08 މެއި 2020 - 10:54

ކޮލަމްބޯ (މެއި 8) - ސްރީ ލަންކާ ސަރުކާރު މުވައްޒަފުންގެ ގޮތުގައި ތިބި 1.5 މިލިއަން މީހުންގެ މެއި މަހުގެ މުސާރަ ހަދިޔާ ކުރަން ސަރުކާރުގެ އިސް އޮފިޝަލަކު އިލްތިމާސްކޮށްފި އެވެ.
ކޮރޯނާވައިރަހުގެ ސަބަބުންނާއި ގައުމު ލޮކްޑައުންކޮށްފައި އޮތުމުގެ ސަބަބުން އިގްތިސާދަށް ލިބޭ ގެއްލުން ކުޑަ ކުރުމުގެ ގޮތުން ސަރުކާރު މުވައްޒަފުންގެ އެހީ އަށް އެދުނު އިރު މިދިޔަ އަހަރުގެ އީސްޓަ ސަންޑޭގައި ދިން ބޮމުހެ ހަމަލާ އިން ލިބުނު އިގްތިސާދީ ގެއްލުމުން އަދި އަރައިނުގަނެވެ އެވެ.
މާޗް މަހު 20 ވަނަ ދުވަހު ލަންކާ ލޮކްޑައުން ކުރުމާ ގުޅިގެން ހުރިހާ އިންޑަސްޓްރީތަކެއް ހުއްޓި އަސާސީ ތަކެތި ފޯރުކޮށްދޭ ފިހާރަތައް ފިޔަވައި ހުރިހާ ވިޔަފާރިއަކާއި ދަތުރުފަތުރު ވެސް ހުއްޓުނެވެ.
ލަންކާގެ ރައީސްގެ ސެކްރެޓަރީ ޕީ.ބީ ޖަޔަސުންދަރަ ސަރުކާރުގެ ޑިޕާޓްމަންޓްތަކަށް ފޮނުއްވި ލިޔުމެއްގައި ވަނީ ސިފައިންނާއި ފުލުހުން ހިމެނޭ ގޮތަށް ޕަބްލިކް ސެކްޓަގެ ހުރިހާ މުވައްޒަފުންގެ މެއި މަހުގެ މުސާރަ "އިޖްތިމާއީ ޒިންމާގެ ދަށުން" ދޫކޮށްލުމަށް އެދިވަޑައިގެންފަ އެވެ.
"ނިމިގެން ދިޔަ މަހު އެއްވެސް ދަތުރެއް އަދި ޝޮޕިން ކޮށްފައެއް ނުވާނެ. އެހެންވެ ޚަރަދުތައް ވަރަށް ކުޑަވާނެ،" އޭނާގެ ސިޓީގައި ވިދާޅުވެފައިވެ އެވެ. "ބޭރު ގައުމުތަކުން ލޯނާއި އެހީ ހޯދާއިރު ގައުމުގެ އެތެރޭގެ ހުރި ބާރެއް ވެސް ދައްކަން ޖެހޭނެ. މި ދަނޑިވަޅު ދޭ އެހީ އަކީ އިޖްތިމާއީ ޒިންމާއެއްގެ ގޮތުގައި ބައްލަވާ."
އޭނާ ވިދާޅުވީ މުސާރަ އެއްކޮށް ނުދެވޭ މީހުންގެ ދެބައިކުޅަ އެއްބައި ނުވަތަ ހަފުތާއެއް ނޫނީ އެއް ދުވަހުގެ މުސާރަ ވެސް ހަދިޔާ ކުރެވިދާނެ ކަމަށެވެ.
ޖަޔަސުންދަރަ ވިދާޅުވީ މުވައްޒަފުންގެ އެހީ ވެގެންދާނީ ސަރުކާރުގެ ބަޖެޓުގެ ދަރަނި ކުޑަކުރަން މުހިންމު ކަމަކަށް ކަމަށެވެ. އޭރުން 100 ބިލިއަން ރުޕީސް (525 މިލިއަން ޑޮލަރު) ސަލާމަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މެއި މަހުގެ އަޅުގަނޑުގެ މުސާރަ ސަރުކާރަށް ހަދިޔާ ކުރާނަން،" ޖަޔަސުންދަރަ ވިދާޅުވި އެވެ.
ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާ މިދިޔަ ހަފުތާގައި ވިދާޅުވީ ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ މަސައްކަތުގައި ބައިނަލްއަގުވާމީ ގޮތުން އެއްވެސް އެހީއެއް އަދި ނުލިބޭ ކަމަށެވެ. އަދި ބޭރުގެ އެހީ އެމަނިކުފާނުގެ ސަރުކާރުން ނާޖާއިޒް ގޮތުގައި ބޭނުންކޮށްފައިވާ ތުހުމަތުގައި އެއްވެސް އަސްލެއް ނެތް ކަމަށް ވިދާޅުވި އެވެ.
ލަންކާ ސަރުކާރުން މިހާރު ވަނީ ޕާލަމެންޓް މެންބަރުގެ މުސާރަ އެއް އަހަރުގެ މުއްދަތަށް 30 ޕަސެންޓް ކުޑަކޮށްފަ އެވެ.
ލަންކާ އިން މިހާތަނަށް ވަނީ 824 މީހުން ޕޮޒިޓިވްވެ ނުވަ މީހުން މަރުވެފަ އެވެ.