވަހަށް ކަރަންޓީން ކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމުމާ އެކު ކަރަންޓީން ފެސިލިޓީތަކުގެ ޖާގަ އިތުރު ކުރަން ޖެހުނެވެ. އެއާ އެކު ސަރުކާރުން ނިންމީ ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ބައެއް ރިސޯޓްތައް ވެސް ބޭނުންކުރާށެވެ.

ކަރަންޓީން ފެސިލިޓީޒް: އެތައް ބައެއްގެ ބުރަ މަސައްކަތް
ކަރަންޓީން ފެސިލިޓީޒް: އެތައް ބައެއްގެ ބުރަ މަސައްކަތް

އެގޮތުން މިތާނަށް 16 ރިސޯޓެއްގައި ކަރަންޓީނަށް މީހުން ބައިތިއްބަ އެވެ. އަދި މާލޭގައި ތޮއްޖެހިގެން އުޅޭ ބިދޭސީންނަށް ގުޅީފަޅުގައި ހުރި އިމާރާތްތައް ހާއްސަކުރި އެވެ. މިވަގުތު ކަރަންޓީން ފެސިލިޓީތަކުގައި 1،744 މީހުން އެބަ ތިއްބެވެ. އައިސޮލޭޝަން ފެސިލިޓީގެ ގޮތުގައި ބޭނުންކުރާ ނުވަ ތަނެއްގައި 501 މީހުން އެބަ ތިއްބެވެ.

ކަރަންޓީން ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި މީހުންގެ ހުރިހާ ކަމެއް ހަމަޖައްސަނީ ސަރުކާރުގެ ހަރަދުގަ އެވެ. ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ގުޅުން ހުރި އެހެން އިދާރާތަކުން އެ ކަމުގައި ބައިވެރިވެ އެވެ. އެގޮތުން މިވީ ދެ މަހެއްހާ ދުވަހުގެ ތެރޭގައި 4،000 އަށް ވުރެ ގިނަ މީހުން ކަރަންޓީންކޮށް ބެލެހެއްޓި އެވެ.

ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ރާއްޖޭގެ ރީތި ރިސޯޓްތައް ބޭނުން ކުރަމުން އަންނައިރު ކަރަންޓީން ކުރާ މީހުން ބައިތިއްބަނީ ގެސްޓް ރޫމްތަކުގަ އެވެ. ކޮންމެ އިރެއްގެ ކެއުމުގެ އިތުރުން ކޮންމެ މީހަކަށް ވެސް 10 ޖީބީ އިންޓަނެޓާއި ލޯންޑްރީގެ ހިދުމަތް ހިލޭ ލިބެ އެވެ. އަދި ތުވާއްޔާއި ޝޭމްޕޫ، ޝަވަޖެލް، ޕެޑް އަދި ނެޕީ ފަދަ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ވެސް ހިލޭ ފޯރުކޮށްދެ އެވެ. ކޮންމެ ފެސިލިޓީއެއްގައި ވެސް ޑޮކްޓަރަކާއި ނަރުހުން ހިދުމަތުގައި ތިބެ އެވެ.

ކަރަންޓީން ފެސިލިޓީތަކުގެ އޮޕަރޭޝަންތައް ހިންގަމުން އަންނަނީ އެމްއެންޑީއެފުންނެވެ. ސެކިއުރިޓީ ބައި ފުލުހުން ބަލަހައްޓާއިރު ކެއްކުމާއި ލޯންޑްރީ ފަދަ ހިދުމަތްތައް ދެމުން އަންނަނީ އެ ރިސޯޓެއްގެ މުވައްޒަފުންނެވެ. ހިދުމަތް ދޭން ބޭނުންވާ ހުރިހާ ތަކެއްޗެއް އެންޑީއެމްއޭއިން ފޯރުކޮށްދެ އެވެ. ރިސޯޓްތަކުގެ ކަރަންޓީންގައި ބައިތިއްބާ ކޮންމެ މީހަކަށް ދުވާލަކު 750ރ. ސަރުކާރުން ހަރަދު ކުރެ އެވެ. އެހެންކަމުން އެކެއްގެ 14 ދުވަހުގެ ކަރަންޓީނަށް 10،500ރ. ހޭދަވެ އެވެ.

