07 މެއި 2020 - 12:11

ކޮވިޑް-19 ޖެހިގެން ނުވަތަ އެ ބައްޔަށް ޝައްކުކުރެވޭ މީހަކު މަރުވެއްޖެ ނަމަ އެ މީހުންގެ ކަށުކަމާކެމީގެ ކަންތައްތައް ކުރިއަށްގެންދާނެ ގޮތުގެ ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ) ރޭ އާއްމުކޮށްފި އެވެ.
ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ ފަންނީ ނިންމުމާއި އިސްލާމިކް މިނިސްޓްރީގެ ސާކިއުލާއަކަށް ރިއާޔަތްކޮށް އެސްއޯޕީ އެކުލަވާލާފައިވަނީ މައިގަނޑު ދެ ބަޔަކަށެވެ. އެއީ ކޮވިޑް-19 ގައި މަރުވާ މީހުން ނުވަތަ މަރުވާ މީހުންގެ ތެރެއިން އެ ބައްޔަށް ޝައްކުކުރެވޭ މީހުންނާއި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ތަނެއްގައި ނުވަތަ ރަށެއްގައި ވަކި ސަބަބެއް ނޭނގި މަރުވާ މީހުންނާ މެދު އަމަލުކުރާނެ ގޮތެވެ.
މުޅި ދުނިޔެ އަށް އާންމު ބަލިމަޑުކަމެއް ގޮތުގައި ކަނޑައަޅާފައިވާ ކޮވިޑް-19 ފެތުރޭ މި ދުވަސްވަރު، ގޮތް ނޭނގޭ މަރެއް ނަމަ ނުވަތަ ކޮވިޑް-19 އަށް ޝައްކުކުރެވޭ މީހަކު ނަމަ އެ ބައްޔަށް ޓެސްޓުކުރަން ޖެހޭނެ ކަމަށާއި ނަތީޖާއަށް މަޑުނުކޮށް މައްޔިތާގެ ކަށުކަމާކެމީގެ ކަންތައްތައް ކުރިއަށްގެންދަން ޖެހޭނެ ކަމަށް އެސްއޯޕީގައިވެ އެވެ.
- ކޮމިއުނިޓީ ސްޕްރެޑެއް އޮތް ތަނެއް ނުވަތަ ރަށެއްގައި ވަކި ސަބަބެއް ނޭނގި މަރުވާ މީހުންނަކީ ކޮވިޑް-19 އަށް ޝައްކުކުރެވޭ މީހުންކަމުގައި ބެލުން
- ގޭގައި ނުވަތަ މަގުމަތީގައި މީހަކު މަރުވެއްޖެ ނަމަ ގެންދަން ޖެހޭނީ ސީދާ ސަހަރާ އަށް. ސަހަރާއަށް ގެންދިއުމަށްފަހު ސިއްހީ ހިދުމަތްތެރިއެއް މައްޔިތާ ބެލުމަށް ފަހު މަރު ސާބިތުކުރާ ފޯމް ފުރިހަމަކުރަން ޖެހޭނެ. އެގޮތަށް ހަރަކާތްތެރިވާއިރު ހުންނަން ޖެހޭނީ ޕީޕީއީ އަޅައިގެން
- މައްޔިތާ އަކީ ބިދޭސީއެއް ނަމަ ޑިޕްލޮމެޓިކް ޕްރޮޓޮކޯލްތައް ފުރިހަމަ ކުރަންވާނެ
- ވަޅުލުން ލަސްވާ ނަމަ މައްޔިތާގެ ހަށިގަނޑު ބާއްވާންޖެހޭނީ މޯޗަރީގައި
- ކޮވިޑް-19 ޖެހިފައިވާ ނުވަތަ ޝައްކުކުރެވޭ މީހުން އެމްބާމް (ކުނި ނުވާ ގޮތަށް ހަދާފައި ބޭއްވުން) މަނާ
މީހާ މަރުވެފައިވަނީ ސިއްހީ ހިދުމަތްދޭ ތަނެއްގައި ނަމަ މައްޔިތާ ސާފުކުރާނީ އެތަނެއްގެ ވޯޑުގައި ނުވަތަ އެތަނެއްގައި އެފަދަ ކަންކަމަށް ހާއްސަކޮށްފައިވާ ތަނުގަ އެވެ. ސާފުކޮށް ނިންމައި، މޫނާއި އަތްތިލަ ފެންނަ ގޮތަށް ހުދު ފޮތިގަނޑެއް އޮޅާލުމަށް ފަހު ފެން ނުފާއްދާ މެޓީރިއަލަކުން ތައްޔާރުކޮށްފައިވާ ބޮޑީ ބޭގަކަށް މައްޔިތާ ލާން ޖެހޭނެ އެވެ.
