15 އޮކްޓޯބަރ 2016 - 23:07

ކިގާލީ (އޮކްޓޯބަރު 15) - ދުނިޔެ ހޫނުވުމަށް މެދުވެރި ކުރުވާ ގޭހުގެ ބާވަތެއް ކަމަށްވާ އެޗްއެފްސީ މަދު ކުރުމަށް ދުނިޔޭގެ 150 އަށް ވުރެ ގިނަ ގައުމުން އެއްބަސްވެއްޖެ އެވެ.

ހައިޑްރޯފްލޯރޯކާބަން ނުވަތަ އެޗްއެފްސީ އާއްމު ގޮތެއްގައި ބޭނުން ކުރަނީ ފްރިޖްތަކާއި އެއާކަންޑިޝަން އަދި އެއަރޮސޯލް ސްޕްރޭގެ ގޮތުގަ އެވެ.
ރުވާންޑާގެ ވެރިރަށުގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި ގައުމުތަކުން ވަނީ 1987 ވަނަ އަހަރުގެ މޮންޓްރިއަލް މުއާހަދާ އަށް ބަދަލު ގެނެސް މުއްސަނދި ގައުމުތަކުން 2019 އިން ފެށިގެން އެޗްއެފްސީ މަދުކުރުމަށް އެއްބަސްވެފަ އެވެ. ގޭސް މަދުކުރުމަށް އެއްބަސްވުމަކަށް އައުމަށް އެހީތެރިކަން ފޯރު ކޮށްދެއްވި އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ވިދާޅުވީ މިއީ ދުނިޔެ އަށް ޓަކައި ލިބުނު މުހިންމު ކާމިޔާބީއެއް ކަމަށެވެ.
އާ އެއްބަސްވުމުގައި އެޗްއެފްސީ މަދުކުރުމަށް ގައުމުތަކުން އަމަލު ކުރަމުން ގެންދާނީ ތިން ފިޔަވައްސަކަށެވެ. މި ގޮތުން ކުރިއަރާފައިވާ ގައުމުތައް ކަމަށްވާ ޔޫރަޕާއި އެމެރިކާ އިން 2019 ވަނަ އަހަރުގެ ފަހުން އެޗްއެފްސީ 10 ޕަސެންޓް މަދުކުރާނެ އެވެ. ތަރައްގީވަމުން އަންނަ ގައުމުތައް ކަމަށްވާ ޗައިނާ އަދި ލެޓިން އެމެރިކާގެ ގައުމުތަކުން 2024 ވަނަ އަހަރުން ފެށިގެން އެޗްއެފްސީ ފްރީޒް ކުރަން ފަށާނެ އެވެ.
ތަރައްގީވަމުން އަންނަ އެހެން ގައުމުތައް ކަމަށްވާ އިންޑިއާ، ޕާކިސްތާން، އިރާގު، އީރާން އަދި ގަލްފުގެ ގައުމުތަކުން އެޗްއެފްސީ ފްރީޒް ކުރަން ފަށާނީ 2028 ވަނަ އަހަރުން ފެށިގެންނެވެ. ދުނިޔޭގައި އެންމެ ގިނައިން އެޗްއެފްސީ އުފައްދާ ގައުމަކީ ޗައިނާ އެވެ. އެހެންވެ އެ ގައުމުން 2019 ގެ ފަހުން ނޫނީ އެޗްއެފްސީ މަދުކުރަން ފަށާނެ ކަމަކަށް ނުބެލެވެ އެވެ. އިންޑިއާ އިން އެޗްއެފްސީ 10 ޕަސެންޓަށް ދަށްކުރާނެ ކަމަށް ބެލެވެނީ 2023 ވަނަ އަހަރުގެ ފަހުންނެވެ. މިއީ މި ދެ ގައުމަށް ދީފައިވާ ލުޔެކެވެ.
ތަޖްރިބާކާރުން ބުނަނީ މި އެއްބަސްވުމަކަށް ފުުރިހަމަ އަށް އަމަލުކޮށްފި ނަމަ 2050 ވަނަ އަހަރާ ހަމައަށް ދާއިރު 70 ބިލިއަން ޓަނުގެ ކާބަންޑައިއޮކްސައިޑް ޖައްވުން ހުސްކުރެވޭނެ ކަމަށެވެ.