06 މެއި 2020 - 18:08

ވޫހާން ސިޓީ (މެއި 6) - ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީގެ ސްކޫލްތައް، ތިން މަހަށް ވުރެ ގިނަ ދުވަހަށް ފަހު މިއަދު ހުޅުވައި ދަރިވަރުން ކިޔަވަން ހިނގައްޖެ އެވެ.
ވޫހާންގެ 120 ސްކޫލް މިއަދު ހުޅުވުމާ އެކު ހައި ސްކޫލްގެ ގާތްނޑަކަށް 60،000 ސީނިއާ ދަރިވަރުން ވަނީ ކިޔަވަން ގޮހެވެ.
މިއީ ކޮރޯނާވައިރަސް ފެތުރޭތީ ވޫހާން އާއި އެ ސިޓީ ހިމެނޭ ހުބެއި ޕްރޮވިންސް ބަންދުވެފައި ތިން މަހަށް ވުރެ ގިނަ ދުވަހަށް ފަހު އާއްމު ދިރިއުޅުމަށް އަލުން އެނބުރި ދިއުމަށް އެޅި އެއް ފިޔަވަޅެވެ. ޖެނުއަރީ 23
ވަނަ ދުވަހު ބަންދުކުރި ވޫހާން ސިޓީގެ ލޮކްޑައުން ދޫކޮށްލާފައި ވަނީ އެޕްރީލް 8 ވަނަ ދުވަހު އެވެ.
ވޫހާންގެ ސްކޫލްތައް ހުޅުވި އިރު ޗައިނާ އިން ވަނީ ކޮރޯނާވައިރަސް ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފަ އެވެ. ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފައި ވަނީ އިއްޔެ އެ ގައުމުން ރިޕޯޓްކޮށްފައި ވަނީ ޕޮޒިޓިވް ދެ ކޭސް ކަމަށެވެ. އެއީ ވެސް ޗައިނާ އިން ބޭރުން އެ ގައުމަށް ދިޔަ ދެ މީހުންނެވެ. އެއްވެސް މަރެއް އިއްޔެ ރިޕޯޓެއް ނުކުރެ އެވެ.