08 މެއި 2020 - 12:39

މީގެ ދެ މަހެއްހާ ދުވަސް ފަހަތަށް ޖެހިލާއިރު، މާޒިޔާގެ ކޯޗު މަރްޖާން ސެކުލޮސްކީ އޭނާ މުޅި ދުވަސް ހޭދަކުރަމުން އައީ މާޒިޔާ ޓީމު އެކި ގޮތްތަކަށް ރާވައި މެޗުތަކުން މޮޅުވެވޭނެ ގޮތްތައް ވިސްނުމުގަ އެވެ. ކެއުމާއި ނިދުމުގައި ހޭދަކުރާ ވަގުތުތަކަށް ފަހު އޭނާގެ ސިކުނޑި ފޯކަސް ކުރަނީ މާޒިޔާ އަށެވެ. އެ ވިސްނުމުގައި ގޮސް އޭނާ ވަނީ ސަރަހައްދުގެ ފުޓްބޯޅަ މުބާރާތް އޭއެފްސީ ކަޕްގައި އިންޑިއާގެ ގަދަބާރު އިންޑިއާގެ ބެންގަލޫރު ބަލިކޮށްފަ އެވެ. ރާއްޖޭގެ ޗެމްޕިއަންކަން ހޯދައި އިންޑިއާގެ ޗެމްޕިއަނެއް ވެސް ބަލިކޮށް ސެކުލޮސްކީ ދެން އަވަސްވެގަތީ އޭއެފްސީ ކަޕްގައި މާޒިޔާ ގޮވައިގެން ބޮޑެތި ކާމިޔާބީތަކެއް ހޯދާށެވެ. އެކަމަކު ސެކުލޮސްކީގެ އެ މަސައްކަތް ހުއްޓާލަން ޖެހުނީ މުޅި ދުނިޔެ އަށް ވެސް މި ވަގުތު ހުއްޓުމެއް ގެނެސްފައިވާ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން އޭއެފްސީ ކަޕް މެދުކަނޑާލުމުންނެވެ.

އަދި ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދު ލޮކްޑައުންކުރުމާ އެކު ސެކުލޮސްކީ ވެސް މިހާރު އެ ހުރީ ގޭބަންދުވެފަ އެވެ. އަދި ފުޓްބޯޅަ މުބާރާތްތައް ހުއްޓާލާފައިވާތީ އޭނާ ވެސް މި ވަގުތު ފުޓްބޯޅައިގެ ދުނިޔެ އިން ބޭރުވެ، ފިކުރު ކުރަމުން އަންނަނީ މި ބަލިމަޑުކަމާ މެދު އެވެ. މިކަމުން އަރައިގަނެ ކުރީގެ ދިރިއުޅުމަކަށް ދެވޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. އެކަމަކު އަދި އެކަން އޮތީ އަތްފޯރާ ހިސާބު ނޫންކަން އޭނާ ވެސް ގަބޫލުކުރެ އެވެ.
"ގަބޫލުކުރަން ޖެހޭ މިއީ އެއްވެސް މީހަކު ބޭނުންވާނެ ގޮތެއް ނޫން. އަހަރެން ވެސް މި ވަގުތު މިހުރީ އާއިލާއާ ދުރުގައި. އަހަރެންގެ ގައުމު ވެސް އޮތީ ލޮކްޑައުންއެއްގައި. އަހަރެން މި ވަގުތު މި ހުރި ގައުމު ވެސް މި އޮތީ ލޮކްޑައުންއެއްގައި. އެހެން އެންމެނެކޭ އެއްގޮތަށް އަހަރެން ވެސް އިންތިޒާރު މި ކުރަނީ މި ކަމުން އަރައިގަނެވޭނެ ދުވަހަކަށް،" ސެކުލޮސްކީ "މިހާރަ"ށް ކިޔައިދިނެވެ.
