ކައުންސިލް އިންތިޚާބުގެ މައްސަލާގައި ބާ ކައުންސިލުން ދެކޭ ގޮތް ހާމަކުރަން ނިންމި ނިންމުން ބަދަލުކޮށްފި
ކައުންސިލް އިންތިޚާބުގެ މައްސަލާގައި ބާ ކައުންސިލުން ދެކޭ ގޮތް ހާމަކުރަން ނިންމި ނިންމުން ބަދަލުކޮށްފި

ލޯކަލް ކައުންސިލް އިންތިޚާބުގެ މައްސަލާގައި ބާ ކައުންސިލުން ދެކޭ ގޮތެއް ހާމަކުރަން ނިންމި ނިންމުން އެ ކައުންސިލުން ބަދަލުކޮށްފި އެވެ.

ކައުންސިލް އިންތިޚާބުގެ ފަސްކުރުމުގެ މައްސަލާގައި ޚިޔާލު ތަފާތުވުންތަކެއް އުފެދުނީ އާ ކައުންސިލް މެމްބަރުން އިންތިޚާބު ކުރެވެންދެން މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރަން ހުށަހެޅުމުންނެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް އޮތުމުން ކަމަށް ބުނެ ބައެއް މެމްބަރުން ވަނީ މި ހާލަތުގައި ގާނޫނުއަސާސީ އިސްލާހު ނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން މިދިޔަ މަހު ބާ ކައުންސިލުން ނިންމާފައިވަނީ ކައުންސިލް އިންތިޚާބުގެ މައްސަލާގައި އެކި ފަރާތްތަކުން އެކި ގޮތަށް ގާނޫނީ ޚިޔާލު ފާޅުކުރުންތައް އާންމު ކުރަމުންދާތީ އާއި އެކަމަކީ އާންމު މަސްލަހަތާ ގުޅުންހުރި ކަމަކަށް ވާތީ އެކަމުގައި ބާ ކައުންސިލުން ދެކޭ ގޮތެއް އެކުލަވާލައި، އާންމު ކުރުމަށެވެ.

އެކަމަކު ބާ ކައުންސިލުން އިއްޔެ ނިންމާފައިވަނީ އެކަމުގައި އެ ކައުންސިލުން ދެކޭ ގޮތެއް އާންމު ނުކުރުމަށެވެ.

ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ވިދާޅުވީ އެގޮތަށް ނިންމެވީ އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރުން އެކަމާ މެދު އިތުރަށް މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

ބާ ކައުންސިލުން އެގޮތަށް ނިންމިއިރު، ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބަދަލުގައި މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ޚާއްސަ ގާނޫނެއް ވުޖޫދަށް ގެނައުމުގެ ބިލެއް މިހާރު އޮތީ މަޖިލީހަށް ހުށަހަޅައި، ބަލައިގެންފަ އެވެ. އެކަމަކު ގާނޫނު އަސާސީ އިސްލާހު ނުކޮށް، ގާނޫނަކުން އެ ބަދަލު ނުގެނެވޭނެ ކަމަށް ބައެއް މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި އެ ބިލުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފަ އެވެ.

ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ވަކީލުން ރެގިއުލޭޓްކުރާ ބާ ކައުންސިލަށް އާންމު މަސްލަހަތާ ގުޅުންހުރި ކަންކަމުގައި އެ ކައުންސިލުން ދެކޭ ގޮތެއް އާންމު ކުރުމުގެ ބާރު އެ ގާނޫނުގެ ދަށުން އޮވެ އެވެ. އެކަމަކު މިހާތަނަށް އެފަދަ ކަމެއްގައި އެ ކައުންސިލުން ދެކޭ ގޮތެއް އާންމެއް ނުކުރެ އެވެ.