ބޮލުން ގުޅިފައިވާ ދެ ކުދިން އޮޕަރޭޝަނަށް ފަހު ވަކިކޮށްފި
ބޮލުން ގުޅިފައިވާ ދެ ކުދިން އޮޕަރޭޝަނަށް ފަހު ވަކިކޮށްފި

ނިއު ޔޯކް (އޮކްޓޯބަރު 15) - ވިހޭ އިރު ބޮލުން ގުޅިފައިވާ ދެ ކުދިން ޑޮކްޓަރުންގެ ޓީމަކުން އޮޕަރޭޝަން ކޮށްގެން އެމެރިކާގެ ނިއު ޔޯކުގައި ވަކިކޮށްފި އެވެ.

ތޭރަ މަސްވެފައިވާ ޖާޑޮން އާއި އަނިއަސް މެކްޑޮނަލްޑްގެ ބޯ ވަކިކުރުމަށް ކުރި އޮޕަރޭޝަނަށް ވަނީ 16 ގަޑިއިރު ހޭދަވެފަ އެވެ. އޮޕަރޭޝަނަށް ފަހު މިހާރު ގެންދަނީ އެ ކުދިންގެ ބޮލުގެ ނާށިގަނޑު ރަނގަޅު ކުރުމަށް އިތުރު ފަރުވާ ދެމުންނެވެ.

ދެ ކުދިންގެ މަންމަ ނިކޯލް މެކްޑޮނަލްޑް މިއަދު ވަނީ އޮޕަރޭޝަނުގެ ވާހަކަ ފޭސްބުކުގައި ލިޔެފަ އެވެ. ނަމަވެސް ދެން ވެދާނެ ގޮތަކާ މެދު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ދެ ކުދިންގެ އާއިލާ އިން ވަނީ އޮޕަރޭޝަނަށް ބޭނުންވާ އެއް ލައްކަ ޑޮލަރު ހޯދައިފަ އެވެ.

ދެ ކުދިން ވެސް އުފަންވި އިރު ވަނީ ބޮލުގެ ނާރުތަކާއި ސިކުނޑީގެ ޓިޝޫތައް ގުޅިފަ އެވެ. މިއީ ވަރަށް މަދުން ނޫނީ ދިމާނުވާ ހާލަތެކެވެ. މި ގޮތަކަށް ދިމާވަނީ އުފަންވާ ކޮންމެ 10 މިލިއަން ކުއްޖަކުން އެއް ކުއްޖަކަށް ކަމަށް ޑޮކްޓަރުން ބުނެ އެވެ.

މި ބާވަތުގެ އޮޕަރޭޝަންތައް ކުރާ ޑރ. ޖޭމްސް ގޫޑްރިޗް ވަނީ ނިއު ޔޯކުގެ ދެ ކުދިންގެ އޮޕަރޭޝަނުގެ ކުރިން ބޮލުގެ 3ޑީ މޮޑެލްއެއް ތައްޔާރުކޮށްފަ އެވެ. ޑރ. ގޫޑްރިޗް ވަނީ ހަށިގަނޑުން ގުޅިފައިވާ ސީރިއާގެ ދެ ކުދިންގެ އޮޕަރޭޝަން ވެސް މި އަހަރުގެ ކުރީކޮޅު ކޮށްފަ އެވެ. ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ގޮތަށް ހަށިގަނޑުން ގުޅިފައިވާ ތިބޭ ކުދިން ދެ އަހަރު ފުރުމުގެ ކުރިން އޮޕަރޭޝަން ކޮށްގެން ވަކި ނުކޮށްފި ނަމަ އެ ކުދިން ދުނިޔޭގައި ތިބުމުގެ އޮންނަނީ 20 ޕަސެންޓް ފުރުސަތެކެވެ.