ލޯނަށް ކުރިމަތިލި 90 ޕަސެންޓް ފަރާތަށް އަންނަ ހަފްތާގައި ފައިސާ ދޫކުރާނަން: ފައްޔާޒު
ލޯނަށް ކުރިމަތިލި 90 ޕަސެންޓް ފަރާތަށް އަންނަ ހަފްތާގައި ފައިސާ ދޫކުރާނަން: ފައްޔާޒު

އެސްއެމްއީ ބޭންކް ބެދުވެރިކޮށް ރިލީފް ފަންޑުގެ ތެރެއިން އެހީއަށް އެދި ހުށަހެޅި 90 ޕަސެންޓް މީހުންނަށް މި ފެށޭ ހަފްތާގައި ފައިސާ ދޫކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ، މިހާތަނަށް 764 ވިޔަފާރިއަކުން ލޯނަށް އެދި ކުރިމަތިލި އިރު 403 ސެލްފް-އެމްޕްލޯއިޑް މީހުން ވެސް މާލީ އެހީއަށް އެދި ހުށަހަޅާފައިވާ ކަމަށެވެ. މީގެ ތެރެއިން 263 މީހެއްގެ ލޯނު އެޕްރޫވް ކުރި އިރު 38 ލޯނަށް ފައިސާ ދޫކޮށްފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ. ލޯނަށް އެދުނު މީހުންގެ ތެރެއިން 57 ފަރާތެއް ވަނީ ރިޖެކްޓްކޮށްފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އެކުލަވައިލި ރިލީފް ފަންޑުގެ ދަށުން ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. މީގެ ތެރެއިން 400 މިލިއަން ރުފިޔާ ހާއްސަކޮށްފައިވަނީ އެސްއެމްއީތަކަށެވެ.

ލޯނު ދިނުމުގައި އަދަދުތައް ކަނޑައަޅަނީ އެ ވިޔަފާރިއަކަށް ލިބޭ އެވްރެޖް އާމްދަނީ އަށް ބަލައިގެންނެވެ. އެގޮތުން އާމްދަނީ ލިބޭ ވަރު ބަލައި، އޭގެ 20 ޕަސެންޓްގެ ތިން ގުނަ، ކޮންމެ ވިޔަފާރިއަކަށް ވެސް ދިނުމަށް ވަނީ ނިންމައިފަ އެވެ. އެސްއެމްއީން ލޯނު ދިނުމުގައި ބަލަނީ ތިން މަހުގެ ހަރަދުތައް މެނޭޖް ކުރެވޭނެ ވަރެއް ދިނުމަށެވެ.

މީގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް 30،000ރ. ގެ އެހީއެއް ދޭން ވަނީ ނިންމައިފަ އެވެ.

"އަޅުގަނޑުމެން ކުރިން ވެސް އިއުލާނުކޮށްފައިވަނީ ވަޒީފާ ގެއްލޭ ފަރާތްތަކަށް އެލަވަންސެއް ދިނުމުގެ ވާހަކަ. އޭގެ އުސޫލުތަކެއް ހެދި މިއަދު ގެޒެޓް ކުރެވޭނެ. ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން ހުރުމުން އެކަން ރޯލް އައުޓް ކުރުމުގައި ކޮންމެވެސް ވަރެއްގެ ލަސްތަކެއް ކުރިމަތިވެފައި އޮތީ،" އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ، ރިލީފް ފަންޑުގެ ތެރެއިން އެހީ ބޭނުންވާ ވިޔަފާރިތަކަށް ވީހާވެސް އަވަހަށް ފައިސާ ދޫކުރުމައްޓަކައި މިހާރު މަސައްކަތްތައް ރާވަމުން އަންނަ ކަމަށެވެ. މަސައްކަތް އެހާ ބޮޑަށް ލަސްވީ، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގައި ފޯމުތައް ޕްރޮސެސް ކުރުމުގައި އުޅުނު ގިނަ މުވައްޒަފުންތަކެއް ސެލްފް އައިސޮލޭޝަނަށް ދާން ޖެހުމުން ކަމަށް އޭނާ ވިދަޅުވި އެވެ.

"އަޅުގަނޑުމެން މިނިސްޓްރީގައި އެމަސައްކަތް ކުރަން ތިބި ހުރިހާ ކުދިން ކަހަލަ ގޮތަކަށް ސެލްފް އައިސޮލޭޝަނަށް ދާންޖެހުމުން އޭގައި ލަސްތަކެއް މިދުވަސްކޮޅު އައީ،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ، އޮންލައިންކޮށް މަސައްކަތްތައް ކުރަން މުވައްޒަފުން ހޭނި އެކަންކަން ކުރާ ގޮތް އެނގެން ދުވަސްކޮޅެއް ނެގި ކަމަށެވެ.

އެސްޑީއެފްސީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ވެސް ރިސޯޓުތަކަށާއި، އަހަރެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި 10 މިލިއަނަށް ވުރެ މަތީ އަދަދެއް ލިބޭ ވިޔަފާރިތަކަށް ފައިނޭންސިން ފެސިލިޓީ ދިނުމަށް ވަނީ ނިންމައިފަ އެވެ. މި ހަފްތާގައި ވަނީ މީގެ ތެރެއިން 34 ވިޔަފާރިއަކަށް 45 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ. މިހާތަނަށް ލޯނު ދިނުމަށްޓަކައި 81 ވިޔަފާރިއަކަށް ލޯނު ދޭން އެޕްރޫވްކޮށްފައިވެ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ވިޔަފާރިތަކާއި އާންމުންނަށް ވެދޭ އެހީގެ ތެރެއިން ލޯނު ދެއްކުން ހަ މަހަށް ފަސް ކުރުމުގެ އިތުރުން ކުރިން ސަރުކާރުން ދޭ ލުއި ލޯނުތަކަށް ވެސް ލުއި ގޮތްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. މިގޮތަށް ދޫކޮށްފައިވާ 15 ސްކީމަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިދީފައިވެ އެވެ.

"ކުރީގެ ސަރުކާރުތަކުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ދޫކޮށްފައި ހުރި ފިޝަރީސް ލޯނާއި އެގްރިކަލްޗާ ލޯނާއި އެސްއެމްއީ އަދި ގެޓްސެޓް ލޯނު ވެސް ޑެޓް މޮރިޓޯރިއަމް ތެރޭގައި ހިމެނިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

މި ސްކީމުތަކުގެ ތެރެއިން އޭޕްރީލް މަހު ލޯނަށް ފައިސާ ދެއްކި މީހުންގެ ލޯނު ފައިސާ އަނބުރާ އެފަރާތްތަކަށް ޖަމާކޮށްދެމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.