ކޮވިޑް-19 ގެ ހާލަތުން އަރައިގަނެ ކުރިން އުޅުނު އާންމު ދިރިއުޅުމަށް ދެވޭނެ ދުވަހެއް ބުނަން އެނގޭނީ މި ވައިރަހަށް ވެކްސިނެއް ތައްޔާރުވެގެންނެވެ. ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ދުނިޔޭގެ އެކި ގައުމުތަކުގެ ލެބޯޓަރީތަކުން އަންނަނީ ހުއްޓުމެއްނެތި ކުރަމުންނެވެ. އެކަމަކު އަބަދު ލޮކްޑައުންގައި ނުތިބެވޭނެތީ ނިއު ނޯމަލަކަށް ހޭނެން ވެސް ޖެހެ އެވެ.
"އަހަންނަށް ވެސް އެނގޭ ކަމަކީ ނިއު ނޯމަލެއްގައި އަލުން ފަށާއިރު ކުރިން އޮތް ގޮތަކަށް ނޫން ކަންތައްތައް އޮންނާނީ. ސިއްހީ މާހިރުން ދޭ އިރުޝާދުތަކާ އެއްގޮތަށް ނިއު ނޯމަލް އަކުން ފަށަން ޖެހޭނީ. މިއީ ޕްރޮފެޝަނަލުންނަށް ވެސް ފަސޭހަވާނެ ކަމެއް ނޫން. އެކަމަކު އިތުރު ގޮތެއް އޮތް ހެނެއް ހިއެއްނުވޭ. މީގައި އޮތީ ރަނގަޅު ދުވަހެއްގެ އިންތިޒާރުކުރުން،" ސެކުލޮސްކީ ބުންޏެވެ.
"އަހަންނަކީ ޕްރޮފެޝަނަލް ކޯޗެއް. އަހަރެންގެ ދާއިރާގައި އުނދަގޫތަކެއް ހުންނާނެ އާ ނޯމަލެއްގައި. ބޭނުންވާ ގޮތަށް ޕްރެކްޓިސްތަކެއް ނުކުރެވިދާނެ ނޫނީ އެހެން ކަމެއް ވެސް ނުކުރެވިދާނެ. އެކަމަކު އަހަރެމެން ކޮންމެ ޕްރޮފެޝަނަލަށް ވެސް އޮތް ގޮތަކީ ހައްލެއް ލިބެންދެން ނިއު ނޯމަލް އަކަށް ހޭނުން. ކޮންމެ މީހެއް ވެސް ވިސްނާނެ އެ މީހެއްގެ ނިއު ނޯމަލް ދިރިއުޅުމާ މެދު."
ސެކުލޮސްކީ ބުނީ އޭނާގެ ގައުމުގައި ވެސް ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާ އުސޫލުތަކަށް ތަބާނުވާ މީހުން އުޅޭ ކަމަށާއި ހަމަ އެ ގޮތަށް ރާއްޖޭގައި ވެސް ކަންތައްތައް ހިނގާނެ ކަމަށެވެ. އެކަމަކު މިއީ އެ މީހަކަށް ފެންނަ ގޮތަކީ މޮޅު ގޮތް ކަމަށް ގަބޫލުކުރުމަށް ވުރެ، މި ކަމާ ބެހޭ ރަނގަޅު މައުލޫމާތު ލިބިފައިވާ ފަރާތްތަކުން ބުނާ ބަސް އަހަންވީ ވަގުތު ކަމަށް ސެކުލޮސްކީ ބުންޏެވެ.
ރާއްޖެ އަށް މިހާތަނަށް އަންނަ ބިދޭސީ ކޮންމެ ކޯޗެއް ވެސް އެންމެ ބޮޑަށް ފާހަގަކުރަމުން އަންނަ އެއް ވާހަކަ އަކީ ދިވެހި ކުޅިވަރުގައި ޕްރޮފެޝަނަލް ކުޅުންތެރިން މަދު ވާހަކަ އެވެ. ރާއްޖޭގެ ކުޅިވަރު ދާއިރާގެ ބޮޑު އިންސައްތަ އެއް ހިއްސާކުރަނީ ސެމީ ޕްރޮފެޝަނަލުންނެވެ. އެހެން ވަޒީފާއެއް އަދާކުރަމުން ކުޅިވަރު ކުޅޭ ކުޅުންތެރިންނެވެ. އެކަމަކު ފަހަކަށް އައިސް ކުޅިވަރަށް ހުސް ވެގެން މިކަމުން ކުރިއަށްދާ ޒުވާނުން އަންނަނީ އިތުރުވަމުންނެވެ.
ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުގައި ސެކުލޮސްކީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރާއްޖޭގައި ތިބި ހަމައެކަނި ފުޓްބޯޅައިން އާމްދަނީ ހޯދާ ކުޅުންތެރިންނަށް ހުރި ގޮންޖެހުންތަކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓްބޯޅަ ކުޅުންތެރިންނަށް ވެސް އުނދަގޫތަކެއް ތަހައްމަލުކުރަން ޖެހޭ މި ވަގުތު ރާއްޖޭގެ ކުޅުންތެރިންގެ ކިބައިން ސެކުލޮސްކީ އެދެނީ ކެތްތެރިކަމާ އެކު ކުރެވެން ހުރި ކަމެއް އޮންނަ އުސޫލުގެ ތެރެއިން ކުރުމަށެވެ. އަދި އެހީތެރިކަން ލިބެން އޮތް ފަރާތަކުން އެ އެހީތެރިކަން ހޯދުމަށް ވެސް އެދެ އެވެ.
"ރާއްޖޭގެ ފުޓްބޯޅަ ކުޅުންތެރިންނަށް ބަލާއިރު އަހަރެންގެ ނަޒަރުގައި 70-80 ޕަސެންޓަކީ އެހެން ވަޒީފާތަކުގައި އުޅެމުން ކުޅޭ ކުޅުންތެރިން. ބާކީ މި އޮތް 20-30 ޕަސެންޓަކީ ފުޓްބޯޅަ އަށް ހުސްވެގެން މީގެއިން ދިރިއުޅުން ބިނާކުރާ ކުޅުންތެރިން. އަހަންނަކީ ފުޓްބޯޅައިގެ އުޅޭ މީހެއްވީމަ ބުނަން އެނގޭ މި ވަގުތަކީ މި ކުޅުންތެރިންނަށް ވަރަށް އުނދަގޫވާނެ ވަގުތުތަކެއް. އެކަމަކު އެ ކުޅުންތެރިންގެ ވިސްނުން ޕްރޮފެޝަނަލް ގޮތުގައި ބަހައްޓައިގެން މި ކަމުން އަރައިގަނެވިދާނެ. އެއީ އިސްކުރަންވީ ވިސްނުމަކީ ވެސް،" ސެކުލޮސްކީ ބުންޏެވެ.
ދެ ފަހަރެއްގެ މަތިން ސެކުލޮސްކީ ވަނީ މާޒިޔާ އަށް ކޯޗުކޮށްދޭން އައިސް ރާއްޖޭގައި ގާތްގަނޑަކަށް ތިން އަހަރު ހޭދަކޮށްފަ އެވެ. ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް ކުޅެން އައި ދަތުރުތަކަށް ހިމަނާ ކަމުގައިވާނަމަ ސެކުލޮސްކީ ރާއްޖެ އައި އަދަދު އިތުރުވާނެ އެވެ. ސެކުލޮސްކީ އަކީ މީހުންނާ ގުޅޭ މިޒާޖެއްގެ މީހެއް ކަމަށްވުމުން އޭނާއާ އެކި ގޮތްގޮތުން ދިމާވާ މީހުންނާ ވާހަކަ ދައްކައި ވެސް ހަދަ އެވެ. އެހެންވެ ރާއްޖޭގައި މީހުން އުޅޭ ގޮތްތަކާ ބެހޭގޮތުން އޭނާ އަށް ހުރީ ގިނަ ކަންތައްތަކެއް ފެނިފަ އެވެ.
"އަހަންނަށް ފެނުނު ކަންތައްތަކަށް ބަލައި އެއްޗެއް ބުނާނަމަ ދިިވެހިންގެ ލައިފްސްޓައިލްގެ ބޮޑުބައެއް އޮތީ ގެއިން ބޭރުގައި އުޅޭ ވަގުތުތަކަށް ގޮސްފައި. އެ ފަދަ ބަޔަކަށް ލޮކްޑައުން އެއްގައި ގޭގައި އަބަދު ތިބެން ވަރަށް އުނދަގޫވާނެ. އެކަމަކު މި ދަނޑިވަޅުގައި މި ނޫން ގޮތެއް ނެތް،" ސެކުލޮސްކީ ބުންޏެވެ.
