ލޮކްޑައުންއާ ހެދި އެޕްރީލް މަހު އިންޑިއާ އިން 120 މިލިއަން މީހުންގެ ވަޒީފާ ގެއްލުނު
ލޮކްޑައުންއާ ހެދި އެޕްރީލް މަހު އިންޑިއާ އިން 120 މިލިއަން މީހުންގެ ވަޒީފާ ގެއްލުނު

ނިއު ދިއްލީ (މެއި 7) - ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އިންޑިއާ ލޮކްޑައުން ކުރި ފަހުން މިދިޔަ އެޕްރީލް މަހު އެކަނި ވެސް 120 މިލިއަން މީހުންގެ ވަޒީފާ ގެއްލިފައިވާ ކަމަށް ޕްރައިވެޓް ރިސާޗް އެޖެންސީއަކުން ބުނެފި އެވެ.

ސެންޓަ ފޯ މޮނިޓާރިން ދި އިންޑިއަން އިކޮނޮމީ (ސީއެމްއައިއީ) އިން ބުނެފައި ވަނީ އިންޑިއާގައި ވަޒީފާ ނެތް މީހުންގެ ރޭޓަކީ މިހާރު 27.1 ޕަސެންޓް ކަމަށެވެ. ވަޒީފާއާ ގުޅޭ ޑޭޓާ އިންޑިއާ އިން އާއްމުނުކުރި ނަމަވެސް ސީއެމްއައިއީގެ ޑޭޓާ ގިނަ ބަޔަކު ގަބޫލް ކުރެ އެވެ.

އިންޑިއާ ލޮކްޑައުންކޮށްފައި ވަނީ މާޗް 25 އިން ފެށިގެންނެވެ. ނަތީޖާއެއްގެ ގޮތުން އެތައް ބައެއްގެ ވަޒީފާ ވަނީ ގެއްލިފަ އެވެ. އެންމެ ބޮޑު އަސަރެއް ކޮށްފައި ވަނީ ދުވަހު މުސާރަ އަށް މަސައްކަތް ކުރާ މީހުންނަށެވެ. ލޮކްޑައުންއާ އެކު އިގްތިސާދު ވަނީ ގާތްގަނޑަކަށް ހުއްޓިފަ އެވެ.

ވަޒީފާ ނެތް މީހުންގެ ރޭޓް މާޗް މަހު ހުރީ 8.7 ގައި ކަމަށް ވިޔަސް އެޕްރީލް މަހު ވަނީ 23.5 ޕަސެންޓަށް މައްޗަށް ޖެހިފަ އެވެ.

ވަޒީފާ ގެއްލުނު 122 މިލިއަން މީހުންގެ ތެރޭން 91.3 މިލިއަނަކީ ކުދި ވިޔަފާރިތަކުގައި އުޅޭ މީހުންނެވެ. މުސާރަ ލިބޭ މީހުންގެ ތެރޭން 17.8 މިލިއަން އަދި އަމިއްލަ މަސައްކަތުން އުޅޭ 18.2 މިލިއަން މީހުންގެ މަސައްކަތްތައް ވަނީ ގެއްލިފަ އެވެ.

ބަލި ފެތުރޭލެއް މަދު ހިސާބުތަކުގެ ލޮކްޑައުން އަށް މިހާރު ވަނީ ލުއިތައް ދޭން ފަށައިފަ އެވެ.

އިންޑިއާ އިން ވަނީ 52,987 މީހުން ޕޮޒިޓިވްވެ 1،785 މީހުން މަރުވެފަ އެވެ.