އެންޑީއެމްއޭގެ ޗީފް އެގްޒެކްޓިވް، ހިސާން ހަސަން ވިދާޅުވި ގޮތުގައި އެވްރެޖްކޮށް ފެސިލިޓީއެއް ހިންގަމުން އަންނަނީ 10 މުވައްޒަފުން ބޭނުންކޮށްގެންނެވެ. ކަރަންޓީންގައި ތިބޭ މީހުންނަށް ކެއުމާއި އެހެނިހެން ހިދުމަތް ދޭން މަދު ބަޔަކާ އެކު މަސައްކަތް ކުރަން ޖެހުމުން ގިނަ ދަތިތަކަކާ ކުރިމަތިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކެއުން ގެންގޮސް ދިނުމާއި ބައެއް ރިސޯޓްތަކުގައި ލޯންޑްރީގައި ވެސް ސިފައިން އެބަ ހަރަކާތްތެރިވޭ،" ހިސާން ވިދާޅުވި އެވެ.

"މިއީ ޓީމް މަސައްކަތެއް. އެކި މުއައްސަސާތަކުން ގުޅިގެން މި މަސައްކަތް ކުރަނީ. އެންމެ ބޮޑު ދައްޗަކީ ފްރޮންޓް ލައިންގައި މަސައްކަތް ކުރާ މީހުން މަދުވުން."

މީހުން މަދުވުމުގެ އިތުރުން ލޮޖިސްޓިކްސްގެ ދަތިތައް ވެސް ވަރަށް ބޮޑަށް ކުރިމަތިވެ އެވެ. ދުރުދުރުގައި ކަރަންޓީން ފެސިލިޓީތައް ހުރިއިރު އެތަންތަނަށް ތަކެތި ސަޕްލައިކުރުމަކީ އޭގެ އެއް ގޮންޖެހުމެވެ.

"މިއީ ހާއްސަ ހާލަތެއް ވީމަ ދަތުރުކުރާ އުޅަނދުތައް މަދުވެފައި މިވަނީ. ސަރުކާރާއި ދައުލަތުގެ ކުންފުނިތަކުގެ އުޅަނދުތައް މި ބޭނުން ކުރަނީ. މިގޮތަށް ކުރާއިރު ވެސް ދުއްވާނެ މީހުން ލިބުމުގެ ދަތިތައް ފަދަ ކަންކަން އެބަ ކުރިމަތިވޭ. އަދި މިދުވަސްވަރު މޫސުމުގެ ސަބަބުން ވެސް ދަތުރުތައް ކުރަން ދަތިތަކާ ކުރިމަތިވޭ،" ހިސާން ވިދާޅުވި އެވެ.

ޓޫރިސްޓުންނަށް ރިސޯޓްތައް ބަންދުކޮށްފައި ވާތީ މެނޭޖްމަންޓުން ވަނީ މުވައްޒަފުންނަށް ނޯޕޭ ދީފައި ފޮނުވާލައިފަ އެވެ. އެހެންކަމުން، ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުންކުރާ ބައެއް ރިސޯޓްތަކުގައި މި ވަގުތު ތިބީ ވެސް މަދު މުވައްޒަފުންތަކެކެވެ.

ބޮޑު ހޭދައެއްކޮށް ކަރަންޓީން ފެސިލިޓީތަކަށް ގެންދާ ކޮންމެ މީހަކަށް ވެސް އެތަނުގައި އަމަލު ކުރާނެ ގަވައިދު ބުނެދެ އެވެ. އެގޮތުން އެމީހެއްގެ ރޫމުން ވަކި ހިސާބަކަށް ވުރެ ބޭރަށް ދިއުމާއި އެހެން މީހުންނާ ބައްދަލު ކުރުން މަނަ އެވެ. އެގޮތަށް އަންގަނީ ކޮވިޑް-19 އަކީ އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އަރާ ބައްޔަކަށް ވާތީ ބަލި ފެތުރުނަ ނުދިނުމުގެ ގޮތުންނެވެ.

ނަމަވެސް ބުދަދުވަހު ވެސް ވަނީ ހެރެތެރެ ރިސޯޓްގެ ކަރަންޓީން ފެސިލިޓީން ފަސް މީހަކު ފިލައިފަ އެވެ. އަދި އުސޫލުތަކާ ހިލާފުވާ މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ.

