07 މެއި 2020 - 16:58

ޖެނީވާ (މެއި 7) - ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތައް މާ އަވަހަށް ދޫކޮށްލައި އެ ފިޔަވަޅުތައް މެނޭޖް ނުކުރެވިއްޖެ ނަމަ ދެން ގެންނަން ޖެހޭ ލޮކްޑައުންތައް މާ އުނދަގޫވާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އިންޒާރު ދީފި އެވެ.
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވީ ލޮކްޑައުންގެ ހާލަތަށް ގައުމުތަކުން ލުއިދޭ އިރު ސާވެއިލަންސް ކޮންޓްރޯލާއި ހެލްތު ސިސްޓަމުގެ ތައްޔާރީތައް ހުރި މިންވަރު ވަރުގަދަ ކުރަން ޖެހޭނެ ކަމަށެވެ.
"ކޮމިއުނިޓީ ސްޕްރެޑްތައް މެނޭޖް ނުކޮށް ގައުމުތައް ހުޅުވާލައިފި ނަމަ އަނެއްކާވެސް ލޮކްޑައުންއަކަށް ދާންޖެހިދާނެ ކަމުގެ ބިރު ބޮޑު،" ވާޗުއަލް ނިއުސް ބްރީފިންއެއްގައި ޓެޑްރޯސް އިއްޔެ ވިދާޅުވި އެވެ.
ޑަބްލިއުއެޗްއޯ އިން ވަނީ ދެން ކުރިމަތިވާނެ ކަމަކުން އަރައިގަނެވޭ މިންވަރަށް ގައުމުތަކުގެ ސިއްހީ ނިޒާމުތައް ވަރުގަދަ ކުރުމަށް ގޮވާލައިފަ އެވެ.
ޑަބްލިއުއެޗްއޯ ބުނީ ހެލްތުކެއާ އަށް ދުނިޔެ އިން އަހަރަކު 7.5 ޓްރިލިއަން ޑޮލަރު ޚަރަދު ކުރާ ކަމަށެވެ. މިއީ ދުނިޔޭގެ ޖީޑީޕީގެ ގާތްގަނޑަކަށް 10 ޕަސެންޓެވެ.
ޗައިނާގެ ވޫހާން ސިޓީން މިިދިޔަ ޑިސެމްބަރު ފަހު ފެނުނު ވައިރަސްގެ ސަބަބުން ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން މިހާރު ތިބީ ކޮންމެވެސް ބާވަތެއްގެ ލޮކްޑައުންއެއްގަ އެވެ. ނަމަވެސް އެންމެ ބާރު މިނުގައި ބަލި ފެތުރޭ އެމެރިކާ އާއި ޔޫރަޕުގެ ގައުމުތައް ކަމަށްވާ ސްޕޭން، އިޓަލީ އަދި ފްރާންސް ފަދަ ގައުމުތަކުން މިހާރު ވަނީ އިގްތިސާދު ހުޅުވާލަން ނިންމައިފަ އެވެ.