ކޮވިޑް-19: ޕޮޒިޓިވްވި ތަކަންދޫ ކުއްޖާގެ ޓެސްޓް ނެގެޓިވް ވެއްޖެ
ކޮވިޑް-19: ޕޮޒިޓިވްވި ތަކަންދޫ ކުއްޖާގެ ޓެސްޓް ނެގެޓިވް ވެއްޖެ

ހއ. ތަކަންދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި ތިން މީހުންގެ ތެރޭގައި ހިމެނޭ ފަސް އަހަރުގެ ކުއްޖާގެ ފަހުން ހެދި ޓެސްޓް ނެގެޓިވް ވެއްޖެ އެވެ.

މިިދިޔަ ހުކުރު ދުވަހު ތަކަންދޫން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ އެ އަންހެން ކުއްޖާގެ އިތުރުން އުމުރުން 29 އަހަރުގެ އަންހެނަކާއި 37 އަހަރުގެ އަންހެނެކެވެ. އެ މީހުން މިހާރު ތިބީ ކަރަންޓީން ފެސިލިޓީތަކުގަ އެވެ. ކުޑަކުއްޖާ ވެސް ހުރީ އޭނާގެ މަންމައާ އެކު، އުތުރުން ކަރަންޓީން ފެސިލިޓީއަކަށް ހަމަޖައްސާފައިވާ ހައިޑަވޭ އައިލެންޑް ރިސޯޓުގަ އެވެ.

އެ ކުއްޖާގެ އާއިލާ އިން މިއަދު ބުނީ މިދިޔަ ހޮނިހިރު ދުވަހު ނެގި، އެ ކުއްޖާގެ ސާމްޕަލްގެ ނަތީޖާ އައިޖީއެމްއެޗުން މިރޭ ފޮނުވާފައިވާ ކަމަށެވެ. އެ ނަތީޖާ ބުނާގޮތުން އެ ކުއްޖާ ކޮވިޑް-19 އަށް ނެގެޓިވް އެވެ.

އާއިލާ އިން ބުނިގޮތުގައި މިއަދު އަނެއްކާ ވެސް އެ ކުއްޖާގެ ސާމްޕަލް ވަނީ ނަގައިފަ އެވެ. އޭގެ ނަތީޖާ އަދި ނުލިބެ އެވެ. ކަރަންޓީން ފެސިލިޓީތަކުން މީހުން ދޫކޮށްލާނީ ދެ ފަހަރަށް ޓެސްޓް ނެގެޓިވް ވުމުންނެވެ.

"އެއްވެސް އަލާމާތެއް އެއްވެސް އުނދަގުލެއް ވާތީއެއް ނޫޅޭ. އިރާދަކުރެއްވީތީ ވަރަށް ފުރިހަމަ ސިއްހަތެއްގައި ހުރީ،" ކުއްޖާ ގާތުގައި ހުރި މަންމަ ބުންޏެވެ.

އެ ކުއްޖާއާ އެކު، ކާވިޔާ ބޯޓުން އޭނާގެ މަންމަ އާއި ބޭބެ ވެސް ދަތުރު ކުރި އެވެ. އެ މީހުން ވެސް ވަނީ ބައްޔަށް ނެގެޓިވް ވެފަ އެވެ. އަދި ތަކަންދޫން ދެން ޕޮޒިޓިވްވި ދެ އަންހެންގެ ދަރިން ވެސް އެ މީހުންނާ އެކު ދަތުރު ކުރި އެވެ. އެ ކުދިންގެ ނަތީޖާވެސް ނެގެޓިވް އެވެ.

ނ. މަނަދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި އަންހެން މީހާ ދެވަނަ ޓެސްޓް ނެގެޓިވް ވެފައި ތިން ވަނައަށް ކުރި ޓެސްޓް އަނެއްކާ ވެސް ވަނީ ޕޮޒިޓިވް ވެފަ އެވެ.

ތަކަންދޫން ޕޮޒިޓިވްވި މީހުންގެ ތެރެއިން ފަސް އަހަރުގެ ކުއްޖާގެ ބަދަލުގައި ފުރަތަމަ ކަރަންޓީނަށް ގެންދިޔައީ އެހެން ކުއްޖެކެވެ. އެއީ އެ ރަށުން ޕޮޒިޓިވްވި 29 އަހަރުގެ އަންހެން މީހާގެ ހަތް އަހަރުގެ ފިރިހެން ދަރިފުޅެވެ. އެ ކުއްޖާ ބައްޔަށް ނެގެޓިވް ވެފައިވީ ނަމަވެސް މިހާރު ހުރީ އޮޅުވެލި އައިލެންޑް ރިސޯޓްގެ ކަރަންޓީންގަ އެވެ.

ތަކަންދޫން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ކާވިޔާ ބޯޓުން އެ ރަށަށް ދިޔަ 36 މީހުންގެ ތެރެއިން ބައެކެވެ. އެ މީހުން ބައްޔަށް ޓެސްޓް ކުރީ އެ ބޯޓުން ހއ. އުލިގަމަށް ދިޔަ މީހަކު ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. ތަކަންދު އާއި އުލިގަމުގެ އިތުރުން އެ ބޯޓުގައި ދަތުރުކުރި އެހެން ރަށެއްގެ އެއްވެސް މީހަކު މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެއް ނުވެ އެވެ.

އަތޮޅުތަކުން މި ބަލި މިހާތަނަށް ފެނިފައި ވަނީ ތަކަންދޫގެ އިތުރުން ހއ. އުލިގަމާއި ށ. ނަރުދު އާއި ށ. މިލަންދޫ އާއި ނ. މަނަދޫ އަދި ކ. ތުލުސްދޫންނެވެ.