07 މެއި 2020 - 01:24

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އާންމުންނަށް ކުއްޔަށް ދީފައި ހުރި ފްލެޓްތަކުގެ ކުރިއަށް އޮތް ދެ މަހުގެ ކުލިން 30 ޕަސެންޓް ފަސްކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދީފި އެވެ.
ކޮވިޑް-19 އާ ގުޅިގެން އާންމުންނަށް ކުރިމަތިވެފައިވާ މާލީ ދަތިކަމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން އެޗްޑީސީން ނިންމި ނިންމުމާ ގުޅިގެން، އެ ކޯޕަރޭޝަނުން ދޫކޮށްފައިވާ ފްލެޓްތަކުގެ އިތުރުން ގޯއްޗާއި ކުއްޔަށް ދޫކޮށްފައިވާ ކޮމާޝަލް ޔުނިޓްތަކާއި ސިނާއީ ބިންތަކަށް ދައްކާ ފައިސާ ނުވަތަ ކުލީގެ 30 ޕަސެންޓް ފައިސާ ކުރިއަށް އޮތް ދެ މަހު ދައްކާކަށް ނުޖެހޭނެ އެވެ.
އެޗްޑީސީން ބުނީ އެކަމަށް އެދުމަށް މިހާތަނަށް ފޯމް ހުށަހަޅާފައިނުވާ ފަރާތްތަކުގެ ތެރެއިން މޭ މަހުގެ އިންސްޓޯލްމަންޓް/ކުލީގެ 30 ޕަސެންޓް ފަސްކުރަން ބޭނުންވާ ފަރާތްތަކުން 15 މޭ ގެ ނިޔަލަށް އެކަމަށް ހާއްސަ ފޯމް،[email protected]އަށް ފޮނުވަން އެދޭ ކަމަށެވެ. އެ ފޯމް ވެބްސައިޓުން ޑައުންލޯޑްކުރެވޭނެ އެވެ.
އަދި މިދުވަސްވަރު މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮތުމުން އެތަނަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސައިދީފަ އެވެ.
ކުލިން އެޗްޑީސީން މި ވަގުތު ޑިސްކައުންޓް ދެނީ މީގެ ކުރިން ގަވައިދާ އެއްގޮތަށް ކުލި ދައްކާފައިވާ މީހުންނަށް އެކަންޏެވެ. ފަސްކޮށްދޭ 30 ޕަސެންޓް ފައިސާ ދެއްކުމަށް އެއް އަހަރަށް ވުރެ ކުރު ނޫން މުއްދަތެއް ދޭނެ އެވެ. އެޗްޑީސީން ބުނީ، މި މުއްދަތުގައި ގަވައިދާ އެއްގޮތަށް ފައިސާ ދައްކަން އުނދަގޫވާ ނަމަ އެކަންކަން ހާމަކޮށް ހުށަހެޅުމުން، އެ ކޯޕަރޭޝަނުން އަމަލުކުރާ ޑެޓް ކަލެކްޝަން ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން ފައިސާ ދެއްކުމަށް ފުރުސަތު ދޭނެ ކަމަށެވެ.
ކުރިއަށް އޮތްތަނުގައި ވެސް އިތުރު ލުއިތައް ދޭން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.