ސަލްމާން ޚާންގެ "ރާދޭ" ޑިޖިޓަލްކޮށް ރިލީޒްކޮށްފާނެ
ސަލްމާން ޚާންގެ "ރާދޭ" ޑިޖިޓަލްކޮށް ރިލީޒްކޮށްފާނެ

ކުރިއަށް އޮތް ފިތުރު އީދާ ދިމާކޮށް މި މަހުގެ 22 ގައި ސިނަމާތަކަށް ގެންނަން ނިންމާފައި އޮތް ސަލްމާން ޚާންގެ ފިލްމު "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" ސިނަމާތަކުގައި އެޅުވޭނެ ގޮތެއް މި ވަގުތު ނެތުމުން އެ ފިލްމު ޑިޓިޖަލްކޮށް ރިލީޒްކޮށްފާނެކަމުގެ އިޝާރާތެއް ދީފި އެވެ.

މި ވާހަކަ ތިލަވެފައި މި ވަނީ މަޝްހޫރު ސްޓްރީމިން ފްލެޓްފޯމަކުން އެ ފިލްމުގެ ރައިޓްސް ހޯދަން އެދުމުން "ރާދޭ" ގެ ޓީމުން 250 ކްރޯޑް ރުޕީސް (34 މިލިއަން ޑޮލަރު) ގެ އަގެއް ކިޔާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ.

މިކަމާ ބެހޭ ގޮތުން ސަލްމާންގެ މެނޭޖަރު ޖޯޑީ ޕަޓޭލް ބޮލީވުޑް ހަންގާމާ އަށް ބުނީ "ރާދޭ" ގެ މަސައްކަތް ވެސް އަދި ނުނިމި ކަމަށްވާތީ ފިލްމަށް ވަކި އަގެއް ކީ ކަމަށް ބުނާ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.

"އަހަރެމެން އެއްގޮތަކަށް ވެސް ފިލްމު ދޫކޮށްލާކަށް އަގެއް ނުކިޔަން. މަސައްކަތް ވެސް ނުނިމި އޮތީމަ ކިހިނެއް އަގެއް ކިޔާނީ؟ އެކަމަކު މަސްރަހު އިތުރަށް ދިރާސާކޮށް ބެލުމަށް ފަހު، އަހަރެން ހަމަ ރެޑީ ރާދޭ ޑިޖިޓަލްކޮށް ރިލީޒްކުރަން ވެސް." އޭނާ ބުންޏެވެ.

ޖޯޑީ ބުނިގޮތުގައި ފިލްމު ރިލީޒްކުރުމާ ދޭތެރޭ ގޮތެއް ނިންމާނީގެ އޭގެ މަސައްކަތް އެއްކޮށް ނިމުމުންނެވެ. ކޮރޯނާވައިރަހާ ދިމާކޮށް އިންޑިއާގައި އިއުލާންކުރި ލޮކްޑައުން ދިގުދަންމަމުން އަންނަ އިރު، "ރާދޭ" ގެ ބައެއް ލަވަތަކާއި އިތުރު މަންޒަރުތައް އަދި ޝޫޓްނުކުރެވި އެބަހުއްޓެވެ. އަދި ލޮކްޑައުން ފިލާނެ އިރެއް ނޭނގޭތީ ފިލްމުގެ ޝޫޓިން އަލުން ފެށޭނެ އިރެއް ވެސް ނޭނގެ އެވެ.

ޖޯޑީ ބުނީ އާންމު ހާލަތަކަށް ރުޖޫއަވެވި، ސިނަމާތައް ވެސް ހުޅުވޭނެ އިރެއް ނޭނގޭތީ އާއި ސިނަމާތަކަށް ގޮސް ކުރިއެކޭ އެއްގޮތަށް މީހުން ފިލްމު ބަލާނެކަމާ ދޭތެރޭ ވެސް ސުވާލުތަކެއް އެބަހުރި ކަމަށެވެ. އެހެންވެ "ރާދޭ" ސިނަމާތަކުގައި ނޭޅުވި ދިގުލައިގެންދާން ބޭނުން ނުވާ ކަމަށް ބުންޏެވެ. އެހެންވެ އޭގެ މަސައްކަތް ނިމުނުހާ އަވަހަކަށް ސްޓްރީމިން ޕްލެޓްފޯމަކަށް ދޫކޮށްލުމުގެ މަޝްވަރާތައް ކުރެވެމުންދާ ކަމަށް ބުންޏެވެ.

"މިސާލަކަށް ހިނގާބަލަ އޮގަސްޓް މަހާ ހަމައަށް މަޑުކޮށްލަމާ. އަހަރެމެންނަށް ވަރަށް ޝައްކު އެހާތަނަށް އަންނަ އިރު ވެސް ކޮރޯނާވައިރަހުގެ ބިރުވެރިކަން ފިލައި އާންމު ހާލަތަކަށް އެއްކޮށް ދާނެ ކަމަކަށް." ޖޯޑީ ބުންޏެވެ. "އަހަރެމެން އެންމެން މި ތިބެނީ ހާލަތަށް އަންނާނެ ހެޔޮ ބަދަލެއްގެ އިންތިޒާރުގައި."

"ރާދޭ" އަކީ ސަލްމާންގެ ފިލްމު ކުންފުނި އެސްކޭއެފާއި އޭނާގެ ކޮއްކޮ ސުހައިލް ޚާން ޕްރޮޑަކްޝަން ގުޅިގެން ހަދާ ފިލްމެކެވެ. ފިލްމުގެ ޑައިރެކްޓަރަކީ ޕްރަބޫދޭވާ އެވެ.

ސަލްމާނާ އެކު "ރާދޭ" ގެ ބަތަލާގެ ރޯލުން ފެނިގެން ދާނީ ޑިޝާ ޕަޓާނީ އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ރަންދީޕް ހޫޑާ އާއި ޖެކީ ޝްރޮފް އަދި ގޯތަމް ގުލާޓީ ހިމެނެ އެވެ.

"ރާދޭ" ޑިޖިޓަލްކޮށް ރިލީޒްކޮށްފި ނަމަ އެކަންވެގެން ދާނީ ސަލްމާންގެ ފިލްމެއް ސިނަމާތަކުގައި ނާޅުވައި، ސްޓްރީމިން އަށް ދޫކޮށްލާ ފުރަތަމަ ފަހަރަށެވެ. އަދި މިފަދަ ގޮތަކަށް ފިލްމުތައް ރިލީޒްކުރަންވެއްޖެ ނަމަ ފިލްމުތަކަށް ލިބޭ އާމްދަނީ އާއި ތަރުހީބު ބެސް ބޮޑު ތަނުން ވެއްޓޭނެ އެވެ.

ކޮރޯނާވައިރަހާ އެކު ބޮލީވުޑްގެ ފިލްމީ ކަލަންޑަރު މިއަހަރު ވަނީ މުޅިން އޮޅުންބޮޅުންވެފަ އެވެ.