ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ރާއްޖޭގައި ފުރަތަމަ ކައިވެނިކޮށްފި
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ރާއްޖޭގައި ފުރަތަމަ ކައިވެނިކޮށްފި

ފެމިލީ ކޯޓުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށްދޭން ފެށުމާ އެކު މިއަދު ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެންޏެއް ކޮށްފި އެވެ.

ކޮރޯނާވައިރަހުގެ ނުރައްކާ ބޮޑުވެސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައި ވާތީ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށްދޭނެ އުސޫލެއް އެކުލަވާލައި އަމަލުކުރަން ފެށީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

އެނގިފައިވާ ގޮތުގައި މިއަދު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރި ކައިވެންޏަކީ މީގެ ކުރިން ރޫޅިފައިވާ ކައިވެންޏެއް ރުޖޫއަކޮށް ކުރި ކައިވެންޏެކެވެ. އިތުރު ތަފްސީލެއް ނުލިބެ އެވެ.

ފެމިލީ ކޯޓުން ކޮށްދޭނީ، އެ ކޯޓުގެ އިހްތިސާސް ހިނގާ މާލެ ސަރަހައްދުގައި ކުރާ ކައިވެނިތަކެވެ.

ފެމިލީ ކޯޓުން ހަމަޖެއްސި އުސޫލުގައިވާ ގޮތުން، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރާ ކައިވެނިތަކުގައި ފުރިހަމަ ކުރަންޖެހޭނެ ކަންކަމާއި މަޖްލިސް ބާއްވާނެ ގޮތާއި ވަގުތު ކަނޑައަޅާނީ ކައިވެނީގެ ރަޖިސްޓްރާ އެވެ. އެގޮތުން ކައިވެނީގެ މަޖްލިސް ބޭއްވުމަށް ކަނޑައަޅާފައިވާ ވަގުތުގެ ކުރިން، ވީޑީއޯ ކޮންފަރެންސް ބާއްވަން ހަމަޖައްސާފައިވާ އޮންލައިން ޕްލެޓްފޯމަށް ލޮގިން ވާންޖެހޭނެ އެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނީގެ މަޖިލިސް ބޭއްވުމުގެ ކުރިން، ކައިވެނިކުރާ ދެ މީހުންނާއި ވަލީވެރިޔާ އަދި ހެކިވެރިން އިގުރާރުގައި ސޮއިކުރުމަށް ފަހު ކޯޓަށް ހުށަހަޅަންޖެހެ އެވެ. އަދި ކައިވެނީގެ މަޖިލީހަށް ކޮންމެހެން ހާޒިރުވާންޖެހޭ މީހުން ހާޒިރުވެ ތިބިކަމާއި ހާޒިރުވާންޖެހޭ މީހުންގެ އަޑާއި މަންޒަރު ސާފުކޮށް ލިބެމުންދާކަން، ކައިވެނިކޮށްދޭ މީހާ ކަށަވަރުކުރާނެ އެވެ.

ވީޑިއޯ ކޮންފަރެންސްކޮށް ކައިވެނިކޮށްދިން ކަމުގައި ވިއަސް، ކައިވެނީގެ މަޖިލިސް ފަށާނީ އާއްމު އުސޫލުންނެވެ. ކައިވެނީގެ ޚުތުބާ ކިޔައި، ކައިވެނީގެ އަގުދު ކޮށްދިނުމަށްފަހު "އަނބި ގަބޫލުކޮށްފީމޭ" ބުނާ އަޑު އަހައި އެކަން ކަށަވަރުކުރަން ވެސް ޖެހެ އެވެ.

ކޮވިޑް-19 ގެ ސަބަބުން، ބޭރަށް ނުކުމެ އުޅުން ރައްކާތެރި ކަމަކަށް ނުވާތީ އެހެން ބައެއް ގައުމުތަކުގައި ވެސް މީގެ ކުރިން އޮންލައިންކޮށް އާންމުކޮށް ނުދޭ ހިދުމަތްތައް މިހާރު އަންނަނީ ދެމުންނެވެ.