"ރާއްޖެ އަކީ ރީތި މޫދަކާއި އަވީގައި ވެސް އުޅެލަން ލިބޭތަނެއް. އަހަންނަށް އޮތް ހިތާމަ އަކީ 24 ގަޑިއިރު ލޮކްޑައުންގައި އުޅެން ޖެހުމުން އެ ދޮރު ވެސް ބަންދުވެފައި ވުން. އާ ނޯމަލެއްގައި އެ ފުރުސަތު ލިބުމަކީ ވެސް ހިތްހަމަ ޖެހުމަކަށްވާނެ."
ރާއްޖޭގައި ތިބި އެކި ގައުމުތަކަށް ނިސްބަތްވާ މީހުންނަށް ރެސްކިއު ފްލައިޓްތަކުގައި އެނބުރި ގައުމަށް ދާން ފުރުސަތު އެބަ ލިބެ އެވެ. އެގޮތަށް ލިބުނު ފުރުސަތެއްގައި މާޒިޔާގެ ދެ ކުޅުންތެރިއަކު ވަނީ އެނބުރި ގައުމަށް ގޮސްފަ އެވެ. ސެކުލޮސްކީ ވެސް އަންނަނީ އެނބުރި ގައުމަށް ދެވޭނެ ގޮތްތަކެއް ބަަލަމުންނެވެ. އެކަމަކު އޭނާގެ ގައުމު މެސެޑޯނިއާ ވެސް އޮތީ ލޮކްޑައުން އެއްގަ އެވެ. މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް މެސެޑޯނިއާ ލޮކްޑައުންގައި އޮތްއިރު ސެކުލޮސްކީ ހުރީ އޭރު ލޮކްޑައުން އުވާލައިފިނަމަ މި މަހު ފަހުކޮޅުގައި އެނބުރި ގައުމަށް ދިއުމުގެ އުއްމީދުގަ އެވެ.
އަހަރެން މިހުރީ އަހަރެންގެ އާއިލާއާ 7000 ވަރަކަށް ކިލޯމީޓަރު ދުރުގައި. މި ވަގުތު އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ އެ މީހުންނާ މެދު. އަހަންނަކީ އަބަދުވެސް އަމިއްލަ ނަފްސަށް ވުރެން ބޮޑަށް އާއިލާ އަށް އިސްކަންދޭ މީހެއް. އެހެންވެ އަހަރެންގެ ގައުމަށް މި ވަގުތު ދެވެން އޮތް ފުރުސަތެއްގައި އަހަރެން ދާން ބޭނުން. އުއްމީދަކީ ވީ އެންމެ އަވަހަކަށް ކުރީގެ ދިރިއުޅުމަށް ދެވުން،" ސެކުލޮސްކީ ބުންޏެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން ސެކުލޮސްކީ މާޒިޔާ އަށް އައިސް ފެށި އެއް މަސައްކަތް ވަނީ ފުރިހަމަވެފަ އެވެ. އެ ޓީމަށް ރާއްޖޭގެ ޗެމްޕިއަންކަން ލިބިއްޖެ އެވެ. ދެ ވަނަ ޓާގެޓަކީ އޭއެފްސީ ކަޕްގައި ރަނގަޅު ހިސާބަކަށް ދިއުމެވެ. ކޮރޯނާވައިރަހުގެ ސަބަބުން އޭއެފްސީ ކަޕް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވީ ނަމަވެސް އޭއެފްސީން ވަނީ އެ މުބާރާތް ކެންސަލްނުކޮށް މެޗުތައް ފުރިހަމަކުރާނެ ކަމަށް ބުނެފަ އެވެ. އެއީ ސެކުލޮސްކީގެ ވެސް އެދުމެވެ. އެއީ މާޒިޔާގައި އޭނާގެ ދެ ވަނަ ޓާގެޓް ފުރިހަމަކުރަން ބޭނުންވާތީ އެވެ. ނިއު ނޯމަލްގެ އުނދަގޫ ހާލަތެއްގައި ކުރަން ޖެހުނަސް އެ މަސައްކަތުގައި އޭނާ ކުރިޔަށްދާން ތައްޔާރެވެ.