ބޮޑީބޭގްގެ ބޭރު ސައިބޯނި ފެންފޮތިގަނޑަކުން ސާފުކޮށް ޑިސްއިންފެކްޓް ކުރުމަށްފަހު، ބޮޑީ ބޭގް ޓްރޮލީއަކަށް ނުވަތަ ސްޓްރެޗާ އަކަށް ލާން ޖެހޭނެ އެވެ. ބޮޑީ ބޭގް އަތުން އުފުލައިގެން ނުވާނެކަމަށް އެސްއޯޕީގައި ބުނެ އެވެ.
މާލެ ސަރަހައްދުގައި ކޮވިޑް-19 އަށް ނުވަތަ ގޮތް ނޭނގޭ ބައްޔެއްގައި މަރުވެއްޖެ ނަމަ ވަޅުލަން ހަމަޖައްސާފައިވަނީ ހުޅުމާލެ ސަހަރާގަ އެވެ.
ޖަނާޒާ ބާއްވާ ގޮތަށް ބަލާއިރު، ސަހަރާގައި މައްޔިތާ ބޭއްވުމަށް ފަހު ހާއްސަކޮށްފައިވާ ތަނުގައި ކަފުނުގެ ގޮތުގައި ބޭނުންކުރާ ފޮތިގަނޑު ބާއްވަން ޖެހޭނެ އެވެ. އަދި އެ ފޮތިގަނޑުގެ މަތީގައި ބޮޑީ ބޭގާއެކު މައްޔިތާ ބޭއްވުމަށްފަހު ބޮޑީ ބޭގް ހުޅުވާލައި މައްޔިތާގެ މޫނު ފެންނަ ގޮތަށް ބާއްވަން ޖެހޭނެ ކަމަށް އެސްއޯޕީގައި ބުނެ އެވެ. އެއްވެސް ހާލަތެއްގައި ބޮޑީ ބޭގުން މައްޔިތާ ނަގައިގެން ނުވާނެ އެވެ.
މޫނު ބެލުމަށް ވެސް އާއިލާ މީހުން ތިބެން ވާނީ މައްޔިތާއާ ތިން ފޫޓު ދުރުގައި މާސްކް އަޅައިގެންނެވެ. އެއްވެސް މީހަކަށް މައްޔިތާގެ ހަށިގަނޑުގައި އަތެއް ނުލެވޭނެ އެވެ.
އިސްލާމިކް މިނިސްޓްރީން ނިންމާފައިވަނީ ކޮވިޑް-19 ގައި ނުވަތަ ޝައްކުކުރެވޭ ބައްޔެއްގައި މަރުވާ އެންމެން ވެސް ތަޔައްމަމް ކުރާށެވެ. މައްޔިތާގެ މޫނާއި އަތްތިލަ ފޮރުވުމަށްފަހު ބޮޑީ ބޭގް ބަންދުކުރުމަށްފަހު ކަފުނުގެ ގޮތުގައި ބޭނުންކުރާ ފޮތިގަނޑު، ބޮޑީ ބޭގްގެ ބޭރުން މައްޔިތާ ކަފުން ކުރަންޖެހޭނެ އެވެ.
މިކަމަށް ސިފައިން ވަނީ ތަމްރީނުކޮށްފަ އެވެ.
އެސްއޯޕީގައި ބުނާ ގޮތުން، ކަށުނަމާދު ކުރަންޖެހޭނީ ސަހަރާގަ އެވެ. މިސްކިތުގެ އެތެރެއަށް ސަންދޯއް ވައްދައިގެން ނުވާނެ އެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ގައި ދެ މީހަކު މަރުވެފައި ވެ އެވެ. އެއީ މިދިޔަ މަހުގެ 30 ވަނަ ދުވަހު 83 އަހަރުގެ އަންހެނެއް އަދި އޭގެ ފަހުން މިދިޔަ އަންގާރަ ދުވަހު 22 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. އެ މީހުންގެ ކަށުކަމާކެމީގެ ކަންތައް ވެސް ކުރީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުގައި ސިފައިންނެވެ.