ހިސާން ވިދާޅުވި ގޮތުގައި މަނާކޮށްފައި ވަނިކޮށް އެހެން ރޫމްތަކަށް ދިއުމާއި ގިނަ ބަޔަކު ބައްދަލުވުން ފަދަ ކަންކަމާ ކުރިމަތިވެ އެވެ. އެގޮތަށް އެމީހަކު ހުންނަ ކޮޓަރިން އެހެން ކޮޓަރިއަކަށް ހިނގައްޖެ ނަމަ އެ ދުވަހުން ފެށިގެން އަނެއްކާ 14 ދުވަހަށް އެ ބަޔަކު ކަރަންޓީން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ މި ހާލަތުގައި ދިމާވާ އަނެއް ދައްޗެވެ.

"ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ކިޔައި ދިނަސް އެގޮތަށް އަމަލުނުކުރާ މީހުން އެބަ އުޅޭ. އަނެއްކާ އެމީހަކު 14 ދުވަހަށް ކަރަންޓީން ކުރަން ޖެހުނީމައި މިއީ ފަސޭހަ ކަމެއް ނޫން،" ހިސާން ވިދާޅުވި އެވެ.

ކަރަންޓީން ފެސިލިޓީތަކުގައި ތިބި މީހުންނާ ވާހަކަ ދައްކާލިއިރު ގިނަ މީހުން އެ ހިދުމަތްތަކާ މެދު ހިތްހަމަޖެހޭކަން އެނގެ އެވެ. ނަމަވެސް މަދު ބަޔަކު ގެންދަނީ ލިބޭ ކެއުމާ މެދު ޝަކުވާކުރަމުންނެވެ. މިއީ މީގެ ކުރިން ދުވަހަކު ވެސް ދިމާވެފައި ނެތް ހާލަތެއް ނަމަވެސް، އަދި އެތައް ބަޔަކު މި ނުރައްކަލުން ސަލާމަތްވާން ރެ އާއި ދުވާލު މަސައްކަތްކުރަމުން އަންނަ އިރު، ކުދިކުދި ކަންކަމާ ޝަކުވާކުރާތީ، އެ މީހުންނަށް ފާޑުކިއުން ވެސް އަމާޒުވެ އެވެ.

ހިސާން ވިދާޅުވީ ހުރިހާ ފެސިލިޓީތަކެއްގައި ވެސް ކެއުމުގެ ކަންކަން ރަނގަޅު ވާނެ ކަމަށެވެ. އަދި ބައްޔެއްގެ ސަބަބުން ވަކި އެއްޗެއް ކެއުން މަނާ މީހުންނަށް ހާއްސަ ކެއުންތައް ވެސް ތައްޔާރުކޮށްދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެން އެކައްޗަކަށް ލައިކެއް ނުވާނެ ދެއްތޯ. އެކަމަކު ކެއުންތައް ގޯހެއް ނުވާނެ. ހަކުރު ބަލި ފަދަ ބަލިތައް ހުންނަ މީހުންނަށް ވަކި އެއްޗެއް ނުކެވޭތީ ހާއްސަ އެއްޗެހި ވެސް އެބަ ފޯރުކޮށްދެން،" ހިސާން ވިދާޅުވި އެވެ.

ދުނިޔެމަތީގެ ސުވަރުގޭގެ ގޮތުގައި ބޭރު މީހުން ފާހަގަކުރަމުން އަންނަ މި ރާއްޖޭގައި ކަރަންޓީންކޮށް މީހުން ބައިތިއްބަން ރިސޯޓްތައް ބޭނުންކުރުމަކީ ވެސް، އޭގެ ޒާތަށް ބަލާއިރު، ކަރަންޓީން ވާ މީހުންނަށް ފަސޭހައެކެވެ. ބޭނުންވާ ވަރަށް ހިދުމަތްތައް ނުލިބުނަސް، މިއީ ތިމާ އާއި ތިމާގެ އާއިލާ އާއި މުޅި ގައުމަށްޓަކައި ކެތްތެރިވާން ޖެހޭ ވަގުތެކެވެ. ޝަކުވާ މަދުކޮށް، އެއްބާރުލުމުގެ ވަގުތެވެ.