06 މެއި 2020 - 16:50

މިއަހަރުގެ މިހާތަނަށް 4.7 މިލިއަން މާސްކް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން ބުނެފި އެވެ.
މިއަދު މެންދުރު ބޭއްވި ނޫސް ކޮންފަރެންސްގައި ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ޝަރީފު ވިދާޅުވީ، މާސްކްގެ އިތުރުން ޑިސްއިންޕެކްޓް ކުރުމަށް ބޭނުން ކުރާ ގިނަ ސާމާނު ވެސް ރާއްޖެ އެތެރެކޮށްފައިވާ ކަމަށެވެ. އެގޮތުން 240 މެޓްރިކް ޓަނުގެ ޑިސްއިންފެކްޓް ކުރާ ސާމާނު އެތެރެކޮށްފައިވެ އެވެ. މީގެ އިތުރުން 59 ޓަނުގެ އަތް ދޮންނަ ސާމާނު ވެސް ރާއްޖެއަށް ވަނީ އެތެރެކޮށްފަ އެވެ.
ކޮވިޑް-19 އަށް ރާއްޖެއިން 550 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ އިރު، ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އަޅައިފަ އެވެ. އެގޮތުން އާންމުން ގެއިން ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގައި މާސްކު އެޅުމަށް ސިއްހީ އިދާރާތަކުން އިރުޝާދު ދެ އެވެ.
ޝަރީފު ވިދާޅުވީ، މިއަހަރުގެ އޭޕްރީލް މަހުގެ ނިއަލަށް ކަސްޓަމްސްގެ ހުރިހާ ޕޯޓުތަކެއް މެދުވެރިކޮށް 60،000 ވުރެ ގިނަ ކަސްޓަމްސް ޑިކްލެރޭޝަން ނިންމާފައިވާ ކަމަށެވެ.
ކަސްޓަމްސް ޑިކްލެރޭޝަކީ، ރާއްޖެއަށް އިމްޕޯޓު އަދި އެކްސްޕޯޓު ކުރާ މުދާ ކްލިއާ ކުރުމުގައި ކަސްޓަމްސްއިން ދޭ ހުއްދަ އެވެ.
"މިހާރު ވެސް އެވްރެޖުކޮށް ދުވާލަކު 200 ޑިކްލަރޭޝަން އަޅުގަނޑުމެން ނިންމަމުން މިދަނީ. ކަސްޓަމްސް އަށް ހުށަހެޅޭ ޑިކްލަރޭޝަންތަކުގައި ރިސްކް މެނޭޖްމެންޓް ބޭނުންކޮށްގެން ސްޕީޑު އަވަސްކޮށްގެން ދުވަހުން ދުވަހަށް މަސައްކަތް ނިންމާކަން އުފަލާ އެކު ފާހަގަކުރަން،" އޭނާ ވިދާޅުވި އެވެ.
މުދަލުގެ ޑިކްލެރޭޝަނުގެ އިތުރުން މިއަހަރުގެ މިހާތަނަށް 361 އުޅަނދެއް ރާއްޖެއަށް އައިސްފައިވެ އެވެ. އަދި މި އުޅަނދުތަކަށް ކަސްޓަމްސް އިން ކްލިއަރެންސް ދީފައިވެ އެވެ. މިމަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް 400 އަށް ވުރެ ގިނަ އުޅަނދަށް ރާއްޖެއިން ފުރުމުގެ ހުއްދަ ވެސް ކަސްޓަމަސް އިން ދީފައިވެ އެވެ.
ޝަރީފު ވިދާޅުވީ، ކޮވިޑް-19 ހާލަތުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ވާނެ ގޮތަށް ކަސްޓަމްސްގެ ހިދުމަތްތައް ދިނުމަށެވެ. އެގޮތުން ސިއްހީ އިދާރާތަކުގެ އެހީގައި މުހިއްމު ނިންމުންތަކެއް ވެސް ކަސްޓަމްސް އިން އަންނަނީ ނިންމަމުންނެވެ. ޝަރީފު ވިދާޅުވީ، މި ހާލަތުގައި ބޭރުގެ އެހީތެރިކަން ލިބެމުންދާ އިރު، އެގޮތަށް އަންނަ އެހީގެ ޝިޕްމެންޓްތައް ވީ އެންމެ އަވަހަކަށް ކްލިއާ ކުރުމަށްޓަކައި ހާއްސަ އިސްކަމެއްދޭ ކަމަށެވެ.